Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

އިންތިޚާބީ ރިޝްވަތުގެ ހަތަރު މައްސަލައަކަށް ދަޢުވާ ކުރަން ފޮނުވައިފި

އޭސީސީގެ ރައީސާއި ނާއިބު ރައީސް ބައްދަލުވުމެއްގައި

ރައްޔިތުން މަޖިލިސް އިންތިޚާބާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ތަޙްޤީޤުކޮށްފައިވާ އިންތިޚާބީ ރިޝްވަތުގެ ހަތަރު މައްސަލައެއް ދަޢުވާ ކޮށްދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

އޭ.ސީ.ސީ އިން ތަޙްޤީޤުކުރަމުންދާ އިންތިޚާބީ ކޮރަޕްޝަންގެ މައްސަލަތަކާގުޅޭ ގޮތުން ނެރުނު ބަޔާނެއްގައި އޭސީސީން މިއަދު ބުނީ އެ މައްސަލަތަކަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅޭގޮތުން އެކޮމިޝަނުން އިސްނަގައިގެންނާއި އަދި އެކި ފަރާތްތަކުން އޭސީސީއަށް ހުށަހަޅާފައިވާ ޝަކުވާތަކާ ގުޅިގެން އެ ކޮމިޝަނުން ތަޙްޤީޤުކޮށްފައިވާ މައްސަލަތަކެއް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާގުޅޭ އިންތިޚާބީ ކޮރަޕްޝަންގެ ޖުމްލަ 22 މައްސަލަ އެ ކޮމިޝަނުން ތަޙްޤީޤުކޮށްފައިވާ ކަމަށް އޭސީސީގެ ބަޔާނުގައި ބުނެފައިވެއެވެ. އެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ އެ ކޮމިޝަނުން އިސްނަގައިގެން ބަލަން ފެށި 10 މައްސަލައާއި، އެކި ފަރާތްތަކުން ހުށަހެޅި ޝަކުވާތަކާ ގުޅިގެން ބަލަން ފެށި 12 މައްސަލައެއް ކަމަށް އޭސީސީން ބުނެއެވެ.

އޭސީސީގެ ބަޔާނުގައި ބުނީ 22 މައްސަލައިގެ ތެރެއިން މިހާތަނަށް ޖުމްލަ 16 މައްސަލައިގެ ތަޙްޤީޤު މަރުޙަލާ ނިމިފައިވާއިރު، މީގެތެރޭގައި ހިމެނޭ ދަޢުވާކުރެވޭ މިންވަރަށް ހެއްކާއި ޤަރީނާހުރިކަމަށް ބެލެވޭ މައްސަލަތަކުގައި ދަޢުވާކުރުމާގުޅޭގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއެކު އޭސީސީއިން ދަނީ ޑިއުޓީ ޕްރޮސިކިއުޝަން މަރުޙަލާ ފުރިހަމަކުރަމުން ކަމަށެވެ. ޑިއުޓީ ޕްރޮސިކިއުޝަން ކުރިއަށްދަނީ 04 މައްސަލައެއްގައި ކަމަށްވެސް އޭސީސީން ބުނެއެވެ. އޭސީސީން ބުނީ އިންތިޚާބީ ކޮރަޕްޝަންގެ އިތުރު 06 މައްސަލައެއް ކޮމިޝަނުން ދަނީ ތަޙްޤީޤުކުރަމުން މިހާރުވެސް ދާ ކަމަށެވެ.

އިންތިޚާބާއި ބެހޭ ޢާއްމު ޤާނޫނުގައި ބުނެފައިވަނީ އެހެން ޤާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، އިންތިޚާބުތަކާ ގުޅިގެން ހުށަހެޅޭ ރިޝްވަތާބެހޭ މައްސަލަތައް ބަލައި ތަޙުޤީޤުކުރަންވާނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކަމަށެވެ.