Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

އިތުރު ކޮށްދިން 1000 ހައްޖު ކޯޓާ ޕީޕީއެމަށް ބެހިކަން ހާމަވެއްޖެ

ސައުދީ އަރަބިއްޔާއިން ދިވެހި ސަރުކާރަށް މިދިޔަ އަހަރު އިތުރު ކޮށްދިން 1000 ކޯޓާގެ ތެރެއިން ގިނަ ޖާގަތައް ޕީޕީއެމްގެ އިސް ފަރާތްތަކަށް ދީފައިވާކަން ހާމަވެއްޖެއެވެ.

ހައްޖަށް މީހުން ގެންދިޔުމަށް އިތުރަށް ދިން 1000 ޖާގަ ބަހާލި ގޮތްކަމަށް ވިދާޅުވެ އޭރުގެ އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒިޔާދު ބާގިރު ހައްޖު ކޯރަޕޭޝަނަށް ވަނީ ސިޓީއެއް ފޮނުވާފައެވެ. މި ސިޓީގެ ކޮޕީއެއް އައްޑޫލައިވްއަށް ވެސް ވަނީ ލިބިފައެވެ.

މި ސިޓީގައި ޒިޔާދު ބާގިރު ވިދާޅުވެފައިވަނީ ކޯޕަރޭޝަނަށް 259 މީހުން އަދި ޕީޕީއެމުން އެދިފައިވާ ފަރާތައް އެ ކޯޕަރޭޝަނުން ހައްޖަށް ގެންގޮސްދިނުމަށް އެދޭ ކަމަށެވެ.

މިދިޔަ އަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް އިތުރު ކުރި 1000 ކޯޓާގެ ތެރެއިން 100 ކޯޓާއި ދިނީ އަމިއްލަ ދެ ޖަމާއަތަކަށެވެ. އަނެއް 900 ޖާގަދިނީ ހައްޖު ކޯޕަރޭޝަނަށެވެ. ކުރީގެ އިސްލާމިކް މިނިސްޓަރުގެ އެ ސިޓީއާއެކު ޕީޕީއެމުން ހައްޖަށް ގެންދަން ބޭނުންވާ މީހުންގެ ލިސްޓްވެސް ވަނީ ފޮނުވާފައެވެ.

އެ ލިސްޓްގައިވާ ގޮތުން 20 މަޖިލިސް މެމްބަރަކަށް 144 ޖާގަ ދިނުމަށް ވަނީ އަންގާފައެވެ. އަދި ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރިންނާއި އެހެނިހެން ފަރާތްކަށް 200 ޖާގަވެސް ވަނީ ކަނޑައަޅާފައެވެ. މީގެއިތުރުން އަމިއްލަ ބައެއް ކުންފުނިތަކާއި ކައުންސިލަކާއި ފުލުހުންގެ މުވައްސަސާއަށްވެސް ޖާގަތަކެއް ވަނީ ދީފައެވެ. މީގެ ތެރެއިން ބައެއް ފަރާތަކަށް 15 ޖާގަވެސްވެސް ދީފައިވާކަން ކުރީގެ އިސްލާމިކް މިނިސްޓަރ ޒިޔާދު ބާގިރު ހައްޖު ކޯޕަރޭޝަނަށް ފޮނުވާފައިވާ ލިސްޓުން އެނގެން އެބައޮތެވެ.

މިދިޔަ އަހަރު ސައުދީން އިތުރު ކޮށްދިން 1000 ހައްޖު ކޯޓާއިން ޕީޕީއެމްގެ އިސްފަރާތްތަކަށް ހައްޖަށް ދިއުމުގެ ފުރުޞަތު ދީފައިވާއިރު ޙައްޖު ކޯޕަރޭޝަނަށް ޙައްޖު ކޯޓާ ދޫކުރުމުގައި ސީޔާސީ ފަރާތްތަކާއި ވިޔަފާރިވެރިންނަށް މަންފާވާގޮތަށް ކޯޓާ ދޫކުރާކަން ފާހަގަވެފައިވާކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ދާދީ ފަހުން ނެރުނު ރިޕޯޓެއްގައި ވަނީ ފާހަގަކޮށްފައެވެ.