Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

އެމްޑީޕީގެ ލީޑަޝިޕުން ވަކި ބޭފުޅަކަށް ހާއްސަ ކަމެއް ނުދޭނެ: އަފީފް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ގެންނަން ވަކި ބޭފުޅަކަށް އެމްޑީޕީން ހާއްސަ ކަމެއް ދެއްވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިލުފުށީ ދައިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވެއްޖެއެވެ.

އާ މަޖިލީހުގެ 87 ގޮނޑީގެ ތެރެއިން 65 ގޮނޑި އެމްޑީޕީން ކާމިޔާބުކޮށްފައިވުމުން މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ކަމަށް ވެސް ގެންނަން ނިންމާފައިވަނީ އެ ޕާޓީގެ މެމްބަރުންނެވެ.

އެގޮތުން މަޖިލީހުގެ ރައީސް ކަމަށް އެމްޑީޕީގެ ފަސް ބޭފުޅަކު މިހާތަނަށް ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެއީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އާއި ވިލުފުށީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ހަސަން އަފީފާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް އާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްއެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި މީގެތެރެއިން ރައީސް ސޯލިހު ތާއީދުކުރައްވާ އަފީފަށް ކަމަށްވާއިރު، ނަޝީދު ތާއީދުކުރައްވަނީ އަސްލަމް އަށެވެ.

މިކަމާ ގުޅޭގޮތުން ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން އަފީފް ވިދާޅުވީ ރައީސް ނަޝީދު ވެސް އަދި ރައީސް ސާލިހު ވެސް ޕާޓީގެ ތެރެއިން އެ އޮންނަ ގަވާއިދުގެ ތެރެއިން ހޮވޭ ބޭފުޅަކަށް ތާއީދު ކުރައްވާނެ ކަމަށާއި ދެ ރައީސުންގެ ނަން މިކަމުގެ ތެރެއަށް ގެނައުމަކީ އެހާ ރަނގަޅުކަމެއްގެ ގޮތުގައި ގަބޫލުނުކުރައްވާ ކަމަށެވެ.

"މަޖިލިސް ރައީސް ކަމަށް އެމްޑީޕީގެ މެމްބަރަކު ހޮވަން އަޅުގަނޑުމެން މި އުޅެނީ. އެމްޑީޕީން މަޖިލިސްގެ ރައީސްކަމަށް ހޮވަނީ ކޮންބޭފުޅެއްތޯ ބަލަން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. އެމްޑީޕީގެ ކޮންމެ މެމްބަރަކީ ވެސް އެ ބޭފުޅުން ކުރިމަތީގަ އެއްވަރެއްގެ ބޭފުޅުން. އަޅުގަނޑު ގަބޫލެއް ނުކުރަން އެ ދެބޭފުޅުންގެ ތެރެއިން އެއްވެސް ބޭފުޅަކު ވަކި ބޭފުޅަކަށް ހާއްސަ ކަމެއް ދެއްވާނެކަމަކަށް" އަފީފް ވިދާޅުވިއެވެ.

އާ މަޖިލިސް ހުވާ ކުރެއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ވަނަ ދުވަހުގެ ރެއެވެ. އެ ދުވަހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ހޮވުން ވެސް އޮންނާނެއެވެ.