Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

މިދިޔަ މަހު އެކަނި ވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 22 މައްސަލަ

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 22 މައްސަލައެއް މިދިޔަ މަހު އެކަނި ވެސް ޖެންޑާ މިނިސްޓްރީއަށް ރިޕޯޓް ކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

ޖެންޑާ މިނިސްޓްރީން މިއަދު އާންމުކުރި މިދިޔަ މަހުގެ ތަފާސް ހިސާބު ދައްކާ ގޮތުން މިދިޔަ މަހު ހުށަހެޅި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ކުޑަކުދިންނަށް އަނިޔާ ކުރުމުގެ މައްސަލަތަކެވެ. އެކި ބާވަތުގެ 206 މައްސަލައެއް އެ މިނިސްޓްރީއަށް މިދިޔަ މަހު ހުށަހެޅިއިރު އޭގެ ތެރެއިން 113 މައްސަލައަކީ ކުޑަކުދިންނަށް އެކި ކަހަލަ އަނިޔާކުރުމުގެ މައްސަލަ އެވެ.

ކުޑަކުދިންނަށް އަނިޔާ ކުރުމުގެ މައްސަލަތަކުގެ ތެރެއިން ވެސް އެންމެ ގިނައިން ހުށަހެޅީ އިހުމާލުވުމުގެ މައްސަލަތައް ކަމަށާއި އެފަދަ 37 މައްސަލައެއް މިދިޔަ މަހު ހުށަހެޅި ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.

މި ބާވަތުގެ މައްސަލަތަކުގެ އިތުރުން ޖިންސީ ގޯނާގެ 22 މައްސަލަ، ޖިސްމާނީ ހާނީއްކައިގެ 22 މައްސަލަ، ނަފްސާނީ ހާނީއްކައިގެ 22 މައްސަލަ، ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ 5 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 4 މައްސަލަ އަދި ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ޖިންސީ ބޭނުން ހިފުވުމުގެ 1 މައްސަލަ މިދިޔަ މަހު ހުށަހެޅި ކަމަށް އެ ހިސާބުތަކުން ދައްކައެވެ.

މީގެ އިތުރުން އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ ހަތަރު މައްސަލައަކާއި ކުޑަކުދިންގެ އަޚުލާގީ 12 މައްސަލައެއް ވެސް މިދިޔަ މަހު ހުށަހެޅި ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.

އާއިލީ މައްސަލަތަކުގެ ގޮތުގައި 18 މައްސަލައެއް ހުށަހެޅިއިރު އަނިޔާ ކުރުމާއި ގެވެށި އަނިޔާގެ މައްސަލަތަކުގެ ގޮތުގައި 30 މައްސަލައެއް މިދިޔަ މަހު ހުށަހެޅި އެވެ. އޭގެ ތެރެއިން ވެސް އެންމެ ގިނައީ ޖިސްމާނީ އަނިޔާގެ މައްސަލަތަކެވެ.