Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

ދީބާޖާގެ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައިގެ ދެވަނަ އަޑުއެހުން މާދަމާ

އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާ އިންވެސްޓްމަންޓާ އެކު ހެދި އެއްބަސްވުން ބާތިލްކުރި މައްސަލާގައި އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ދިނުމަށް 348 މިލިއަން ރުފިޔާ ދިނުމަށް ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައިގެ ދެވަނަ އަޑުއެހުން މާދަމާ ބާއްވަން ހަމަޖައްސައިފި އެވެ.

މި މައްސަލައިގެ ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ ސިވިލް ކޯޓުން ފަށާފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ.

މާދަމާ މި މައްސަލައިގެ ދެވަނަ އަޑުއެހުން ބާއްވާއިރު ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ ބާތިލް ކޮށްދިނުމަށް ދައުލަތުގެ ފަރާތުން އެ ކޯޓުގައި ވަނީ އެދިފައެވެ. އެޓާނީ ޖެނެރަލް އޮފީހުން ބުނެފައިވަނީ ސިވިލް ކޯޓުގެ ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ އެކޯޓުން ހިންގަން ފަށާފައިވަނީ 2015ވަނަ އަހަރުގެ ސެޕްޓެމްބަރު ދެވަނަ ދުވަހުން ފެށިގެން އަމަލު ކުރަމުން ގެންގޮސްފައިވާ "ކޯޓުން އިސްނަގައިގެން ހުކުމް ތަންފީޒު ކުރުމުގައި އަމަލުކުރާނެ އުސޫލާއި" ހިލާފަށް ކަމަށެވެ.

ނަމަވެސް ސިވިލް ކޯޓުން ބުނީ ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ސަރުކާރުން ހެދި އެއްބަސްވުން ބާތިލް ކުރުމުން އެ ކުންފުންޏަށް ސަރުކާރުން 348 މިލިއަން ރުފިޔާ ދޭން ޖެހޭކަމަށް ކޯޓުން ކުރި ޙުކުމް ތަންފީޛުކުރަމުން ދަނީ އުޞޫލުތަކާއި ޚިލާފަށް ނޫން ކަމަށެވެ.