Last Updated: April 24, 06:35
Wednesday, April 24, 2024
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ވުރެ ތިން ތަށި ހޯދުން އުނދަގޫ: ގާޑިޔޯލާ

ޗެމްޕިއަންސް ލީގަށް ވުރެ ތިން ތަށި ހޯދުން އުނދަގޫ ކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިޔޯލާ ބުނެފިއެވެ.

ޗެމްޕިއަންސް ލީގުގ ކުއާޓާފައިނަލުން ސިޓީ ކެޓި ނަމަވެސް އެޓީމުން ވަނީ މި ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގާއި އިނގިރޭސި އެފްއޭކަޕްގެ އިތުރުން އިނގިރޭސި ލީގު ކަޕް ކާމިޔާބުކޮށްފައެވެ. މިއީ އެއް ސީޒަނެއްގައި ޓީމަކުން މި ތިން ތަށި ކާމިޔާބުކުރި ފުރަތަމަ ފަހަރުކަން ވެސް ފާހަގަކޮށްލެވެއެވެ.

މީގެކުރިން ބާސެލޯނާ އާއި ބަޔާން މިއުނިކާ އެކު ވެސް ކާމިޔާބީތަކެއް ހޯދާފައިވާ ގާޑިޔޯލާ ބުނީ މި ސީޒަނަކީ އޭނާގެ ކޯޗިން ކެރިއަރުގެ ތަޖުރިބާކުރި އެންމެ ބަރާބަރު ސީޒަން ކަމަށާއި ތިން ތަށި ކާމިޔާބު ކުރެވުނީ 10 މަސް ދުވަސް ވަންދެން އެއް ފެންވަރެއްގައި ހިފެހެއްޓުމުން ކަމަށެވެ.

"ޗެމްޕިއަންސް ލީގަކީ އަހަންނަށް ވަރަށް ކަމުދާ މުބާރާތެއް. އެކަމަކު މިފަދަ ކާމިޔާބީއެއް ހާސިލު ކުރުމަކީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށް ވުރެ އުނދަގޫ ކަމެއް" ގާޑިޔޯލާ ބުންޏެވެ.

މީގެއިތުރުން މި ސީޒަނުގައި ކަންކަން ހިނގާދިޔަ ގޮތުން ކުރިއަށް އޮތް ސީޒަން އިތުރަށް އުނދަގޫ ވާނެކަން މިހާރުވެސް އިނގޭ ކަމަށްވެސް ގާޑިޔޯލާ ބުންޏެވެ. އެގޮތުން އޭނާ ވެސް ހިމެނޭ ގޮތަށް އެންމެން ވެސް އިތުރަށް ކަންކަން ރަނގަޅު ކުރަން މަސައްކަތް ކުރަންޖެހޭ ކަމަށްވެސް އޭނާ ބުންޏެވެ.