Last Updated: April 19, 13:47
Friday, April 19, 2024
ރިޕޯޓް

އީސީ ޝަރީފުގެ އުދާސްތައް ބަންޑުންކޮށްލައިފި

އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފް -- ފޮޓޯ / މިހާރު

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި ވަރަށް ގާތްކޮށް މަސައްކަތްޕުޅު ކުރެއްވި ބޭފުޅެކެވެ.

ޚާއްސަ ގޮތެއްގައި ޝަރީފުގެ ސިޔާސީ ހަޔާތް ފައްޓަވާފައި ވަނީ ރައީސް ޔާމީން އޭރު އިސްކޮށް ހުންނަވައިގެން އުފެއްދެވި ޕީޕަލްސް އެލަޔަންސް (ޕީއޭ)ގައެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ޝަރީފު ވަނީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަޤާމު އަދާ ކުރައްވާފައެެވެ. އަދި ޕީޕީއެމް ހިންމުގުމުގައި ޝަރީފު ވަނީ އިސް ދައުރެއް ރައީސް ޔާމީން އާއި އެކު އަދާ ކުރައްވާފައެވެ. އޭގެފަހުން އެމަނިކުފާނު ވަނީ ޕީޕީއެމްގެ މެޖޯރިޓީ އޭރު އޮތް ރައްޔިތުންގެ މަޖިލީހުގެ ތާއިދާއި އެކު އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަޤާމަށް އައްޔަންކޮށްފައެެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަޤާމަށް ޝަރީފު ޢައްޔަން ކުރެއްވުމާއި އެކު އެތައް ބަޔަކު ޝަރީފަށާއި ރައީސް ޔާމީނަށް ދިޔައީ ފާޑު ކިޔަމުންނެވެ. މިހާރު ވެރިކަމުގައި ތިއްބެވި ފަރާތްތަކުންވެސް ރިޔާސީ އިންތިޚާބު ރައީސް ޔާމީނަށް ކާމިޔާބު ކޮށްދެއްވުމަށް ޝަރީފު މަސައްކަތް ކުރެއްވި ވާހަކައަކީވެސް އޭރު އެންމެ ގިނައިން ދެކެވިގެން ދިޔަ ވާހަކަތަކެކެވެ.

ނަމަވެސް މިއަދު މަންޒަރު ބަދަލުވެއްޖެއެވެ. ރައީސް ޔާމީނާއި ޝަރީފާއި ދެބޭފުޅުންނަކީ މިއަދު "ކަނޑިއާ ކަނޑި"އޭ ދެންނެވިއަކަސް ދޮގަކަށް ނުވާނެއެވެ. މިއަދު ޝަރީފު ރައީސް ޔާމީނަށް ކިޔަމުންދިޔަ ސަނާތައް ހުއްޓިއްޖެއެވެ. މިއަދު ޝަރީފު ވިދާޅުވާ ގޮތުގައި ރައީސް ޔާމީނާއި އެކު ދެން ދުވަހަކުވެސް މަސައްކަތްޕުޅެއް ނުކުރައްވާނެއެވެ.

ޕީއެސްއެމް ނިއުސްގެ "އެކްސްކްލޫސިވް" ޕްރޮގްރާމުގައި ޝަރީފު ވަނީ އޭނާގެ އުދާސްތަކާއި ޢާއްމުންގެ ހިތުގައި މިހާތަނަށް އުފެދިފައިވާ އެތައް ސުވާލެއްގެ ޖަވާބު ދެއްވާފައެވެ.

ވެރިކަމުގެ ފަހު ދުވަސްކޮޅު ޔާމީންގެ ޕާސަރނަލިޓީ ވަރަށް ތަފާތު

ޝަރީފު ވިދާޅުވީ ރައީސް ޔާމީނުގެ އަރިހަށް ކަމެއްގައި މަޝްވަރާ ކުރުމަށް ވަޑައިގެންނެވި ނަމަވެސް އެމަނިކުފާނަށް އެއްޗެއް ވިސްނައި ދެއްވޭނީ ވަރަށް އުނދަގުލުން ކަމަށެވެ. އެތައް ފަހަރަކު އެތައް ގޮތަކުން ކުރަން އުޅޭ ކަމުގެ އެންމެ އަޑިއަށް ރައީސް ޔާމީން ފީނާނެ ކަމަށާއި އެކަމެއް ކޮށްގެން ނިކުންނާނެ ނަތީޖާތަކާއި އެތައް އެތައް ކަމެއް ރައީސް ޔާމީން ވިސްނަވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"ވާހަކައަކީ ހުރިހާ ކަލްކިއުލޭޝަންތަކެއް ރައީސް ޔާމީނަށް ދައްކައިގެން ޖަސްޓިފައި ވެގެން ނޫނީ ރައީސް ޔާމީން ކަމެއް ޤަބޫލެއް ނުކުރައްވާނެ،" ޝަރީފް ވިދާޅުވިއެވެ.

"އެހެންނަމަވެސް އަޅުގަނޑަށް ފާހަގަކުރެވުނީ ވެރިކަމުގެ ފަހު ދުވަސްކޮޅުގައި ވަރަށް ބޮޑަށް ވީކް ވެގެން ވާހަކައަކީ ރައީސް ޔާމީންގެ އަސްލު ރައީސް ޔާމީނުގެ ޕާރސަނަލިޓީ ގެއްލިފައި އޮތްތަން އަޅުގަނޑަށް ފެނިގެން ދިޔައީ. ރިޔާސީ އިންތިޚާބަށް ފަހުގައިވެސް އަސްލުގައި ދިމާވީ އެކަހަލަ ކަމެއް،" ޝަރީފް ވިދާޅުވިއެވެ.

އޭނާ ޤަބޫލުކުރާ ގޮތުގައި ރައީސް ޔާމީންގެ ނާއިބު ރައީސެއްގެ ގޮތުގައި ހުންނެވި ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު ރައީސް ޔާމީނާއި މެދު ކަންކަން ކުރެއްވި ގޮތުގެ ސަބަބުން އިތުބާރު ކުރަންވި ބޭފުޅުން ރައީސް ޔާމީން އޮޅިވަޑައިގެންދިޔަ ކަމަށެވެ.

"މިސާލަކަށް ރައީސް ޔާމީންގެ އެންމެ އަރިސްކޮށް ހުންނެވި ބޭފުޅާގެ އިތުބާރުގެ މައްސަލައެއް ދިމާވި އިނގޭތޯ. ނާއިބު ރައީސް އަދީބުގެ މައްސަލަ. އޭގެފަހުން ރައީސް ޔާމީން އަޅުގަނޑަށް ފެނިގެން ދިޔައީ ވަރަށް ތަފާތު މީހެއްގެ ސިފައިގައި. ކާކަށްތޯ އިތުބާރު ކުރާނީ ކާކަށްތޯ އިތުބާރު ނުކުރާނީ. އެކަން ޑިސައިޑު ކުރުމުގައި އުނދަގޫތަކެއް ކުރިމަތިވި،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ އިތުބާރުގެ މައްސަލައަކީ ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުވެސް ކާމިޔާބު ކުރުމަށް ކުރިމަތިިވި ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.

އިންތިޚާބުގެ ނަތީޖާގެ ސަބަބުން ޝަރީފު ހައްޔަރުކުރަން އުޅުނު ތުހުމަތު!؟

ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ލިބިވަޑައިގެންނެވި ބޮޑު ނާކާމިޔާބީއާ ގުޅިގެން ރައީސް ޔާމީނާއި ޝަރީފާއި ދެބޭފުޅުންގެ ދެމެދުގައި އޮތް ގުޅުން ވަރަށް ބޮޑަށް ކަފިވެގެންދިޔައެވެ. ޝަރީފް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ނަތީޖާ އިޢުލާން ކުރުމާއި ހަމައަށް ރައީސް ޔާމީނާއި ޝަރީފާއި ދެބޭފުޅުންގެ ގުޅުމަށް އެއްވެސް އަސަރެއްވެސް އަދި އެއްވެސް މައްސަލައެއްވެސް ނުޖެހެއެވެ. އިންތިޚާބުގެ ނަތީޖާ އިޢުލާން ކުރެއްވި ފަހުންވެސް ރައީސް ޔާމީން ޝަރީފަށް ގުޅުއްވާ ދެން ކަންތައް ކުރަންވީ ކިހިނެއްތޯ ސުވާލު ކުރެއްވި ކަމަށްވެސް ޝަރީފުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

"އަޅުގަނޑު ދެންނެވިން އަޅުގަނޑަށް ފެންނަ ގޮތަކީ ރައީސް ޔާމީން ބަލި ޤަބޫލުކުރައްވާފައި ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް ތައްޔާރުވެވަޑައިގަތުމޭ. އެއީއޭ އެންމެ ބުއްދިވެރި ގޮތަކީ. ކޮންމެ ގޮތަކަށްވިއަސް ރައްޔިތުން ނިންމާފައި އޮތް ގޮތެއް ބަދަލެއް ނުކުރެވޭނޭ އެގޮތް ބަދަލު ކުރުމަކީ އަޅުގަނޑަށް ހަމަ ޔަގީނުންވެސް ކުރެވޭނެ ކަމެއް ނޫންކަމަށް ރައީސް ޔާމީނަށް އަޅުގަނޑު ދެންނެވި،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އިންތިޚާބުގެ ނަތީޖާ ރައީސް ޔާމީން ޤަބޫލުފުޅު ކުރެއްވީވެސް ޝަރީފަށް ގުޅުމަށްފަހު ކަމަށެވެ. ނަމަވެސް އިންތިޚާބުގެ ނަތީޖާ ބާތިލް ކުރުމަށްޓަކައި ޝަރީފު ހައްޔަރު ކުރަން ރައީސް ޔާމީން މަސައްކަތްޕުޅު ކުރެއްވި ކުރެއްވުމަކީ އަދިވެސް ޤަބޫލުކުރަން ދަތިވާ ކަމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

"ސަބަބަކީ ރައީސް ޔާމީނާއި އަޅުގަނޑާއި އެ އޮތް ސިޔާސީ ގުޅުމަކީ އެއަށްވުރެ މާ ހަރުދަނާކޮށް އޮތް ގުޅުމެއް ކަމުގައި އަޅުގަނޑު ގަބޫލުކުރީ. ނަމަވެސް އަޅުގަނޑަށް ފަހުން އެކަމުގެ ހެކި ލިބުމާއި އެކުގައި އަޅުގަނޑު ގަބޫލުކޮށްފިން ރައީސް ޔާމީނުގެ އަރިހުގައި މަސައްކަތް ކުރައްވާ ހަމަ ކޮންމެ މީހަކަށްވެސް ހަމަ ލަނޑު ދެއްވާފާނެކަން،" ޝަރީފު ވިދާޅުވިއެވެ.

ނިދާފައި އޮއްވާވެސް ހައްޔަރު ނުކުރާނެ ކަމުގެ ޔަގީންކަމެއް ނެތް!

ޝަރީފް ވިދާޅުވި ގޮތުގައި އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނާއި އެ ކޮމިޝަންގެ އިސް ބައެއް މުވައްޒަފުންނަށް އެތައް މިލިއަން ރުފިޔާއަކުން ޝަރީފާއި ދެކޮޅަށް ބަޔާން ދިނުމަށް އެދި ރިޝްވަތު ހުށަހަޅާފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ކޮމިޝަންގެ ބައެއް މެންބަރުންނަށް ތަފާތު ފަރާތްތަކުން ރިޝްވަތު ހުށަހަޅުއްވާފައި އެބަހުރި. އަޅުގަނޑާއި ދެކޮޅަށް ބަޔާން ދެއްވުމަށް. 12 މިލިއަނުން 10 މިލިއަނުން ހުށަހަޅާފައި އެބަހުރި. އެ މެންބަރުން އަޅުގަނޑު ގާތުގައި ސީދާ ބުނެފައި އެބަހުރި،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ ޕީޕީއެމާއި ޕީޕީއެމްގެ ސަޕޯޓަރުންގެ ސަބަބުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނާއި އެ ކޮމިޝަނުގެ މުވައްޒަފުންނަށް ނަފްސާނީ އެތައް އަނިޔާއެއް ދިން ކަމަށެވެ. ޝަރީފް ވިދާޅުވީ އޭނާ ހައްޔަރު ކުރަން އުޅޭ ކަމަށްބުނެ ދައްކަމުން ދިޔައީ ތޯތޯ ވާހަކަތަކެއް ނޫން ކަމަށެވެ. ރައީސް ޔާމީނަށް ޝަރީފް ހައްޔަރިު ކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް އޭރު ކުރެއްވި ކަމަށް ޝަރީފްގެ ވާހަކަފުޅުގައި ތުހުމަތު ކުރެއްވިއެވެ.

"ނިދާފައި ތިއްބާ އައިސް ޕޮލިހުން ވަދެ ހައްޔަރުކޮށްގެން ނުގެންދާނެ ކަމުގެ ޔަގީން ކަމެއް ނެތް. މަގުމަތިން އަޅުގަނޑުމެންގެ ސްޓާފުންނާއި ދިމާކޮށް ތަޅައިގަންނަން ބުނެ ވަޅި ހަރަންބުނެ މިފަދަ ކަންކަން ކޮށްފައި އެބަހުރި. ރޭގަނޑު ދަންވަރު އަޅުގަނޑުމެންގެ ބައެއް ކޮމިޝަނަރުންގެ ގޭގައި ދޮރުގައި ތަޅާ އުނދަގޫކޮށް ޖެއްސުން ކޮށްފައި އެބަހުރި." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އޭނާއަށާއި އޭނާގެ މުވައްޒަފުންނަށް ދިން އަނިޔާއެއް ދީފައި ހުރީ އެއްވެސް ސަބަބަކާއި ނުލައި ކަމަށެވެ. އަދި އެފަދަ ކަމެއް ރައީސް ޔާމީންގެ ސަޕޯޓަރުން ކުރަމުން ގެންދިިޔައިރު ރައީސް ޔާމީން އެކަމާ ދެކޮޅަށް އެއްވެސް އެއްޗެއް ވިދާޅުވެފައި ނެތުމުން ޝަރީފް ހިތާމަ ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.