Last Updated: April 26, 06:56
Friday, April 26, 2024
ކުޅިވަރު

ލީގުގެ ފަހު މެޗުން ވެސް ރެއާލް ބަލިވެއްޖެ

ސްޕެނިޝް ލީގުގެ ފަހު މެޗުގައި މިރޭ ރެއާލް ބެޓިސްއާ ބައްދަލުކޮށް 2-0 އިން ރެއާލް މެޑްރިޑް ބަލިވެއްޖެއެވެ.

މިއަދުގެ މެޗާއެކު 68 ޕޮއިންޓާ އެކު ރެއާލް އިން ލީގު ނިންމާލީ ތިންވަނައިގައި އޮވެއެވެ. ލީގުގެ ދެވަނަ އެތްލެޓިކޯ މެޑްރިޑުން ހޯދިއިރު ޗެމްޕިއަންކަން ހޯދީ ބާސެލޯނާއެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް މެޗުގެ 61 ވަނަ މިނެޓްގައި މޮރޮން ވަނީ ބެޓިސް އަށް ލީޑު ނަގާދީފައެވެ. އަދި މެޗުގެ 75 ވަނަ މިނެޓްގައި ކުރިން ރެއާލް އަށް ކުޅުނު ޖެސޭ ރޮޑްރިގޭޒް ވަނީ ބެޓިސްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމަށް މި މެޗުން ތިން ޕޮއިންޓު ކަށަވަރުކޮށްދީފައެވެ.

މި މެޗުން ރެއާލް ބަލިވިއިރު މިއީ މި ސީޒަނުގެ ސްޕެނިޝް ލީގުގައި އެޓީމު ބަލިވި 12 ވަނަ މެޗުކަން ފާހަގަކޮށްލެވެއެވެ. މިއީ 1999 ވަނަ އަހަރަށްފަހު ލީގުގައި ރެއާލް އެ އަދަދަށް މެޗުތަކުން ބަލިވި ފުރަތަމަ ފަހަރެވެ.

މިއަދުގެ މެޗުން ރެއާލް ބަލިވިއިރު އެޓީމަށް ކުޅެމުން އަންނަ ގެރެތް ބޭލްގެ ކުރިމަގާ މެދު ވަނީ ގިނަ ސުވާލުތަކެއް އުފެދިގެން ގޮސްފައެވެ. މިއަދުގެ މެޗުގައި ބޭލް ކުޅެން އަރުވާފައިނުވާއިރު ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާންގެ ޕްލޭންތަކުގައި ބޭލް ނުހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.