Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ދިވެހިންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދޭން މަސައްކަތް ކުރާނަން: ލަންކާ

ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ސްރީލަންކާގެ ފޮރިން މިނިސްޓަރ ތިލަކް މަރަޕަނާ، ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދަށް ދެއްވައިފިއެވެ.

ލަންކާގެ ފޮރިން މިނިސްޓަރު މި ޔަގީންކަން ދެއްވާފައިވަނީ ލަންކާގެ އާރމީގެ ވެރިޔާ އިންޑިއާގެ ޓީވީ ޗެނަލަކަށް ދެއްވި އިންޓަރވިއުއެއްގައި ރާއްޖެއާއި ބެހޭ ގޮތުން ދެއްކެވި ވާހަކަފުޅުތަކާއި ގުޅޭ ގޮތުންނާއި، ސްރީލަންކާގެ މަސްރަހާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް މިނިސްޓަރު ޝާހިދު ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.

އެގޮތުން މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ސްރީލަންކާގައި ދިރިއުޅޭ އަދި އެޤައުމަށް ދަތުރުކުރާ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފިޔަވަޅުތައް އަޅުއްވައިދެއްވުމަށް އެދިވަޑައިގަތެވެ. އަދި ސްރީލަންކާއަށް ދިމާވެފައިވާ މިޙާލަތުގައި އެޤައުމުގައި ތިބި ދިވެހި ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކާއި ބެހޭ ގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ސްރީލަންކާގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ތިލަކް މަރަޕަނާގެ ވާހަކަފުޅުގައި ސްރީލަންކާގެ އެކި ސަރަހައްދުތަކުގައި އެޕްރީލް މަހުގެ 21 ވަނަ ދުވަހު ދިން ޓެރަރިސްޓް ޙަމަލާތަކާއި ގުޅިގެން ހަމަ އެދުވަހު ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ޚަލީލު ފޮނުއްވިކަން ފާހަގަކުރައްވައި އެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙަށް ޝުކުރު ދެންނެވިއެވެ.

އަދި މީގެ އިތުރުން އެޙަމަލާތަކަށްފަހު ސްރީލަންކާއަށް އެންމެ ފުރަތަމަ ވަޑައިގެންނެވި ބޭރު ޤައުމެއްގެ އެންމެ އިސްވެރިޔަކީ ރާއްޖޭގެ ފޮރިން މިނިސްޓަރކަން ފާހަގަކުރައްވައި، އެމަނިކުފާނަށް ޝުކުރު އަދާކުރެއްވިއެވެ.

ހަމައެއާއިއެކު، ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން މިނިސްޓަރ ޝާހިދަށް ދެއްވިއެވެ.

އިންޑިއާ ކަނޑުގެ ސަރަހައްދަކީ ޓެރަރިޒަމްގެ އަމަލުތަކުން އަމާންކަން ލިބިގެންވާ ސަރަހައްދަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގައި ސަރަހައްދުގެ އެހެން ޤައުމުތަކާއި ގުޅިގެން ރާއްޖެއިން އަބަދުވެސް މަސައްކަތްކުރަމުންދާނެކަމުގެ ޔަޤީންކަން ސްރީލަންކާގެ ފޮރިން މިނިސްޓަރަށް މިނިސްޓަރ ޝާހިދު ވަނީ މިއަދުވެސް އަރުވާފައެވެ.