Last Updated: March 28, 16:38
Thursday, March 28, 2024
ޚަބަރު

އީދު ބަންދާ ދިމާކޮށް ސްރީލަންކަންގެ ދަތުރުތަކަށް ބަދަލުގެނެސްފި

ގަން އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިޔާ އާއި ސްރީލަންކާ އަދި އެހެނިހެން މަންޒިލުތަކަށް އުދުހެމުން އަންނަ ސްރީ ލަންކަން އެއާލައިންސުން ފިތުރު އީދު ބަންދާ ދިމާކޮށް ކަސްޓަމަރުންނަށް ދަތުރުކުރުމުގައި ލުޔެއް ދިނުމުގެ ގޮތުން ފްލައިޓުތަކަށް ބަދަލު ގެނެސްފިއެވެ.

އެގޮތުން މޭ 30 އަދި ޖޫން 2 ގައި އޮތް ފްލައިޓުތައް ގަމުން ކޮޗިން، ޓްރިވެންޑްރަމް، ކުއަލަ ލަމްޕޫރް، ޑާކާ އަދި ޖަކާޓާއަށް ސީދާ ދަތުރު އަޅާނެއެވެ. މީގެ ސަބަބުން ލަންކާގައި ދަތުރުވެރިން މަޑުކުރާކަށް ނުޖެހި ދާން ބޭނުންވާ މަންޒިލުތަކަށް އެއް ދަތުރެއްގައި ދެވޭނެއެވެ.

އަދި 15 ޖޫންގައި މިމަންޒިލުތަކުން އެނބުރި ގަމަށް އަންނަ ދަތުރުވެރިން ވެސް ލަންކާގައި މަޑު ކުރަން ނުޖެހި ސީދާ ގަމަށް އާދެވޭނެ އިންތިޒާމްވެސް ވަނީ ސްރީލަންކަން އިން ހަމަ ޖައްސާފައެވެ. ދަތުރުތަކަށް ބަދަލުގެނެސްފައި މިހާރު ފުރުން ހަމަޖެހިފައިވާ ގަޑިތަކަކީ މޭ 30 އަދި ޖޫން 2 ގައި ކޮލޮމްބޯ އިން ފުރުން؛ ދަންވަރު 01:30، ގަމަށް ޖެއްސުން 02:50 އަދި ގަމުން ފުރުން 03:50 އެވެ. މިބޯޓު ދަތުރުވެރިންނާއެކު ލަންކާގެ ކޮލޮމްބޯއަށް ޖައްސާނީ ހެނދުނު 06:10 ގައެވެ.