Last Updated: April 18, 03:29
Thursday, April 18, 2024
ކުޅިވަރު

ބުންޑަސްލީގާ: ޖެހިޖެހިގެން ހަތްވަނަ ފަހަރަށް ބަޔާން ތަށި އުފުލާލައިފި

ބަޔާން މިއުނިކްގެ ކުޅުންތެރިން ލީގުގެ ޝީލްޑް އުފުލާލަނީ. --ފޮޓޯ: ޓުވިޓާ

ޖަރުމަން ބުންޑަސްލީގާގައި މިރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި 5-1 ގެ ނަތީޖާއަކުން އެއިންޓްރަކްޓް ފްރޭންކްފާޓް ބަލިކުރުމަށްފަހު ބަޔާން މިއުނިކުން ޖެހިޖެހިގެން ހަތްވަނަ ފަހަރަށް ލީގު ތަށި އުފުލާލައިފިއެވެ. މިއީ މިމުބާރާތުގެ ތަށި ބަޔާން އިން ކާމިޔާބުކުރި 29 ވަނަ ފަހަރެވެ.

މިރޭގެ މެޗާއެކު ބަޔާން އިން ލީގު ނިންމާލީ 78 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ. ލީގަށް ވާދަކުރި ބޮރޫޝިޔާ ޑޯޓްމަންޑަށް 34 މެޗުން 76 ޕޮއިންޓް ލިބުނުއިރު ތިންވަނައިގައި އޮތް ރެޑްބުލް ލިޕްޒީގަށް ލިބުނީ 66 ޕޮއިންޓެވެ. ހަތަރުވަނައިގައި އޮތް ބަޔާ ލެވަކޫސަން އަށް ލިބުނީ 58 ޕޮއިންޓެވެ.

ބަޔާންގެ އެލިއާންޒް އެރީނާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ކުޅުން ފެށިތާ ހަތަރުވަނަ މިނެޓުގައި އެ ޓީމަށް ލީޑް ނަގައިދިނީ ފްރާންސްގެ ވިންގާ ކިންގްސްލީ ކޮމަން އެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމެންދަނިކޮށް ބަޔާންގެ ޖަރުމަން މިޑްފީލްޑަރު ލެއޮން ގޮރެޓްޒްކާ އަށް އަނިޔާވެގެން ބަދަލުކުރިއިރު އޭނާގެ ބަދަލުގައި ކުޅެން ނިކުތީ ޕޯޗުގަލްގެ ޒުވާން މިޑްފީލްޑަރު ރެނާޓޯ ސަންޗޭސް އެވެ. މި ހާފު ނިމުނީ 1-0 އިން ބަޔާން ކުރީގައިއޮވެގެންނެވެ.

ފްރޭންކްފާޓުން ދެވަނަ ހާފަށް ނިކުތީ ބަދަލަކާއެކުގައެވެ. އެގޮތުން އެ ޓީމުގެ ކޯޗު ވަނީ ޖޮނަތަން ޑެ ގުޒްމަންގެ ބަދަލުގައި ސެބާސްޓިއަން ހޮލާ ކުޅެން ނެރެފައެވެ. އޭގެނަތީޖާއެއްގެ ގޮތުން، ދެވަނަ ހާފުގެ ކުޅުން ފެށިގެން ފަސްވަނަ މިނެޓުގައި ފްރޭންކްފާޓަށް އެއްވަރުކޮށްދިނީވެސް ހޮލާ އެވެ.

ފްރޭންކްފާޓްއާ ދެކޮޅަށް ބަޔާން ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ބަޔާން މިއުނިކް

އޭގެ ތިން މިނެޓުފަހުން، ޑޭވިޑް އަލަބާ ވަނީ ބަޔާން އަށް އަލުން ލީޑް ނަގައިދީފައެވެ. މެޗުގެ 58 ވަނަ މިނެޓުގައި ބަޔާންގެ ތިންވަނަ ލަނޑު، ސަންޗޭސް ޖަހައިދިންއިރު މި ހާފުގައި ކުޅެން ނިކުތް ފްރޭންކް ރިބެރީ ވަނީ ފްރޭންކްފާޓުގެ ދެކުޅުންތެރިން ދޭތެރެެއިން ވަރަށް ރީއްޗަށް ދެމިގަތުމަށްފަހު މެޗުގެ 72 ވަނަ މިނެޓުގައި ނަތީޖާ 4-1 އަށް ބަދަލުކޮށްލާފައެވެ.

މެޗު ނިމެން 12 މިނެޓަށްވެފައިވަނިކޮށް ބަޔާންގެ ފަހު ލަނޑުޖަހައިދިނީ އާރެން ރޮބެން އެވެ. މި ސީޒަނަށްފަހު ބަޔާން ދޫކޮށްލުމަށް ނިންމާފައިވާ ރޮބެން ވަނީ މި މެޗުގައި ކާމިޔާބުކުރި ގޯލާއެކު އެ ޓީމަށް ލީގުގައި 99 ލަނޑު ހަމަކޮށްފައެވެ. އޭގެފަހުން، މެޗުގެ 82 ވަނަ މިނެޓުގައި ރޮބެންގެ 100 ލަނޑު ހަމަކުރުމަށް ވަރަށް ރަނގަޅު ފުރުޞަތެއް އޭނާ އަށް ލިބި ބޭކާރުވެފައިވެއެވެ. މި މުބާރާތުގެ ތަށްޓާއެކު ރެކޯޑް 9 ވަނަ ފަހަރަށް ބަޔާންއާއެކު ރިބެރީ ލީގު ކާމިޔާބުކުރިއިރު ރޮބެން ވަނީ 8 ފަހަރު ތަށި ހޯދައިފައެވެ.

ލީގުގައި މިރޭ ޑޯޓްމަންޑް ކުޅުނު މެޗުގައި ޖޭޑަން ސަންޗޯ އާއި މާކޯ ރޮއިސް ކާމިޔާބުކުރި ގޯލްތަކުން ބޮރޫޝިއާ މޮންޗެންގްލަޑްބަކް އަތުން 2-0 އިން މޮޅުވިނަމަވެސް އެ ޓީމަށް ލީގު ނިންމާލަންޖެހުނީ ދެވަނައިގައި އޮވެގެންނެވެ.