Last Updated: April 26, 17:40
Friday, April 26, 2024
ޚަބަރު

ޒުވާނުންގެ ގައުމީ މަޖިލިސް އެކުލަވާލައިފި

ޔޫތު މިނިސްޓަރަށް ލަފާ ދޭ ޒުވާނުންގެ ގައުމީ މަޖިލިސް މިއަދު އެކުލަވާލައިފިއެވެ.

ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ ޒުވާނުންގެ ވަޒީރަށް ލަފާ ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވަން ނިންމެވި ޒުވާނުންގެ ގައުމީ މަޖިލިސް މިއަދު އެކުލަވާލައި، އެ މަޖިލީހުގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވާފައިވާ ކަމަށެވެ.

ޒުވާނުންގެ ގައުމީ މަޖިލީހުގެ މަޤްސަދަކީ ޒުވާނުންނާ ބެހޭ މިނިސްޓްރީއިން ކުރަމުންގެންދާ މަސައްކަތްތަކަކީ ޒުވާނުންނާ ރަހުމަތްތެރި މަސައްކަތްތަކަކަށް ހެދުމަށްޓަކައި ޒުވާނުންގެ އަޑު އަހާ، ޒުވާނުންނާބެހޭ ގާނޫނީ އޮނިގަނޑު އެކުލަވާލުމާއި، މުރާޖަޢާ ކުރުމަށް، ޒުވާނުންގެ ޚިޔާލު ހޯދުމެވެ.

އޭގެ އިތުރުން ޒުވާނުންގެ ތަރައްގީއަށް މަސައްކަތް ކުރުމުގައި ޒުވާނުންނާއި ޒުވާނުންގެ ދާއިރާގައި ހަރަކާތްތެރިވާ ކްލަބް، ޖަމްޢިއްޔާ، ޖަމާޢަތްތައް ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީވެސް އެ މަޖިލީހުގެ މަޤްސަދެކެވެ.

ޒުވާނުންގެ ގައުމީ މަޖިލިސް އެކުލެވިގެންވަނީ އިޢުލާން ކޮށްގެން ހޮވާ 9 މެންބަރުންނާއި އެކިއެކި މުއައްސަސާތަކުން ޢައްޔަނުކުރާ 6 މެންބަރުން ހިމެނޭ ގޮތަށް ޖުމުލަ 15 މެންބަރުންގެ މައްޗަށެވެ.

ޒުވާނުންގެ މަޖިލީހުން މަދުވެގެން މަހަކު އެއް ފަހަރު ބައްދަލުވުން ބާއްވަންޖެހޭއިރު، އެ މީހުންނަށް ކޮންމެ ބައްދަލުވުމަކަށް 500ރ. ރޭޓުން މަހަކު 4000ރ. އަށްވުރެ ބޮޑު ނުވާގޮތަށް ފައިސާ ދިނުމަށް ހަމަޖެހިފައިވެއެވެ.