Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

ކުއްޖާ ނިޔާވީ ފްލައިޓް މަތީގައެއް ނޫން: އެޗްއާރްއެޗް

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް

ތުއްތު ކުދިންނަށް ފަރުވާ ދިނުމަށް ބޭނުންކުރާ "ބޭބީ އިންކިއުބޭޓަރ" ނެތިގެން އިތުރު ފަރުވާއަށް މާލެ ފޮނުވާލި ކުއްޖާ ނިޔާވީ ފްލައިޓް މަތީގައި ކަމަށް ދެކެވޭ ވާހަކަތައް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ދޮގުކޮށްފިއެވެ.

އުމުރުން އެއް ދުވަހުގައި އިއްޔެ ނިޔާވެފައިވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ވިހޭ ސ.މަރަދޫ ފޭދޫ، މޭރީ ވިއު، ޢާއިޝަތު އީވް އިމްރާންއެވެ.

އެޗްއާރްއެޗް އިން މިއަދު ބުނީ އެ ކުއްޖާ އެރޭގެ 10:20 ހާއިރު އައިޖީއެމްއެޗަށް ގެންދެވި އެ ހޮސްޕިޓަލުގެ އެންއައިސީޔޫ ގައި ފަރުވާދޭން ފެށުނު ކަމަށެވެ.

"ފްލައިޓުގައި ނިޔާވި ކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތާއި ހިލާފު ވާހަކައެއް" އެޗްއާރްއެޗް އިން ބުންޏެވެ.

"ބޭބީ އިންކިއުބޭޓަރ" އެއް ނެތިގެން މާލެ ފޮނުވާލި ކުއްޖަކު ނިޔާވިއިރު، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ޑޮކްޓަރުންނާއި ވަސީލަތްތައް ހަމަނުވުމުގެ ޝަކުވާ އެ ރަށުގެ ރައްޔިތުން ކުރަމުން އަންނަތާ މިހާރު ވަނީ ދުވަސްތަކެއް ވެގެން ގޮސްފައެވެ.

މިދިޔަ ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ޑޮކްޓަރުން ހަމަކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި އައްޑޫގެ ސިއްހީ ނިޒާމަށް ޖުމްލަ ހައްލެއް ލިބިގެންދާނީ އީސީސީގައި ހަދަމުން އަންނަ ހޮސްޕިޓަލް ހުޅުވުމުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.