Last Updated: April 26, 16:59
Friday, April 26, 2024
ސިޔާސީ

ދީބާޖާއަށް ފައިސާ ދޭންޖެހޭނީ ހަމަސް ތެރޭގައި – ދައުލަތް

ސިވިލް ކޯޓު ހިންގަމުންދާ ޖަސްޓިސް ބިލްޑިންގ -- ފޮޓޯ / މިހާރު

ދީބާޖާ އިންވެސްޓުމަންޓަށް ބަދަލު ދިނުމަށް ކޮށްފައިވާ ހުކުމަށް އަމަލު ކުރަންޖެހޭނީ ހަމަސް ފަހުން ކަމަށް ދަޢުލަތުން މިއަދު ބުނެފިއެވެ.

ދީބާޖާ އިންވެސްޓްމަންޓް ކުންފުންޏަށް ބަދަލު ދޭން ދައުލަތުގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައިގެ ދެވަނަ އަޑުއެހުމުގައި ދަޢުލަތުން ވަކީލުން ބުނީ ދީބާޖާއަށް ފައިސާ ދައްކަން ސިވިލް ކޯޓުން އެންމެ ފުރަތަމަ 2014ވަނަ އަހަރު ކުރި ހުކުމްގައިވެސް ވަނީ ހަމަސް ތެރޭގައި ފައިސާ ދެއްކުމަށް ކަމަށެވެ. އަދި ފަހުން ސުޕްރީމް ކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރުމަށް ކުރި ޙުކުމްގައި ފައިސާ ދައްކަން ވަކި ތާރީޚެއް ކަނޑައަޅާފައި ނުވާ ކަމަށް ދަޢުލަތުން ބުންޏެވެ. އެހެންކަމުން ދީބާޖާއަށް ފައިސާ ދައްކަން ޖެހޭނީ ހަމަސް ތެރޭގައި ކަމަށް ދަޢުލަތުން ވަނީ ސިވިލް ކޯޓުގައި މިއަދު ބުނެފައެވެ.

ދަޢުލަތުން މިއަދު ވަނީ ހުކުމް ތަންފީޒު ކުރުމުގެ އެ މައްސަލަ ކުރިއަށް ގެންދަނީ އުސޫލުތަކާ ޚިލާފަށް ކަމަށް ކަނޑައަޅައި، އެ މައްސަލަ ބާތިލްކޮށް ދިނުމަށްވެސް އެދިފައެވެ. ދީބާޖާގެ ފަރާތުން ވާހަކަދެއްކި ވަކީލު ވިދާޅުވީ ސިވިލް ކޯޓާއި ސުޕްރީމް ކޯޓުގެ ޙުކުމުންވެސް ދީބާޖާއަށް ލިބެންޖެހޭ ފައިސާއަކީ ދަޢުލަތުން ދޭންޖެހޭ ފައިސާއެއްކަން ސާފުވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ވީ އެންމެ އަވަހަކަށް ނިންމައި ދެއްވުމަށްވެސް ދީބާޖާގެ ފަރާތުން ވަނީ ކޯޓުގައި އެދިފައެވެ.

އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާ އެކު ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން ހެދި އެއްބަސްވުން ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދުގެ ސަރުކާރުން ވަނީ އުވާލައިފައެވެ. އަދި އެކަމުގެ ބަދަލެއްގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް 2014 ގައި ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.