Last Updated: April 23, 23:56
Tuesday, April 23, 2024
ކުޅިވަރު

ސިޓީ އަކީ ދުނިޔޭގައި އޮތް އެންމެ މޮޅު ކްލަބު: ކޮމްޕެނީ

ދުނިޔޭގައި އޮތް އެންމެ މޮޅު ކްލަބަކީ މެންޗެސްޓަރ ސިޓީ ކަމަށް، އެ ކްލަބުގެ ޑިފެންޑަރު ވިންސެންޓު ކޮމްޕެނީ ބުނެފިއެވެ.

ކޮމްޕެނީ މިހެން ބުނެފައިވާއިރު މި ސީޒަނުގައި ސިޓީން ވަނީ ތިން ތަށްޓެއް ކާމިޔާބުކޮށްފައެވެ. އެއީ ޕްރިމިއާ ލީގާއި އިނގިރޭސި ލީގު ކަޕްގެ އިތުރުން އިނގިރޭސި އެފްއޭ ކަޕެވެ. މިއީ އެއް ސީޒަނެއްގައި ޓީމަކުން މި ތިން ތަށި ކާމިޔާބުކުރި ފުރަތަމަ ފަހަރުކަން ވެސް ފާހަގަކޮށްލެވެއެވެ.

ވޮޓްފޯޑްގެ މައްޗަށް 6-0 އިން ކުރި ހޯދާ އެފްއޭ ކަޕް ރޭ ސިޓީން ކާމިޔާބުކުރި މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ކޮމްޕެނީ ބުނީ މިފަދަ ކާމިޔާބީއެއް ސިޓީއާއެކު ހޯދުމަކީ ލިބޭ ޝަރަފެއް ކަމަށާއި އޭނާ އަށް ދުނިޔޭގައި އޮތް އެންމެ މޮޅު ކްލަބަކީ ސިޓީ ކަމަށެވެ.

"ހުރިހާ ކަމެއް ވެސް މި ފެށެނީ ކޯޗާ ހިސާބުން. ސީޒަން ފެށުމުގެ ކުރިން ވެސް ކޯޗު ބުނި ދެވަނަ ފަހަރަށް ލީގު މިފަހަރު ކާމިޔާބު ކުރަންވާނެއޭ. ޖެހިޖެހިގެން ދެވަނަ ފަހަރަށް އެ ކާމިޔާބީ ތަކުރާރު ކުރެވުމަކީ ޝަރަފެއް. އަހަންނަށް ދުނިޔެއިން އެންމެ މޮޅު ކްލަބަކީ ސިޓީ" ސިޓީގެ ކެޕްޓަން ބުންޏެވެ.

މިފަދަ ކާމިޔާބީތައް ލިބެނީ ޓީމުގައި ތިބޭ ކުޅުންތެރިންގެ މަސައްކަތުންކަން ފާހަގަކުރަމުން ކޮމްޕެނީ ވަނީ ސިޓީގައި ތިބީ ޒުވާން ހުނަރުވެރި އަދި ފެންވަރު ހުރި ކުޅުންތެރިން ކަމަށްވެސް ބުނެފައެވެ.