Last Updated: April 25, 18:52
Thursday, April 25, 2024
ދުނިޔެ

ޓްރަމްޕް އިރާން އަށް: އެމެރިކާ އަށް އިންޒާރު ނުދޭތި!

އެމެރިކާ އަށް އިންޒާރު ނުދިނުމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިރާން އަށް ގޮވާލައިފިއެވެ.

އެގޮތުން ޓްރަމްޕް ރޭ ކުރެއްވި ޓްވީޓެއްގައި ވަނީ އެމެރިކާއާ ތޮޅެން ބޭނުންވާނަމަ އެއީ އިރާން ނިމިގެންދާނެ ފަދަ ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި އެމެރިކާ އަށް އިތުރަށް އިންޒާރު ނުދިނުމަށް ވެސް ޓްރަމްޕްގެ މި ޓްވީޓުގައި ވަނީ އިރާނަށް ގޮވާލާފައެވެ.

https://twitter.com/realDonaldTrump/status/1130207891049332737

ޓްރަމްޕް މިހެން ވިދާޅުވެފައިވަނީ އިރާން އާއި އެމެރިކާއާ ދެމެދު އަސްކަރީ ހަމަލާ ބަދަލުކުރުންތަކެއް ފެށިދާނެ ކަމުގެ ބިރު ހީވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ގަލްފުގައި ސައުދީ އަރަބިއާގެ ތެޔޮ ބޯޓުތަކަށް ދާދި ފަހުން ހަމަލާތައް ދިނީ ވެސް އިރާނުން ކަމަށް އެމެރިކާ އިން ވަނީ ތުހުމަތުކޮށްފައެވެ.

މިފަދަ ތުހުމަތެއް އެމެރިކާ އިން ކޮށްފައިވަނިކޮށް މެދުއިރުމަތީގައި ތިބި އެމެރިކާ މީހުންނާއި ތަކެއްޗަށް ގެއްލުންދޭން އިރާނުން ރާވަމުންދާ ކަމަށް އެމެރިކާގެ އިންޓެލިޖެންސަށް ލިބުނު ރިޕޯޓަކާ ގުޅިގެން އެ ސަރަހައްދަށް 120،000 ސިފައިން ފޮނުވުމަށް ޓްރަމްޕް ނިންމަވާފައިވާ ކަމަށް މިދިޔަ ހަފްތާގައި އެމެރިކާގެ "ނިއުޔޯކް ޓައިމްސް" އިން ވަނީ ރިޕޯޓުކޮށްފައެވެ.

ނަމަވެސް އެ ވާހަކަތައް ޓްރަމްޕް ދޮގުކޮށްފައިވާއިރު އޭނާ ވަނީ އެފަދަ މައުލޫމާތެއް ލިބިއްޖެނަމަ އެ ސަރަހައްދަށް ފޮނުވާ ސިފައިންގެ އަދަދު އެއަށް ވުރެ އިތުރުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އިރާނާއެކު ހަނގުރާމަ އަކަށް ދާން ނުޖެހޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.