Last Updated: April 25, 06:02
Thursday, April 25, 2024
ކުޅިވަރު

ސްޓާލިންގެ ހެޓްރިކާއެކު ސިޓީން ސީޒަނުގެ ތިންވަނަ ތަށި ހޯދައިފި

އިނގިރޭސި އެފްއޭކަޕްގެ ފައިނަލުގައި ވަޓްފޯޑް ކޮޅަށް ރަހީމް ސްޓާލިން ވައްދާލި ހެޓްރިކާއެކު ބޮޑު ތަފާތަކުން އެ ޓީމު ބަލިކޮށް މެންޗެސްޓާ ސިޓީ އިން މި ސީޒަނުގެ ތިންވަނަ ތަށި ހޯދައިފިއެވެ. މި މެޗުން ސިޓީ މޮޅުވީ 6-0 އިންނެވެ.

މިއީ އިނގިރޭސިވިލާތުގެ ފުޓްބޯޅައިގެ ތާރީޚުގައި ފިރިހެން ޓީމަކުން ޑޮމެސްޓިކް 'ޓްރެބަލް' ކާމިޔާބުކުރި ފުރަތަމަ ފަހަރަށްވާއިރު މިއީ ސިޓީން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ހަވަނަ ފަހަރެވެ.

ސިޓީން މި ސީޒަނުގައި ދެން ކާމިޔާބުކުރީ އިނގިރޭސި ޕްރިމިއާ ލީގާއި ކަރަބާއޯ ކަޕެވެ. މި ސީޒަނުގައި 'ކުއަޑްރަޕްލް' އަށް އަމާޒު ހިފައިގެން ހަތަރު ތަށި ކާމިޔާބުކުރުމަށް ނިކުތް ސިޓީ އަށް ލިބުނު އެންމެ ބޮޑު ނާކާމިޔާބީ އަކީ ޗެމްޕިއަންސް ލީގުގައި ރަނގަޅު ހިސާބަކަށް ނުދެވުމެވެ. ޗެމްޕިއަންސް ލީގުގައި ކުއާޓާ ފައިނަލްގެ ދެވަނަ ލެގުގައި އަމިއްލަ ދަނޑުގައި 4-3 އިން މޮޅުވިނަމަވެސް ދެމެޗުގެ އެގްރިގޭޓުން 4-4 އިން އެއްވަރުވުމުން އެ ޓީމު ސެމީ އަށް ނުގޮސް ކެޓީ މިހާރު އެ މުބާރާތުގެ ފައިނަލަށް ގޮސްފައިވާ ޓޮޓެންހަމް ހޮޓްސްޕާ އަތުންނެވެ.

އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގެ ކުރީކޮޅު، ވަޓްފޯޑްގެ ރޮބާޓޯ ޕެރޭރާ އަށް ވަނީ އެ ޓީމަށް ލީޑްނަގައިދިނުމަށް ރަނުގެ ފުރުޞަތެއްލިބި ބޭކާރުވެފައެވެ. މެޗުގެ 11 ވަނަ މިނެޓުގައި ވަޓްފޯޑްގެ ޖެރާޑް ޑެލެފޮއޫ ދިން ރީތި ޕާހަކުން ޕެރޭރާ ފޮނުވާލި ހަމަލާ ސިޓީގެ ގޯލްކީޕަރު އެޑަސަން މޮރައެސް މަތަކުރިއެވެ.

މި މެޗުގައި ސިޓީން ކާމިޔާބުކުރި ފުރަތަމަ ލަނޑު، މެޗުގެ 26 ވަނަ މިނެޓުގައި ޑޭވިޑް ސިލްވާ ކާމިޔާބުކުރިއިރު ފުރަތަމަ ހާފު ނިމެން ހަތް މިނެޓަށްވެފައިވަނިކޮށް ރަހީމް ސްޓާލިން ވަނީ އެ ޓީމަށް ދެލަނޑުގެ ލީޑެއް ނަގައިދީފައެވެ. މިއީ ސިޓީގެ ޕޯޗުގަލް މިޑްފީލްޑަރު ބެނާޑޯ ސިލްވާ ދިން ރީތި ޕާހަކުން ގެބްރިއެލް ޖެސޫސް ފޮނުވާލި ބޯޅަ ގޯލްގެ ތެރެއަށް ވަންނަން ދަނިކޮށް ސްޓާލިން ކާމިޔާބުކުރި ގޯލެކެވެ. މި ހާފު ނިމުނީ 2-0 އިން ސިޓީ ކުރީގައިއޮވެގެންނެވެ.

ސިޓީގެ ތިންވަނަ ލަނޑު، މެޗުގެ 61 ވަނަ މިނެޓުގައި ޖަހައިދިނީ ދެވަނަ ހާފުގައި ކުޅެން ނިކުތް ކެވިން ޑި ބްރައިނާ އެވެ. މިއީ އެ ޓީމުގެ ބްރެޒިލް ފޯވާޑް ޖެސޫސް ދިން ޕާހަކުން ވަޓްފޯޑްގެ ގޯލްކީޕަރު ގޯމޭޒް ކައިރިން ވަރަށް ރީއްޗަށް ނައްޓާލުމަށްފަހު ޑި ބްރައިނާ ކާމިޔާބުކުރި ގޯލެކެވެ.

އޭގެ ހަތް މިނެޓުފަހުން ސިޓީގެ ހަތަރުވަނަ ލަނޑު، ޖެސޫސް ކާމިޔާބުކުރިއިރު މެޗުގެ 81 ވަނަ މިނެޓާއި 87 ވަނަ މިނެޓުގައި ޖަހައިދިން ދެލަނޑާއެކު ސްޓާލިން ވަނީ ހެޓްރިކް ފުރިހަމަކޮށް ސިޓީ އަށް 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މެޗު ކާމިޔާބުކޮށްދީފައެވެ.

މިއީ 1903 ވަނަ އަހަރަށްފަހު އިނގިރޭސި އެފްއޭކަޕްގެ ފައިނަލްގައި މިހާ ގިނަ ގޯލްތަކެއް ފެނިގެންދިޔަ ފުރަތަމަ ފަހަރެވެ. އެފަހަރުގެ ފައިނަލްގައި ޑާބީ ކައުންޓީ އަތުން ބަރީ މޮޅުވީވެސް 6-0 އިންނެވެ. މީގެއިތުރުން، މިއީ ސިޓީގެ ކޯޗުކަމާއި 2016 ވަނަ އަހަރު ހަވާލުވި ޕެޕް ގާޑިއޯލާ އެ ޓީމާއެކު ކާމިޔާބުކުރި ހަވަނަ ތައްޓެވެ.