Last Updated: April 26, 20:24
Friday, April 26, 2024
ސިޔާސީ

ނިއުޕޯޓު ހިންގާ ކުންފުންޏަށް ނާޖާއިޒު މަންފާތަކެއް ހޯދުމަށް ވަނީ މަސައްކަތްކޮށްފައި – އޭސީސީ

ސްޓްރާޑާއިން ހިންގާ ނިއުޕޯޓު އަދި ބްރިޖު ވިއު ޕްލެޓު ފޯމް ހިމެނޭ ސަރަހައްދު – ފޮޓޯ / ސްޓްރާޑާ

ލޮނުޒިޔާރަތް ކޮޅުގައި ހަދާފައިވާ ނިއުޕޯޓު ހިންގާ ސްޓްރާޑާ ކުންފުންޏަށް ކުރީގެ ސަރުކާރުން ވަނީ ނާޖާއިޒު މަންފާތަކެއް ހޯދައި ދިނުމަށް މަސައްކަތް ކޮށްފައިކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީގެ) ތަހްގީގަށް ފާހަގަކުރެވިފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ލޮނުޒިޔާރަތްކޮޅު ތަރައްގީ ކުރުމަށް ކުރީގެ ސަރުކާރުން ދީފައިވަނީ ސްޓްރާޑާ ޕްރައިވެޓު ލިމިޓެޑަށެވެ. އެ ކުންފުނިން އެތައް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންދިޔައިރު އޭރު ދިޔައީ ސިނަމާލެ ބްރިޖުގެ މަސައްކަތްވެސް ކުރަމުންނެވެ. ސިނަމާލެ ބްރިޖުގެ މަސައްކަތް ދާގޮތް ބަލާލުމަށް ސްޓްރާޑާ ކުންފުނިން އޭރު އެ ސަރަހައްދުގައި ބްރިޖު ވިއު ޕްލެޓު ފޯމެއް ހެދިއެވެ. އަދި ކުޑަކުދިން ކުޅުމަށް ހާއްސަ ޕްލޭ ގްރައުންޑެއް ތަރައްގީ ކުރިއިރު އެތަނަށް އަންނަ ފަރާތްތަކަށް ފިނިބުއިން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ހައުސިން މިނިސްޓްރީއާ މަޝްވަރާ ކުރުމަށްފަހު އެތަނުގައި ވަނީ ޗާޓައިމް ކިޔާ ފްރެންޗައިސެއް ހުޅުވާފައެވެ.

ނަމަވެސް ބްރިޖު ހުޅުވުމަށް ގާތްވެ، ރިންގް ރޯޑުގެ މަސައްކަތް ކުރަމުންދާތީ އެ މަގު ފުޅާ ކުރުމަށްޓަކައި ޗާޓައިން ހައުސިން މިނިސްޓްރީން ތަޅާލިއެވެ. އަދި ޗާޓައިމާއި ނިއުޕޯޓުވެސް ހިންގާ ސްޓްރާޑާ ކުންފުންޏަށް ބަދަލެއްގެ ގޮތުގައި އޭރުގެ ހައުސިން މިނިސްޓްރީން ވަނީ 14.4 މިލިއަން ރުފިޔާ ދިނުމަށް ނިންމާފައެވެ. ނަމަވެސް އޭސީސީން މި މައްސަލަ ބަލަމުންދާތީ އޭރުގެ ފިނޭންސް މިނިސްޓްރީން ވަނީ އެފައިސާ ދޫނުކޮށް މަޑުޖައްސާލައިފައެވެ.

ސިނަމާލެ ބްރިޖް ސަރަހައްދުގައި އިމާރާތްކޮށްފައިވާ ކެފޭ އެތަނުން ނެގުމަށްޓަކައި ބަދަލުގެ ގޮތުގައި ފައިސާދިނުމާ ގުޅޭ ގޮތުން އޭސީސީއަށް ހުށަހެޅިފައިވާ މައްސަލަ ތަހުގީގަށް މިހާތަނަށް ފާހަގަކުރެވުނު މައްސަލަތައް އޭސީސީން ވަނީ މިއަދު މީޑިއާތަކާއި ހިއްސާ ކޮށްފައެވެ.

އޭސީސީގެ ރިޕޯޓުގައި ފާހަގަކޮށްފައިވަނީ ޗާޓައިމަކީ ސްޓްރާޑާއަށް އެ ބިން ދިންއިރު އެއްބަސްވުމުގައިވެސް ނެތް ތަނެއް ކަމަށެވެ. ނަމަވެސް ސްޓްރާޑާގެ ފަރާތުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކަޗަރއަށް ފޮނުވާފައިވާ ސިޓީއަކާ ގުޅިގެނ، ބްރިޖް ވިއުއިން ޕްލެޓްފޯމް ތަރައްޤީކުރަން ދޫކޮށްފައިވާ ބިމުގެ އެންމެ އުތުރުފަރާތުގައިވާ ޕާކިންގ ޒޯނު ހުޅަނގަށް ޖައްސައި އެ ސަރަޙައްދު ފިނިބުއިން ވިއްކާތަނެއްގެ ގޮތުގައި ބޭނުންކުރުމުގެ ހުއްދަ އޭރުގެ ހައުސިން މިނިސްޓްރީން ސްޓްރާޑާއަށް ދީފައިވާ ކަމަށް އޭސީސީގެ ރިޕޯޓުގައި ބުނެފައިވެއެވެ.

"ބްރިޖް ވިއުއިންގ ޕްލެޓްފޯމާ ގުޅިގެން ސްޓްރާޑާއަށް ދީފައިވާ ބިން ތަރައްޤީކުރުމަށް އިތުރު ހުށަހެޅުންތަކެއްވެސް ސްޓްރާޑާގެ ފަރާތުން ހުށަހަޅާފައިވެއެވެ. މިގޮތުން މި ޕްރޮޖެކްޓަށް ގެންނަން ހުށަހަޅާފައިވާ މައިގަނޑު ބަދަލުތަކަކީ ބްރިޖް ވިއުއިން ޕްލެޓްފޯމުގެ ދެކުނުން އޮތް ބިމުގައި ޒަމާނީ ފުޓްބޯޅަ ޕިޗެއް ތަރައްޤީކޮށް ސަރުކާރާ ޙަވާލުކުރުމާއި 240 ސައިކަލާއި 12 ކާރު ޕާކުކުރެވޭ ޕާކިންގ އޭރިޔާއެއް ތަރައްޤީކުރުމާއި ރަނގަޅު ފެންވަރުގެ ސިނަމާއެއް ތަރައްޤީކޮށް ހިންގުމާއި މަގުމަތީގައި ގަސް އިންދައިދިނުމާއި ކުޑަކުދިން ކުޅޭ އިންޑޯ ޕްލޭ އޭރިޔާއެއް ތަރައްޤީކުރުމެވެ. މިކަންތައްތައް ކުރުމުގެ ބަދަލެއްގެ ގޮތުން އެއްބަސްވުން އިތުރު 05 އަހަރަށް އިތުރުކުރުމަށް ހުށަހަޅާފައިވެއެވެ. އަދި މީގެއިތުރުން ސަރުކާރުން ބޭނުން ޚިދުމަތެއް ދިނުމަށްޓަކައި ސީ.އެސް.އާރު.ގެ ގޮތުގައި 02 މިލިއަން ރުފިޔާ ދިނުމަށްވެސް ހުށަހަޅާފައިވެއެވެ،" އޭސީސީގެ ރިޕޯޓުގައިވެއެވެ.

އޭސީސީން ބުނީ ބްރިޖް ވިއުއިންގ ޕްލެޓްފޯމް ތަރައްޤީކުރުމުގެ މަސައްކަތަކީ ވަގުތީގޮތުން ކުރާ މަސައްކަތެއްކަން ލިޔުންތަކުން އެނގޭއިރު، އެއްބަސްވުމަށް ގެނައި ބަދަލުތަކުގެ ސަބަބުން އެއްބަސްވުމުގެ މައިގަނޑު މަޤްޞަދު ގެއްލިފައިވާ ކަމަށެވެ. އަދި ބްރިޖް ވިއުއިން ޕްލެޓްފޯމް ތަރައްޤީކުރުމަށް ވެފައިވާ އެއްބަސްވުމަށް ގެނައި ފުރަތަމަ އިޞްލާޙުގައި ސޮއިކުރިއިރި އެ އިސްލާޙުގައި ބުނެފައިވާ ގިނަ ކަންކަން ފުރިހަމަ ކޮށްފައި ނުވާ ކަމަށްވެސް އޭސީސީން ބުނެއެވެ.

" ބްރިޖް ވިއުއިން ޕްލެޓްފޯމް ތަރައްޤީކުރުމަށް ވެފައިވާ އެއްބަސްވުމަށް ގެނެސްފައިވާ ދެވަނަ އިޞްލާޙުގައި 18 އޭޕްރީލް 2018 ގައި ސޮއިކުރިއިރު އެއްބަސްވުމުގެ ދަށުން ކުރުމަށް އެއްބަސްވެފައިވާ ގިނަ ކަންތައްތައް ފުރިހަމަކޮށްފައިނުވާކަން ފާހަގަކުރެވެއެވެ. އަދި އެއްބަސްވުމަށް ގެނެސްފައިވާ ދެވަނަ އިޞްލާޙުގައި 18 އޭޕްރީލް 2018 ގައި ސޮއިކުރިއިރު، އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ބިމުގެ ކުލީގެ ފައިސާ އެއްބަސްވުމުގައިވާ ގޮތުގެމަތިން ދައްކަމުން ނުދާކަން ފާހަގަކުރެވެއެވެ. އެއްބަސްވުމުގައި ސޮއިކުރިއިރު ބިމުކުލި ދައްކާފައިވަނީ 2017 ވަނަ އަހަރުގެ އޮކްޓޫބަރުމަހާ ހަމައަށެވެ،" އޭސީސީން ބުނެއެވެ.

އޭސީސީގެ ރިޕޯޓުން ފާހަގަކޮށްފައިވަނީ ކުލީގެ ގޮތުގައި 1.4 މިލިއަނަށްވުރެ ގިނަ ރުފިޔާ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 29ވަނަ ދުވަހާއި ހަމައަށް ސްޓްރާޑާއިން ދައްކާފައި ނުވާކަމަށް މީރާއިން އެ ކޮމިޝަނަށް މަޢުލޫމާތު ދީފައިވާ ކަމަށެވެ. މީގެއިތުރުން އޭސީސީން ބުނީ ޗާޓައިމް ހިންގި ޢިމާރާތް ހެދުމުގެ ހުއްދަ ދީފައިވަނީ ޕްލެޓްފޯމްގެ ޚިދުމަތް ލިބިގަންނަ މީހުންނާއި ޕްލޭ އޭރިޔާ ބޭނުންކުރާ ކުދިންނަށް ފިނިބުއިން ވިއްކުމަށް ތަނެއް ހެދުމުގެ މަޤްޞަދުގައިކަން ލިޔުންތަކުން އެނގޭއިރު، ފްރެންޗައިޒެއް ގެނެސް ބޮޑު އިންވެސްޓްމެންޓެއް ކޮށްފައިއެވަނީ ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑްގެ އަމިއްލަ ރިސްކުގައި ކަމަށެވެ. އަދި ބުނީ އެއްވެސް ޙާލެއްގައި ޢިމާރާތަށް ބަދަލެއް ދޭންޖެހިއްޖެނަމަވެސް، ޢިމާރާތް ހެދުމަށް ދިޔަ ޚަރަދު ފިޔަވައި އެހެން ޚަރަދެއް ދޭންޖެހޭނެކަމަށް ޤަބޫލުނުކުރެވޭ ކަމަށެވެ.

ބަދަލުގެ ގޮތުގައި ދޭނެ ޢަދަދު ކަނޑައަޅާފައިވަނީ، އެއްބަސްވުމުގެ މުއްދަތު ހަމަވާ ތާރީޚާ ހަމައަށް ރެވެނިއުގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރާ ޢަދަދުން ނެޓް ޕްރޮފިޓް (ސާފު ފައިދާ) ގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރާ ޢަދަދުތަކަށް ބަލައިގެންކަމަށް އޭސީސީން ބުނެއެވެ. ނަމަވެސް އެއީ ގެއްލުމުގެ ބަދަލު ހޯދުމުގައި ޢާންމުކޮށް ޢަމަލުކުރާ އުސޫލާއިވެސް ހިލާފު ކަމެއް ކަމަށް އޭސީސީގެ ރިޕޯޓުގައި ބުނެފައިވެއެވެ.