Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ޕީޕީއެމް އާއި އަދާލަތު އަދި ޑީއާރްޕީ ޖޫރިމަނާކޮށްފި

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން - ފޮޓޯ: އީސީ

ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި ޚިލާފުވެގެން ޕީޕީއެމްއާ އަދާލަތު ޕާޓީ އަދި ޑީއާރްޕީ ޖޫރިމަނާ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނީ ސިޔާސީ ޕާޓީޓަކުގެ ޤާނޫނާއި ޚިލާފަށް ޕީޕީއެމްއިން ޚަރަދުކޮށްފައިވާތީ 20،000 ރުފިޔާއިން އެޕާޓީން ޖޫރިމަނާ ކުރުމަށް އިލެކްޝަނުން ނިންމާފައިވާ ކަމަށެވެ.

އިލެކްޝަނުން ބުނީ ޕީޕީއެމްއިން ޤާނޫނާއި ޚިލާފަށް ޚަރަދުކޮށްފައިވާކަން އެޕާޓީގެ އޮޑިޓު ރިޕޯޓުން ފާހަގަވާ ކަމަށެވެ. އަދި އެ މައްސަލާގައި އެޕާޓީގެ ފައިނޭންސް ކަންކަން ބަލަހައްޓާ ފަރާތްވެސް ޖޫރިމަނާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އިލެކްޝަނުން ބުނީ ޕީޕީއެމްގެ ފައިނޭންސް ކަންކަން ބަލަހައްޓާ ފަރާތް 5000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

އިލެކްޝަނުން ބުނި ގޮތުގައި އަދާލަތާއި ޑިއާރްޕީ ޖޫރިމަނާ ކުރީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައިވާ ތާރީޚުގައި އޮޑިޓު ރިޕޯޓު ހުށަހަޅާފައި ނުވާތީ ކަމަށެވެ. އެހެންކަމުން ކޮންމެ ޕާޓީއެއް 50،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ނިންމާފައިވާ ކަމަށް އިލެކްޝަނުން ބުނެއެވެ.

ސިޔާސީ ޕާޓީތަކާ ބެހޭ ޤާނޫނުގައިވާ ގޮތުން އެއްވެސް ޕާޓީއަކުން ޤާނޫނާ އެއްގޮތަށް ހިސާބުގެ ލިޔެކިޔުންތައް ބަލަހައްޓާފައިނުވާނަމަ، ނުވަތަ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ އެއްވެސް މާލީ ރިޕޯޓެއް ހުށަހަޅާފައިނުވާނަމަ، 20،000 ރުފިޔާއާއި 50،000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން އެ ޕާޓީއެއް ޖޫރިމަނާ ކުރުމުގެ ބާރު ކޮމިޝަނަށް ލިބިގެންވެއެވެ.

އަދި އެޕާޓީއެއް ޖޫރިމަނާކުރުމުގެ އިތުރަށް، އެ ޕާޓީއަކުން ކަނޑައަޅާފައިވާ ފަރާތް ނުވަތަ މަސްޢުލުވެރިޔާވެސް 5000 ރުފިޔާއާއި 10،000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު ޤާނޫނުން ވަނީ އިލެކްޝަންސް ކޮމިޝަނަށް ދީފައެވެ.