Last Updated: March 29, 14:00
Friday, March 29, 2024
މުނިފޫހިފިލުވުން

ދީވާނާ 2 ( ނަވާޅީސްވަނަބައި)

" ދެންޖެހޭނީ ތިހެން ހަދާކަށްނު…އެކަމު ޝައުން އަހަރެންދެކެ އެހާބޮޑަށް ނުރުހުންވާންވީ ސަބަބެއް ނުވިސްނުނު….އަހަރެން އޭނަދެކެ ލޯބިވާކަމަށް ގަބޫލުނުކުރިޔަސް ކުޑަމިނުން އެކުވެރިކަމުގެވެސް ކޮންމެވެސް އަގެއް އޮންނަން ވާނެއްނު….ކީއްވެތަ އޭނަ އެގޮތަށް ކަންތައް އެކުރީ؟…" އާއިން ތަކުރާރުކޮށް އެސުވާލުތައް ކުރަމުން ދިޔަނަމަވެސް، މާޒްއަށްވެސް އެޔަކަށް ޖަވާބެއް ނުދެވުނެވެ.
****
ދެހަފްތާފަހެވެ. ރެއަކީ ޝައުންއާއި އާއިންގެ ކައިވެނިކުރެވުނު ރެއެވެ. ކައިވެނީގެ އުފަލުގައި ބޭއްވުނު ހަފްލާ ކުރިޔަށްދަނީއެވެ. އެއީ މާބޮޑު ހަފްލާއެއް ނޫންނަމަވެސް އާއިލާމީހުންނާއި ރަހުމަތްތެރީންގެ އިތުރުން މާލޭގެ ނަން މަޝްހޫރު ވިޔަފާރިވެރިންވެސް އެހަފްލާގައި ބައިވެރިވިއެވެ.

ހުދުކުލައިގެ ކައިވެނީގެ ހެދުމުގައި ފުރިހަމައަށް ތައްޔާރުވެގެން ހުރި ޝައުންގެ ރީތިކަން މިރޭ އެތައްގުނައަކަށް އިތުރުވެފައިވެއެވެ. ހަފްލާއަށް އައި ކޮންމެ މީހަކުވެސް ޝައުންގެ ރީތިކަމަށް ފާޅުގައި ނޫނީ ހިތާހިތުން ނަމަވެސް ތަޢުރީފުކުރަމުން ދިޔައެވެ. ޒުވާން ފިރިހެނުންގެ ކަޅިތައް އިޚުތިޔާރަކާއި ނުލައި އެދިމާއަށް ހުއްޓެމުން ދިޔައެވެ. ގާތުގައިހުރި އާއިންއަށްވެސް އެކަން އިހުސާސްކުރެވި، ސިއްރު ސިއްރުން ޝައުންގެ މޫނަށް ބަލާލެވެއެވެ. ނަމަވެސް ހަމަ ކުޑަތަންކޮޅެއް ދުރުގައި ފަރަހަނާޒް އިން މަންޒަރު ފެންނާތީ ފާޅުގައި ޝައުންއާ ދިމާއަށް ބަލާލާކަށް އާއިންއަކަށް ނުކެރުނެވެ.

ފަރަހަނާޒްވެސް ތުންފަތަށް މަސްނޫއީ ހިނިތުންވުމެއްވެރިކޮށްގެން އެހެންމީހުންނެކޭ އެއްފަދައިން ހަފްލާގައި ބައިވެރިވިއެވެ. ނަމަވެސް އާއިންއާއި ޝައުންއާދިމާ ބަލާލެވޭ ކޮންމެފަހަރު އޭނާގެ މެއަށް ތޫނުތަދެއްވެއެވެ. އެއީ ވަގުތީ ކައިވެންޏެއްކަން އެނގޭއިރުވެސް، އޭނާގެ ހިތަށް ތަދުވަނީއެވެ.ފަރަހަނާޒް ދެރަވާނެކަން އެނގޭތީ ތޫބާވެސް މިރޭ ފަރަހަނާޒްގެ ގާތުން ދުރަށް ނުދެއެވެ. އެކި ކަހަލަ ވާހަކަތައް ދައްކައިގެން ފަރަހަނާޒަށް ވިސްނައިދީ އޭނާގެ މޫޑު ރަގަނޅުކުރަން މަސައްކަތް ކުރެއެވެ.
" އެމީހުން ބަލާލިޔަސް އެނގޭ އެމީހުން އެތިބީ އުފަލުންނޫންކަން…ދެމީހުންވެސް އަދަބެއްދީފަ ތިބީމަ ތިބިހެން އެތިބީ…ނާޒް…ޝައުންވެސް ބުންޏެއްނު މިއީ ވަގުތީ ކަމެކޭ….ހަމަ ކުޑަ ދުވަސްކޮޅަކު ކެތްކޮށްލަން ޖެހޭނީ….އަލުން ހުރިހާކަމެއް ހަމައަކަށް އެޅޭނެ…" ތޫބާ ފަރަހަނާޒަށް ވިސްނައިދެމުން ދިޔައެވެ. ފަރަހަނާޒްވެސް އެވާހަކަތައް ގަބޫލުކުރާކަމަށްބުނެ ހިނިތުންވެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.
ހަފްލާނިމުމުން ފޮޓޯ ނެގުމުގެ ޝެޝަން ކުރިޔަށް ދިޔައިރު ފަރަހަނާޒްހުރީ އެކަމުގައި ބައިވެރިވާން ބޭނުން ނުވެފައެވެ. ނަމަވެސް އާއިން އައިސް ފަރަހަނާޒްގެ އަތުގައި ހިފައިގެން ގެނެސް އޭނާގެ ގާތުގައި ބެހެއްޓިއެވެ. އާއިން އެއްއަތުން ފަރަހަނާޒްގެ އުނަގަނޑުގައި އަތްއަޅުވާލުމަށްފަހު އަނެއްއަތުން ޝައުންގެ އުނަގަނޑުގައި ހިފަހައްޓާލިއެވެ. އެވަގުތު ކުއްލިއަކަށް ޝައުން އާއިންގެ އަތް ނައްޓުވާލުމުން އާއިން ސިހޭގޮތްވިއެވެ.

" އެހެންމީހުންވެސް ތިބިކަން ހަނދާންކޮށްބަލަ!" އާއިން ސިއްރުސިއްރުން ޝައުންގެ ކަންފަތްދޮށުގައި ބުނެލިއެވެ. ނަމަވެސް ޝައުން އަޅާވެސް ނުލިއެވެ. އާއިން ޝައުންގެ ގާތުގައިބުނީ ކީކޭކަން ނޭނގުނު ނަމަވެސް އާއިންގެ އެއަމަލުގެ ސަބަބުން ފަރަހަނާޒްގެ ހިތަށް ނުހަނު ތަދުވިއެވެ. އާއިން ބަލާލިއިރު ފަރަހަނާޒް ބަލަންހުރުމުން އާއިން ހީލާފައި ކުރިޔަށްވުރެވެސް ބޮޑަށް ފަރަހަނާޒް ގަޔާ ކައިރިކޮށްލިއެވެ.

" ނާޒް…މިރޭ ވަރަށްލޯބި…ލަވްޔޫ…" އާއިން ސިއްރު ސިއްރުން ބުނެލިއެވެ. އެވަގުތު ފަރަހަނާޒްގެ ހިތުގައިވީ ޝަކުވާތައް ފިލާ ދިޔަކަހަލައެވެ. އިޚްތިޔާރަކާ ނުލައި އޭނާއަށް ހިނިތުންވެވުނެވެ. ފޮޓޯ ޝެޝަން ނިމުމުން އާއިން ފަރަހަނާޒް ގޮވައިގެން އެހެންމީހުނާ ދުރަށް ޖެހިލިއެވެ.

" ނާޒް….އަހަރެން މިރޭދާންޖެހޭނީ ހުޅުމާލެއަށް….އެކަމު ފަތިހު އަހަރެން އަންނާނަން…ނާޒް ދެރަނުވާތި! ތިއީވަރަށް ހިތްވަރުގަދަ ކުއްޖެއްނު…ނާޒް ދެރަވެފަހުރިކަން އެނގިއްޖެނަމަ ބައްޕަ މާބޮޑަށް ދެރަވާނެ…އެހެންވީމަ މާބޮޑަށް ނުވިސްނާ ނިދާލާ…އަހަރެން ނާޒްދެކެ ލޯބިވާކަން އަބަދުވެސް ހަނދާންކުރާތި!…" ފަހަރަނާޒް ދެރަވެފައިހުރިކަން އެނގޭތީ ހިތްހަމަ ޖައްސައިދިނުމަށްޓަކައި އާއިން މަސައްކަތްކުރިއެވެ.

" ބައްޕަ ހުރީ އަދިވެސް ދެރަވެފަ…އަހަރެން ވަރަށް ވިސްނައިދިނިން….ބައްޕަ ހަފްލާގަ ބައިވެރިނުވީވެސް ދެރަވެފަ ހުރިވަރުން….އެކަމު އަދިވެސް އަހަރެން ބައްޕައަށް ވިސްނަދޭނަން…" ފަރަހަނާޒް ބުނެލިއެވެ.

އާއިން ދެވަނަ ކައިވެންޏެއް ކުރަން އުޅޭކަން އެނގުމުން ހާދީ ނުހަނު ދެރަވިއެވެ. އޭނާގެ ހުރި ހަމައެކަނި ދަރިފުޅަށް ދެރައެއް ލިބުމަކީ އޭނާއަށް ކެތްކުރެވޭވަރުގެ ކަމަކަށް ނުވިއެވެ. ނަމަވެސް ފަރަހަނާޒް އޭނާގެ ބައްޕައަށް ވަރަށް ވިސްނައިދިނެވެ. އަދި އެހެންމީހުން ގާތު ނުބުނުމަށް އެދި އެކައިވެންޏަކީ ވަގުތީ ކައިވެންޏެއް ކަމުގައިވެސް ބުންޏެވެ.

" އެކަމަކު ދަރިފުޅާ….ދަރިފުޅަށް ތިހެން ހީވިޔަސް އެއީ މިއާއިލާމީހުން ބޭނުންވެގެން ކުރުވާކަމެއް….ދަރިފުޅުމެންނަށް ދަރިޔަކު ހޯދެންނެތީމަ އެކަން ފޫބައްދަން ކުރާކަމެއް….ޝައުންއަށް ދަރިޔަކު ލިބޭ ދުވަހަކުން ދަރިފުޅު ބާކީވާނެ…އޭރުން އަހަރެމެންގެ ބޭނުން ކެނޑުނީ…އަނބުރާ ރަށްދާން ޖެހުނީ…" މާޔޫސްވެފައި ހާދީ ބުންޏެވެ.

" ނޫނޭ ބައްޕާ…އާއިން ދުވަހަކުވެސް އަހަރެން ދޫކޮށެއްނުލާނެ….އަހަރެން އާއިންއަށް އިތުބާރުކުރަން…ބައްޕަ ދެރަނުވޭ….ހުރިހާކަމެއްވެސް ރަނގަޅުވާނެ…" ފަރަހަނާޒް އޭނާގެ ބައްޕައަށް ވިސްނައިދެވޭތޯ އުޅުނެވެ.
****
ހަފްލާ ނިމުމުން އާއިންއާއި ޝައުން ދިޔައީ ހުޅުމާލޭގައިހުރި އާއިންގެ ބައްޕަގެ ގެޔަށެވެ. އެގެ ނިމިފައި ހުންނަތާ މިހާރު ދުވަސްތަކެއް ވެއްޖެއެވެ. ޝައުންއަށްޓަކައި އެގެވަނީ ނުހަނު ޒީނަތްތެރިކޮށްފައެވެ. ދެމީހުން ގެޔަށްލައިދޭން ދިޔައީ މާޒްއެވެ.
" މަޖާ ރޭގަނޑަކަށް އެދެން…ގުޑްލަކް" ޝައުންއާއި އާއިން ކާރުން ފޭބުމުން ހިނިއައިސްފައި މާޒް ބުނެލިއެވެ. ޝައުން ރަކިވުމުން އަވަސް އަވަހަށް އަނެއްފަރާތަށް އެނބުރުނެވެ. މާޒް ދިއުމުން ޝައުންއާއި އާއިން ގޭތެރެއަށް ވަނެވެ. ގޭތެރެވަނީ އެމީހުނަށްޓަކައި ވަރަށް ފުރިހަމައަށް ޒީނަތްތެރިކޮށްފައެވެ. އެދެމީހުންނަށް ޚާއްސަކުރެވިފައިވާ ކޮޓަރިވެސް ނުހަނު ރީއްޗެވެ.
" މިތަނުގެ ރީތިކަމުން މިރޭ ހަމަ މިތާ ނިދާހިތްވަނީ…" ކޮޓަރިތެރެއަށް ބަލަންހުރި ޝައުން ސިހުނީ އާއިންގެ އަޑުންނެވެ.
" އެހެންވިއްޔާ އާން ނިދާ މިތާ…އަހަރެންދާނަން އެހެން ކޮޓަރިއަކަށް…." ޝައުން އަވަސް އަވަހަށް ބުނެލިއެވެ.

" ނޫނޭ…މަލުގެ ދާނެއްގާ އެކަނި ނިދާހިތެއް އަހަރެން ނުވޭ….ޝައުން ނިދާ މިތާ އަހަރެން ހިނގައިދާނަން….އެކަމު މިތާނގަ ސެލްފީއެއް ނަގާލަން ވާނެއްނު…ހަނދާނަކަށް ބާއްވަން…" އާއިން އޭނާގެ ފޯނު ޖީބުން ނަގަމުން ބުނެލިއެވެ.

" ވަގުތީ ކަންކަމުގެ ހަނދާން އާކުރުމުގެ ބޭނުމަކީ ކޮބާ؟…" ނުރުހުންވެފައި ހިނގައިގަންނަމުން ޝައުން ބުނެލިއެވެ.

" އިހަށް މަޑުކޮށްބަލަ!…ބަޔަކުމީހުން ބުރަމަސައްކަތެއްކޮށްގެން މިހާބޮޑަށް މިތަން ޒީނަތްތެރިކުރީމަ އެމީހުންގެ އަގުވަޒަން ކުރުމުގެގޮތުންވެސް އެންމެ ފޮޓޯއެއް ނަގަން ޖެހޭނެއްނު…" ޝައުންގެ އަތުގައި ހިފާފައި ހުއްޓުވަމުން އާއިން ބުނެލިއެވެ. ޝައުން ހިތްހަމަ ނުޖެހުނު ނަމަވެސް ހަމަ އެންމެ ނަފްސީއެއް ނެގުމަށްޓަކައި މަޑުކޮށްލިއެވެ. އާއިންގެ އެދުމަށް ޝައުން އެނދުގައި އޮށޯތުމުން އާއިންވެސް އޭނާއާއި ނުހަނު ގާތުގައި އޮށޯތެވެ. އާއިން އެހާގާތުގައި އޮތުމުން ޝައުން ފިނިވާގޮތްވިއެވެ.
" މޫނު ހަދައިގެންނޯވެ ހީލަބަލަ!…" ޝައުން އޮތްލެއް ސީރިއަސްކަމުން އާއިން ބުނެލިއެވެ. އެއާއެކު ޝައުން ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލިއެވެ.

" ވަރަށް ސަޅި…ވައިބަރ ގުރޫޕަށް ލާންވީދޯ؟" ފޮޓޯއަށް ބަލާލަމުން އާއިން ބުނެލިއެވެ.

" ނޫން…ލާނެކަމެއްނެތް…އެންމެނަށް ދައްކަންތަ ތިފޮޓޯނެގީ؟…" ނުރުހުންވެފައި ތެދުވަމުން ޝައުން ބުނެލިއެވެ. އެވަގުތު އާއިން ވިސްނާލިއެވެ. ފޮޓޯ އާއިލާގެ ވައިބަރ ގުރޫޕަށް ލައިފިނަމަ ފަރަހަނާޒަށްވެސް ފެންނާނެކަން ހަނދާންވީ ދެނެވެ. އޭރުން ފަރަހަނާޒް ދެރަވާނެއެވެ. އެހެންވާކަށް އޭނާ ނޭދެއެވެ. އެހެންކަމުން ކޮޓަރި ޒީނަތްތެރިކޮށްދިނީތީ އެކަމަށްޓަކާ ޝުކުރުވެރިވެ، ފޮޓޯފޮނުވީ މާޒްއަށާއި އިޒްޔަންއަށް ވަކިންނެވެ.

" ދެން ދޭ އަހަރެން ނިދަން ވެއްޖެ…" އާއިން އެނދުގައި ހަމަޖެހިލައިގެން އޮތުމުން ޝައުން ބުނެލިއެވެ.

" ވަރަށް ވަރުބަލި…ހަމަ މިހެން އޮވެ ނިދާލާހިތްވަނީ؟…މަމިތާ އޮތަކަސް ޝައުންއަށްވެސް ނިދިދާނެއްނު…މިއޮއްބޮޑު އެނދުގަ ދެމީހުނަށް ނުތިބެވޭނެތަ؟…" ޝައުންއަށް ގޯނާކޮށްލުމުގެ ގޮތުން އާއިން ބުނެލިއެވެ.

" އާން…އަސްލުވެސް އަހަރެން ވަރަށް ނިދިއައިސްފި….ދެންދޭބަލަ!.." އާދޭހުގެ ރާގެއްގައި ޝައުން ބުނެލިއެވެ.

" އަހަރެންވެސް ސީރިއަސްކޮށޭ މިބުނީ، މިތާ ދެމީހުނަށް ނިދޭނޭ…" ޝައުންއަށް ބަލާލަމުން ލާނެއްގޮތަކަށް ހީލާފައި އާއިން ބުންޏެވެ.
" ހަނދާންނެތުނީތަ އެގްރީމެންޓްމަތިން؟…ހަނދާންނެތުނީތަ ސޮއެކުރެވުނުކަން؟…" ޝައުން އާއިންއަށް ހަނދާންކޮށްދިނެވެ.
" ކޮން އެގްރީމެންޓެއް…ކައިވެނީގެ ވަގުތުގައި އެއްވެސް އެގްރީމެންޓެއްގަ ސޮއެކުރެވުނު ހަނދާނެއް އަހަރެންނުވޭ….ގާޒީވެސް ނުބުނޭ އެކަހަލަ ވާހަކައެއް….ބުނިތަ؟.." ނޭނގޭކަމަށް ހަދަމުން އާއިން ބުންޏެވެ. ޝައުން ރުޅިއައިސް ތުންފިއްތައިގެން އަނގައިން ބަހެއްވެސް ނުބުނެ ހުއްޓެވެ.

" އެހެންނޫނަސް ކައިވެންޏެއް ކުރާއިރު، އެކަހަލަ އެގްރީމެންޓެއް ނުހެދޭނެކަން ޝައުންއަށް އެނގޭތަ؟….ޝަރުތެއް އޮތިއްޔާ ގާޒީގެ ކުރިމަތީހަ ބުނަންޖެހޭނެ…އެހެންނޫނީ އެއީ ގަބޫލު ކުރެވޭނެކަމަކަށް ނުވާނެ…އެހެންވީމަ ތިބުނާ އެގްރީމެންޓަކީ ބާތިލް އެއްޗެއް….އަހަރެންނާ ޝައުންމީ މިހާރު ދެމަފިރިން….ދީނީގޮތުން ބަލައިފިނަމަ އަހަރެންގެ ކޮންމެ އަމުރަކަށް ޝައުން ކިޔަމަންވާންޖެހޭނެ…" ހަމަޖެހިލާފައި އާއިން ވާހަކަދެއްކިއިރު، ޝައުންގެ މޫނުމަތިން ކަންބޮޑުވުން ފާޅުވަމުން ދިޔައެވެ.
" ތިހުރިހާކަމެއް އެނގޭއިރު ކީއްވެ އޭގަ ސޮއިކުރީ؟…" ރުޅިއައިސް ދަތްކުނޑިވިކާލަމުން ޝައުން އެހިއެވެ.

" ޝައުން ބުނީމައެއްނު ސޮއިކުރީ….އެކަމު އަހަރެން ހިޔެއްނުކުރަން ޝައުންވެސް އެހާ މޮޔަވާނެކަމަކަށް….ދެން އަޅާނުލާ…އާދޭ ނިދަން.." އެނދަން އިޝާރާތްކުރަމުން އާއިން އެދުނެވެ. ޝައުން އަނގައިންވެސް ނުބުނެ ގޮސް އަލަމާރި ހުޅުވާލާފައި ނިދާހެދުމެއް ނެގިއެވެ. އަދި އަވަސްކަމާއެކު ކޮޓަރިން ނުކުތުމަށް ހިނގައިގަތެވެ. ނަމަވެސް އާއިން އެއަށްވުރެ ހުޝިޔާރެވެ. ދުވެފައި ގޮސް ޝައުންގެ ކުރިމައްޗަށް އެރިއެވެ.

" އާން އަހަރެން ދިޔަދީ.." ޖެހިލުންވެފައިހުރެ ޝައުން ބުނެލިއެވެ.

" ހަމަ އެހާބިރުގަނޭތަ އަހަރެންދެކެ؟…" އާއިން އަދިވެސް ބޭނުންވީ ޝައުންއާ ގޯނާކޮށްލުމަށެވެ.

" ނުގަނޭބިރެއް…ރުޅިއަންނަނީ…އެނގިއްޖެތަ؟…އަހަރެންކުރި އެގްރީމެންޓާ އެއްގޮތަށް އަހަރެން އުޅޭނީ…އަހަރެން ނުދެކެން ތީ އަހަރެންގެ ފިރިމީހާ ކަމަކަށް…އެހެންވީމަ ހީނުކުރާތި އަހަރެން އާންބުނާގޮތަށް ހަދާނެއޭ…އަހަރެންމީ ނާޒްއެއްނޫން، ޝައުން…އަޑުވިއްޖެތަ؟…" ޝައުންގެ ނުރުހުމުގެ ބަސްތައް އަޑުއިވިފައި އާއިންގެ މޫނުގައިވީ ލާނެއްކަން ހިނދުކޮޅަކަށް ފިލާދިޔައެވެ.

" އެނގޭ ނުބުންޏަސް ތިއީ ޝައުންކަން….ނާޒްނަމަ ތިގޮތަށް އަހަރެންނާ މުޚާތަބެއް ނުކުރާނެ…އަހަރެން ސަމާސާއެއް ކޮށްލީމަ ތިހާބޮޑަށް ރުޅިއެއް ނާންނާނެ…." ދެރަވެލާފައި އާއިން ބުނެލިއެވެ.

" ހުއް…ސަމާސާ…އާންއަށް އަހަރެންގެ ދިރިއުޅުމަކީވެސް ސަމާސާއެއްނު….އާންގެ ކުރިމަތީގަ އަހަރެންނަކީ އެއްވެސް އަގެއްހުރި މީހެއްނޫނެއްނު….ނާޒްދެރަވެދާނެތީ އެކައްޏެއްނު އާން ވިސްނަނީ…އަހަރެންނަށް ކޮންމެގޮތެއް ވިޔަސް ހެވެއްނު" މިފަހަރު ޝައުންގެ އަޑުގައިވެސްވަނީ މޮޅިވެރިކަމެވެ.

" ތީކުށްހީއެއް….އަހަރެން އަބަދުވެސް ޝައުންއާމެދު ވިސްނަން….ޝައުން ދެރަކުރާކަށް އެއްވެސްކަމެއް އަހަރެން ނުކުރަން….ކީއްވެ ޝައުން އަބަދު ތިގޮތަށް ވިސްނަނީ؟…އަހަރެންނާމެދު ތިހާ ނުބައިކޮށް ވިސްނަން ޖެހުނީ ކީއްވެ؟….ކުއްލިއަކަށް އަހަރެންދެކެ ތިހާ ރުޅިއެއް އަންނަން ޖެހުނީ ކީއްވެ؟…ބުނެބަލަ!…"ޝައުންގެ ގާތަށް ޖެހިލާފައި އަތުގައި ހިފާލަމުން އަސަރާއެކު އާއިން ވާހަކަ ދެއްކިއެވެ. އެވަގުތު އާއިންގެ އަތުތެރޭގައި ބޮނޑިވެލުމަށް ޝައުންގެ ހިތް އެދުނެވެ. ނަމަވެސް އޭނާ އަވަސް އަވަހަށް ނަފްސު ހަމައަކަށް އަޅުވާލިއެވެ.

" އާން މަޖުބޫރުކުރީ އަހަރެންގެ ވިސްނުން ބަދަލުކުރަން…ނާޒްއާ ގުޅުނު ހިސާބުން ފެށިގެން އާން ބޭނުންވިގޮތް އެއީ….އެހެންވީމަ އަހަރެން މިހުރީ ބަދަލުވެފަ، އަހަރެން މީ ކުރީގެ ޝައުންއޭ ހީނުކުރާތި! އަދި ބުނަން މީގެފަހުން އަހަރެންނާ ސަމާސާ ނުކުރާތި!….އާންގެ އެއްވެސް ސަމާސާއެއް އަހަރެންނަކަށް ކަމަކު ނުދޭ މިހާރު….އަހަރެންނާމެދު ތިހާ ކަންބޮޑުވަންޏާ، އަހަރެންގެ އެގްރީމެންޓާ އެއްގޮތަށް މިހަމަސްދުވަހު އުޅުނަދީ… އާންގެ ފަރާތުން އިތުރު އެއްވެސްކަމެއް އަހަރެން ބޭނުމެއްނޫން…." ޝައުން އޭނާ ބޭނުންވާގޮތް ހާމަކުރުމުން، ބަހެއްނުބުނެ ހުރުމަށްފަހު އާއިން ކުއްލިއަކަށް ނުކުމެގެން ދިޔައެވެ.

ޝައުން ދޮރުލައްޕާ ތަޅުލުމަށްފަހު އައިސް އެނދުމައްޗަށް ބަންޑުން ވެއްޓިގަތެވެ. އޭރު އޭނާގެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބައެވެ. އާއިން ދެރަކޮށްލެވުނީތީ ޚުދު އޭނާވެސް ދެރަވެއެވެ. އޭނާ އަދިވެސް އާއިންދެކެ އިންތިހާއަށް ލޯބިވެއެވެ. ނަމަވެސް އޭނާގެ ބަދުނަސީބުކަން ދެކިބަލާށެވެ. އޭނާ އެންމެ ލޯބިވާމީހާގެ އަނތްބަކަށް ވުމުގެ ނަސީބު ލިބުމުންވެސް، އެލޯބިން އޭނާއެވަނީ މަހުރޫމުވެފައެވެ. މަލުގެ ދާނެއްގައި އޮވެ އެކަނިމާއެކި ކަރުނަ އޮއްސަން އޭނާއަށް އެވަނީ ޖެހިފައެވެ. އެރީތި ހިތްގައިމު ކޮޓަރީގެ ފާރުތައްވެސް އޭނާއަށް މަލާމާތް ކުރާފަދައެވެ. ނާޒްދެކެ ވީފަދައިން އާއިން އޭނަދެކެވެސް ލޯބިވީނަމަ ކިހާ ރަނގަޅު ހެއްޔެވެ؟ އެހެންނަމަ މިރޭ ވީހީ އޭނާގެ ޙަޔާތަށް އަންނަ އެންމެ އުފާވެރި ރެއަށެވެ. މިވަގުތު އޭނާ އޮތީހީ އާއިންގެ އަތުތެރޭގައެވެ. ނަމަވެސް އެއީ ހަމައެކަނި އޭނާއަށް ދުށް ކުލައެއްނުވާ ހުވަފެނެއެވެ.

އެގޮތުގައި ރޭދެބައިވާންދެން ރޯން އޮތުމަށްފަހު އޭނާ ތެދުވިއެވެ. އަދި ލޯގަނޑުކުރިމައްޗަށް ހުއްޓި އޭނާގެ އަމިއްލަ ސޫރައަށް ބަލާލިއެވެ. އޭނާ މިރޭ ހުރީ ކިހާފުރިހަމައަށް ތައްޔާރުވެގެން ހެއްޔެވެ؟ ނަމަވެސް އާއިންގެ ފަރާތުން ތަޢުރީފުގެ އެންމެ ލަފްޒެއްވެސް އޭނާއަކަށް ނުލިބުނެއެވެ. އެރީތިކަމުން އާއިންގެ ހިތަށް އަސަރު ނުކުރަނީ ހެއްޔެވެ؟ ޝައުން އިރުކޮޅަކު އެހެން ހުރުމަށްފަހު ދެލޯފުހެލިއެވެ. އަދި އޭނާލައިގެންހުރި ބަރުހެދުން ބޭލުމަށް އަވަސްވެގަތެވެ. ހެދުމުގެ ޒިޕް ވަކިހިސާބަކަށް ކެހިފައި ކުއްލިއަކަށް ތާށިވެއްޖެއެވެ. އޭނާ އެތައްމަސައްކަތެއް ކުރުމުންވެސް ޒިޕްނެއްޓޭގޮތެއްނުވިއެވެ. ޒިޕަށް ރަނގަޅަށް އަތްނުފޯރާތީ ތާށިފިލުވޭގޮތެއް ނުވިއެވެ.

" އަޅެ ދެން މިޖެހުނީ ކިހާދެރަކަމެއް….މިޒިޕްގަނޑުވެސް މިގަޑީގަ ތާށިވާން ޖެހޭތަ؟…" ނުރުހުންވެފައި ޝައުންއަށް ހިތާހިތާ ކިޔާލެވުނެވެ.

އޭނާ އެތައްއިރަކު މަސައްކަތް ކުރުމުންވެސް ޒިޕްނެއްޓޭގޮތެއް ނުވިއެވެ. ނަމަވެސް އެހެދުމުގައި އޭނާއަކަށް ނުނިދޭނެއެވެ. ޝައުން އިރުކޮޅަކު ވިސްނާލަން ހުރުމަށްފަހު އާއިންގެ އެހީއަށް އެދުމަށް ހިތަށްއެރިއެވެ. ނަމަވެސް އޭރުން އާއިން ހީކޮށްފާނެ އެއްޗަކާމެދުވެސް އޭނާ ކަންބޮޑުވިއެވެ. އެހެންނަމަވެސް މިރޭ ހަތަރުދަމު އެހެދުން ލައިގެންވެސް އޭނާއަކަށް ނުހުރެވޭނެއެވެ. ދެޚިޔާލެއްގައިހުރެ އޭނާ ކޮޓަރިން ނުކުތެވެ. ގޭތެރެ ހަމަހިމޭންކަމުން އޭނާ ޖެހިލުންވާ ގޮތްވިއެވެ. އޭނާ މަޑުމަޑުން ޖެހިގެންހުރި ކޮޓަރި ކައިރިއަށް ގޮސް ހުއްޓުނެވެ.

" އާން ވީ މިކޮޓަރީގަބާ ނޫނީ އެކޮޓަރީގަބާ؟…" ދެކޮޓަރި ހުރުމާއެކު އާއިން ވީ ކޮޓަރިއަކާމެދު ޝައުންގެ ހިތުގައި ސުވާލު އުފެދުނެވެ. އިރުކޮޅަކު ވިސްނާލަން ހުރެފައި ކައިރީގައިހުރި ކޮޓަރީގެ ދޮރުގައި އޭނާ ޓަކިދިނެވެ. ދެފަހަރަކު ޓަކިޖަހާލުމާއެކު ދޮރުހުޅުވިއެވެ. ހަމައެކަނި ބޮކްސާލައިގެން ހުސްގަޔާހުރި އާއިން ފެނިފައި ޝައުންގެ މެޔަށް ފިނިވެގެން ދިޔައެވެ.
" ޝައުން…ކިހިނެއްވީ؟…" ކޮޓަރިން ނުކުންނަމުން އާއިން އެހިއެވެ.

" މި މި..އަހަރެންގެ ހެދުމުގެ ޒިޕްތާށިވެގެން…." އާއިންގެ އެހީއަށްއެދެން ޝައުންހުރީ ޖެހިލުންވެފައެވެ. އާއިންގެ އެހީތެރިކަމެއް ބޭނުމެއްނޫނޭ ބުނެ އަޑުއުފުލިތާ ހިނދުކޮޅެއްނުވެ ގޮސް އާއިންގެ ކުރިމަތީގައި އެހީއަށް އެދެން ޖެހުމުން ވާނީވެސް އެހެން ނޫންހެއްޔެވެ؟

" އެހެންތަ….ދައްކަބަލަ!…" ޝައުންއަށްވެފައިހުރިގޮތުން އާއިންގެ ގާތަށްހިނިއައި ނަމަވެސް އެކަން ފޮރުވަމުން އޭނާ ބުނެލިއެވެ. ޝައުން އަނެއްފަރާތަށް އެނބުރުމުން އާއިން ހެދުމަށް ނަޒަރު ހިންގާލިއެވެ.
" ހާދަވަރެއްކޮށްލާފަ މިއޮތީ….ހީވަނީ ހެދުންވެސް ހަލާކުވެގެންހެން މިކަން ނިމޭނީ…" ޒިޕްގައިހިފައި ދެކޮޅަށް ހިންގާލުމަށް މަސައްކަތްކުރަމުން އާއިން ބުނެލިއެވެ.

" އޯކޭ ހެދުން ހަލާކުވިޔަސް…..މިހެދުމުގެ ބޭނުމެއް ދެން ނެތެއްނު…." ފަރުވާކުޑަގޮތަކަށް ޝައުން ބުނެލިއެވެ. އާއިން އަތަށްބާރުލާފައި ކުއްލިއެއް ޖެހިޖެހީނުން ޒިޕްނައްޓާލިއެވެ. އެއާއެކު ޝައުންގެ ކޮނޑުމަތިން ހެދުން ސޮހިގެން ތިރިޔަށް ހިނގައްޖެއެވެ. ޝައުން އެކަމަށް ނުވިސްނާ ހުރުމުންނާއި ހެދުމުގެ ބަރުކަމުން ނުހިފެހެއްޓިގެން އިސާހިތަކު ހެދުން އޮތީ އޭނާގެ ފައިބުޑުގައެވެ. ކުޑަހިނދުކޮޅަކަށް އާއިންގެ ކުރިމަތީގައި ޝައުންގެ މުޅިހަށިގަނޑު ހާމަވެގެން ހިނގައްޖެއެވެ. އަޑިންލާފައިވާ ތަކެތިން ނިވާވަނީ ވަރަށްވެސް ކުޑަމިންވަރެކެވެ. ޝައުން ގަތްލަދުން އަވަސް އަވަހަށް ގުދުވެ ހެދުންނަގައި ބޮނޑިކުރަމުން އޭނާގެ ކޮޓަރިއާ ދިމާއަށް ދުއްވައިގަތެވެ. ނަމަވެސް އޭނާގެ ބަދުނަސީބުކަމުން ހެދުމުގެ ފަސްބަޔަށްއެރިފައި ވެއްޓިއްޖެއެވެ.

" ޝައުން….ބީކެއާރފުލް…" އެމަންޒަރު ބަލަންހުރި އާއިން ދުވެފައި އައިސް ޝައުންއަށް އެހީތެރިވިއެވެ.

" އައުޗް" ތެދުވަން އުޅުނު ވަގުތު ޝައުންގެ ފަޔަށް ތަދުވުމުން އޭނާއަށް އަޑެއްލައްވާލެވުނެވެ.

" ކޮންތާކަށް ތަދުވަނީ؟…" ތިރީތުންފަތުގައި ދައިގަނެގެންއިން ޝައުންއަށް ބަލާލަމުން ލޯތްބާއެކު އާއިން އެހިއެވެ.
" ފަޔަށް…." މަޑުމަޑުން ޝައުން ބުނެލިއެވެ.

އާއިން ބަލާކަށް ނުހުރެ ޝައުން އޭނާގެ އަތްދަނޑިމައްޗަށް އުފުލާލައިގެން ގެންގޮސް ކޮޓަރިއަށް ވެއްދިއެވެ. އަދި މަޑުމަޑުން ގެންގޮސް އެނދުގައި ބޭންދިއެވެ. ކަންތައްވީގޮތުން އޭނާހުރީ ލަދުންގޮސް ހަލާލުވާވަރުވެފައެވެ.

" ދައްކަބަލަ! ފައިފުރޮޅުނީކަމަށް ތިވާނީ…މިހާ އުސްފައިވާނަށް އަރަންޏާ އެހެންވެސްވާނެ" ޝައުންގެ ގާތުގައި އިށީނދެ، ޝައުންގެ އުސްފައިވާން ބާލުވަމުން އާއިން ބުނެލިއެވެ. އަދި ފައިގައި ދެއަތުން ހިފާފައި ކުއްލިއަކަށް ގޮތެއް ހަދާލުމާއެކު ޝައުންއަށް ހަޅޭއްލަވައިގަނެވުނެވެ.

" އިރުކޮޅަކުން ރަނގަޅުވެދާނެ….އަންނާނަން އުނގުޅާލާނެ އެއްޗެއް ހޯދައިގެން…" އެހެންބުނުމަށްފަހު އާއިން ކޮޓަރިން ނުކުތެވެ. ތަންވަޅުބަލާފައި ޝައުން އޭނާގެ ލައިގެންހުރި ހެދުން ބޭލުމަށްފަހު އެނދުމަތީގައި އޮތް ނިދާހެދުން ލިއެވެ. ނަމަވެސް އެއީ އަތްކެނޑި އަދި އެހާމެ ކުރުހެދުމެކެވެ. އެހެންކަމުން އެނދުގައި އޮތް ކުއިލްޓްނަގައި އޮޅާލައިގެން އޭނާއިނެވެ. އިރުކޮޅެއްނުވެ އާއިން އެނބުރި އައީ ޒައިތޫނި ތެޔޮފުޅިއެއް ހިފައިގެންނެވެ. ޝައުންއިންގޮތް ފެނިގައި އާއިންގެ ގާތަށް ހިނިއަންނަގޮތްވިއެވެ. ނަމަވެސް އަވަހަށް ހިނިތުންވުން އޮއްބާލަމުން ޝައުންގެ ގާތުގައި އިށީނދެ ފައިގައި ތެޔޮ އުނގުޅަންފެށިއެވެ. ހިމޭންކަމާއެކު ދެމީހުންތިބިއިރު، މިރޭ ކަންތައް ވީގޮތުން އާއިންއާ ކުރިމަތިލާންވެސް ޝައުންއިނީ ނުހަނު ލަދުންނެވެ. އަނެއްކޮޅުން ޝައުން އާއިންއާ ދިމާއަށް ބުނި ހަރުކަށި ބަސްތަކާއި އެގްރީމެންޓްގެ ނުކުތާތައް ހަނދާންވީ ވަރަކަށް ޝައުންގެ މޮޔަކަމާމެދު އާއިންއަށް އެތެރެ އެތެރެއިން ހެވެމުން ދިޔައެވެ. ނަމަވެސް ޝައުންގެ މޫޑުގޯސްވެދާނެތީ އޭނާ ބަހެއްނުބުނެ ކެތްކޮށްގެން އިނެވެ.

" ދެން ނިދާލީމަ ރަނގަޅުވާނެ….މާބޮޑަށް ތަދުވަންޏާ ތަދުކަނޑުވާ ބޭސްގުޅައެއް ގެނެސްދޭންތަ؟…އަހަރެން އަތުގަ ހުންނާނެ ބޭސް…" ތެޔޮ އުނގުޅާ ނިމުމުން ސީރިއަސްރާގެއްގައި އާއިން އެހިއެވެ. ޝައުން ނޫނެކޭބުނެ ދެފަރާތަކަށް ބޯހޫރާލުމުން އާއިން ގުޑްނައިޓްއޭ ބުނެފައި ކޮޓަރިން ނުކުމެގެން ދިޔައެވެ.

އާއިން ދިއުމުން ޝައުން އެނދުގައި އޮށޯވެ ހަމަޖެހިލިއެވެ. އަދި މިރޭވީ ކަންތަކާމެދު ވިސްނާލާފައި އޭނާގެ އަމިއްލަ ނަފްސަށް މަލާމާތް ކުރެވުނެވެ. ކޮންމެ ފަހަރަކު އާއިންގެ ކުރިމަތީގައި އޭނާއަށް ބަލިކަށިވާން މިޖެހެނީ ކީއްވެގެންބާއޭ ހިތަށްއެރިއެވެ. އާއިންގެ އެހީތެރިކަމެއް ބޭނުމެއްނޫނޭ ހަރުއަޑުން ބުނެފައި ހިނދުކޮޅެއްނުވެ އެހީއަށްވެސް އެދެން ޖެހުނީއެވެ.

ރޭދަބައިވެގެން ދިޔައިރުވެސް ފަރަހަނާޒްގެ ލޮލަކަށް ނިންޏެއްނައެވެ. އާއިން ކިތަންމެ ލޯބިން އޭނާގާތުގައި ނިދާށޭ ބުނިނަމަވެސް އޭނާ ނިދާނީ ކިހިނެއް ހެއްޔެވެ؟ އޭނާއަށް ހަމަ ވިސްނެނީއެވެ. ނުރޯން މަސައްކަތްކުރި ނަމަވެސް ރޮވެނީއެވެ. ތިމާގެ ފިރިމީހާ އެހެން އަންހެނަކާ ހިއްސާކުރަން ޖެހުމުން ލޮލަށް ނުރޮވޭނީވެސް ކާކަށް ހެއްޔެވެ؟ އާއިން ދެވަނަ ކައިވެންޏެއް ކުރުމަށް ކުރިން އޭނާވެސް ކިތަންމެ ފަހަރަކު އެދުނެވެ. ނަމަވެސް މިއީ ކިހާ ހިތްދަތި ވޭންހުރި ކަމެއްކަން މިއެނގުނީ އަދި ކިރިޔާއެވެ.
މިއީ ވަގުތީ ކަމެކޭ ބުނިނަމަވެސް، ދެމީހުން އެކަހެރިވުމުން އެދެމެދުގައި ގުޅުމެއް ނުހިނގާނެ ކަމުގެ އެއްވެސް ޔަޤީންކަމެއް އޭނާގެ ނެތެވެ. އޭނާ އާއިންއަށް ކިތަންމެ އިތުބާރުކުރި ނަމަވެސް ޝައުންގެ ރީތިކަމުގެ ކުރިމަތީގައި ކޮންމެ ފިރިހެނެއްގެ ހިތްވެސް ބަލިކަށިވާނެކަމީ ޔަޤީންކަމެކެވެ. ވީއިރު އާއިންގެ ހިތަށްވަކީން އަސަރުނުކޮށް ހުންނާނެ ހެއްޔެވެ؟ އެރީތިކަން އެހާގާތުން ފެނުމުން އެކަމަށް ނުއެދެވި ހުންނާނެ ހެއްޔެވެ؟ ނޭނގިނަމަވެސް ފަރަހަނާޒްގެ ހިތުގައި ޝައުންގެ ރީތިކަމާމެދު ހަސަދައިގެ އޮޔެވަރެއް ހިނގާލިއެވެ.

އާއިންއާއި ޝައުންގެ ހާލުވެސް ހަމައެފަދައެވެ. ދެމީހުންކުރެ އެކަކަށްވެސް ނިދޭގޮތެއް ނުވިއެވެ. ޝައުންގެ ޚިޔާލުތައް އާއިންއާ ގުޅިފައިވީއިރު، އާއިންއަށް ބައެއްފަހަރު ޝައުންއާމެދު އަދި އަނެއްބައި ފަހަރު ފަރަހަނާޒްއާމެދު ވިސްނެމުން ދިޔައެވެ. ދެއަންހެންކުދިންނަކީވެސް އުޑާބިމާހައި ތަފާތު މިޒާޖެއްގެ ދެކުދިންނެވެ. ފަރަހަނާޒްގެ ކިބައިގައި ނުހަނު ގިނަ ރަނގަޅު ސިފަތަކެއްވީއިރު، ޝައުންގެ ކިބައިގައިވެސް އޭނާގެ ހިތްއެދޭ ކިތަންމެ ސިފައެއްވެއެވެ. ދެއަންހެން ކުދީންވެސް އެކުދިންގެ ގޮތުގައި ފުރިހަމައެވެ. އެހެންކަމާއެކުވެސް ފަރަހަނާޒްފަދަ ދީންވެރި ކުއްޖަކަށް ޝައުން ހެދުމަކީ އާއިންގެ އަޒުމެކެވެ.

*****
ޖެހިގެން އައި ދުވަހުގެ އެރިއިރާއެކު ސޯޝަލްމީޑިއާގެ ވައިގަހިފާފައިވާ ޚަބަރަކީ އާއިންއާއި ޝައުންގެ ކައިވެނީގެ ޚަބަރެކެވެ. އެކައިވެންޏަކީ އާއިންގެ ދެވަނަ ކައިވެނިކަން އެނގުމުން ގިނަމީހުންގެ ފާޑުކިޔުންތައް އަމާޒުވިއެވެ. އާއިންގެ ރީތި ހިތްހެޔޮ އަނތްބެއް ހުރުމާއެކުވެސް ކައިވެނިކުރަން ޖެހުނީ، ކީއްވެބާއޭ ބައެއްމީހުން ސުވާލު އުފެއްދިއެވެ. ނަމަވެސް ގިނަމީހުންނަށް ވިސްނުނީ އެއީ މުއްސަނދިކަމުގެ އަސަރުކަމަށެވެ. އާއިންއަކީ ސުންނަތަށް އުޅޭމީހަކަށްވީތީ އެކަންކުރީއޭވެސް ބައެއްމީހުން ބުނަމުން ދިޔައެވެ.
ކޮންމެއަކަސް އެކައިވެނިވެގެން ދިޔައީ ނޫސްތަކުގެ ފަލަ ސުރުޚީއަށް އެރި ޚަބަރަކަށެވެ. މާލޭގެ ނަން މަޝްހޫރު ޒުވާން ވިޔަފާރިވެރިޔަކު ދެއަނތްބަށް އިނުން އެއީ ހޫނު ޚަބަރަކަށް ނުވެނުދާނެ ނޫން ހެއްޔެވެ؟ ކޮންމެ ޒަމާނެއގައިވެސް މީސްމީހުންގެ ޒާތީ ދިރިއުޅުމުގެ ޚަބަރުތަކަކީ އެހެންމީހުންގެ މުނިފޫހިފލުވައިދޭ ވަސީލަތަކަށް އޮންނަނީވެފައެވެ. މީހަކު މިވެނިކަމެއްކުރީ ކީއްވެތޯ އެވެނިކަމެއްކުރީ ކީއްވެތޯ ބަލަން މީހުންތިބެނީ ކެތްމަދުވެފައެވެ.
ނަމަވެސް އަދްޔަންއަށް އެޚަބަރު ލިބޭވަރުވީ އޭގެ ދެދުވަސްފަހުންނެވެ. އޭނާގެ ދަރިފުޅުގެ ހާލަތު ގޯސްވެގެން ހޮސްޕިޓަލްގައި އުޅެންޖެހުމުގެ ސަބަބުން، އޭނާގެ ބައްޕަގެ ކޯލަކަށްވެސް ޖަވާބުދެވޭގޮތްނުވީއެވެ. ޝައުންއާއި އާއިންގެ ކައިވެނީގެ ޚަބަރުން އަދްޔަންއަށް ޝޮކެއް ލިބުނެވެ. އެފަދަކަމެއް ވެދާނެކަމަށް އޭނާ ލަފާކޮށްލާފައިވެސް ނުވެއެވެ. މިވީގޮތުން އޭނާ ނުހަނު ކަންބޮޑު ވެއްޖެއެވެ. އޭނާ ގަސްތުކޮށްގެންހުރީ ޝައުންއަށް ރަނގަޅު ފިލާވަޅެއް ދިނުމަށެވެ. ނަމަވެސް އޭނާ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ މިވަގުތު އޭނާގެ އަތުގައި ޝައުންއާއި އާއިންއާ ދެކޮޅަށް ބޭނުންކުރާނެ ހަތިޔާރެއްވެސް ނެތެވެ. އޭނާ އެޑިޓްކުރިހާ ފޮޓޯތައްވެސްވީ މާލޭގައިހުރި އޭނާގެ ލެޕްޓޮޕްގައެވެ. އޭނާގެ ފޯނުގައިހުރި ފޮޓޯތައް އަންހެނުންނަށް ފެނިގެން ސުވާލެއްކޮށްފާނެތީ ޑިލީޓްކޮށްލީއެވެ. އަނެއްކޮޅުން އަވަހަށް މާލެ ދެވޭކަށްވެސް ނެތެވެ. ފޮޓޯތައް ޑްރައިވަށް އަޕްލޯޑްނުކޮށް ނައްތާލެވުނީތީ މިހާރު އޭނާ ދެރަވެއެވެ. ނޫންނަމަ އެދެމީހުން ރަނގަޅުގޮތުގައި ބޭޒާރުކޮށްލެވުނީހެވެ. ނަމަވެސް އަދިވެސް އޭނާ ގޮތެއްދުލެއް ނުކުރާނެއެވެ. އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުންވެސް ޝައުންގެ ކިބައިން އޭނާ ބަދަލު ހިފާނެއެވެ.
ނުނިމޭ