Last Updated: April 27, 06:22
Saturday, April 27, 2024
ދުނިޔެ

އެމެރިކާގެ ހައުސްގެ ރިޔާސަތު ބެލެހެއްޓުން މުސްލިމު އަންހެނަކަށް

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރިޔާސަތު ފުރަތަމަ ފަހަރަށް މުސްލިމް އަންހެނަކު ބަލަހައްޓައިފިއެވެ.

މި ޝަރަފު ހޯދާފައިވަނީ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގައި މިޝިގަން ސްޓޭޓު ތަމްސީލު ކުރައްވާ ޑިމޮކްރެޓިކް ޕާޓީގެ މެމްބަރު ރާޝިދާ ތުލައިބުއެވެ.

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ އަޣުލަބިއްޔަތު އޮންނަނީ ޑިމޮކްރަޓިކް ޕާޓީއަށް ކަމަށްވާއިރު ރައީސްކަމުގައި ހުންނަވަނީ ޑިމޮކްރޭޓެކެވެ. ނަމަވެސް ރައީސް ނެތް ހާލަތުގައި ދެން ރިޔާސަތު ބަލަހައްޓާނީ ޕާޓީން ކަނޑައަޅާ މެމްބަރުންނެވެ.

އެ ޖަލްސާއަށްފަހު ކުރެއްވި ޓްވީޓެއްގައި ރާޝިދާ ވަނީ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރިޔާސަތު ބެލެހެއްޓުމަކީ ލިބުނު ވަރަށް ބޮޑަށް ޝަރަފެއް ކަމަށެވެ.

މިފަދަ ޝަރަފެއް ރާޝިދާ އަށް ލިބިވަޑައިގެންނެވިއިރު އޭނާ އަކީ އެމެރިކާގެ ކޮންގްރެސް އަށް ފުރަތަމަ ފަހަރަށް ހޮވިވަޑައިގެންނެވި މުސްލިމް އަންހެން މެމްބަރުވެސް މެއެވެ. ގާނޫނީ ރޮނގުން ޑިގްރީ ހާސިލް ކުރައްވާފައިވާ ރާޝިދާ ވަނީ އެޓާނީއެއްގެ ގޮތުން ވެސް މީގެކުރިން މަސައްކަތް ކުރައްވާފައެވެ.

އެމެރިކާގެ ކޮންގްރެސް އަށް ހޮވުނު ފުރަތަމަ މުސްލިމަކީ މިނެސޮޓާގެ ގޮނޑި 2006 ވަނަ އަހަރުކާމިޔާބު ކުރެއްވި ކެއިތު އެލިސަންއެވެ. އޭގެ ފަހުން މުސްލިމް ދެ ވަނަ މެންބަރެއްގެ ގޮތުގައި ކޮންގްރެސް އަށް އިންތިޚާބުވީ އިންޑިއާނާގެ ގޮނޑި 2008 ވަނަ އަހަރު ކާމިޔާބު ކުރެއްވި އަންދްރޭ ކާސަންއެވެ.