Last Updated: July 2, 23:14
Thursday, July 3, 2025
ޚަބަރު

ވޯލްޑް ހެލްތު އެސެމްބްލީ ފަށައިފި

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ "ވާރލްޑް ހެލްތު އެސެމްބްލީ"ގެ 72 ވަނަ ބައްދަލުވުން ސްވިޒްލޭންޑްގެ ޖެނީވާގައި މިއަދު ފަށައިފިއެވެ.

މިއަހަރުގެ ހެލްތު އެސެމްބްލީގައި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ 194 މެންބަރު ޤައުމުން ވަނީ ބައިވެރިވެފައެވެ. މިމަހުގެ 20 ން 28 އަށް ކުރިއަށްދާ މި ބައްދަލުވުމުކީ ދުނިޔޭގެ ސިއްޙީ ދާއިރާގެ އެންމެ މަތީ ވެރިންނާއި އަދި އެދާއިރާގެ އެންމެ ކުރީ ސަފުގައި މަސައްކަތްކުރައްވާ ފަރާތްތަކުގެ މެދުގައި ބޭއްވޭ ސިއްޙަތާއިބެހޭ އެންމެ މުހިންމު ބައްދަލުވުމެވެ.

މިއަހަރުގެ މިބައްދަލުވުމުގައި ދިވެހިރާއްޖެ ތަމްޞީލު ކުރާ ވަފުދުގައި އިސްކޮށް ހުންނެވީ މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީނެވެ. މީގެ އިތުރުންެ ޖެނީވާގައި ހުންނަ ދިވެހިރާއްޖޭގެ މިޝަންގެ ޕަރމަނަންޓް ރެޕްރެޒެންޓެޓިވް ޑރ. ހާލާ ހަމީދާއި މިނިސްޓްރީ އޮފް ހެލްތުގެ އިސްބޭފުޅުންނާއި، ޖެނީވާ މިޝަންގެ އިސް މުވައްޒަފުން ވަނީ މިބައްދަލުވުމުގައި ބައިވެރިވެލައްވާފައެވެ. މިއަހަރުގެ ހެލްތު އެސެމްބްލީގެ ކޮމިޓީ ބީގެ ވައިސް ޗެއަރމަންކަންް މިނިސްޓާރ އޮފް ހެލްތު އަބްދުﷲ އަމީން އަދާކުރައްވާނެއެވެ.

މިއަހަރުގެ ބައްދަލުވުމުގައި ޤައުމުތަކުގެ ވަފުދުގެ އިސްބޭފުޅުން ތަޤުރީރު ކުރެއްވުމަށް ޚާއްސަ ކުރެވިފައިވާ މައުޟޫއަށް މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީން ތަޤުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއަހަރު ޤައުމުތަކުގެ ވަފުދުގެ އިސްބޭފުޅުން ތަޤްރީރު ކުރެއްވުމަށް ހަމަޖެހިފައިވާ މައުޟޫއަކީ:

“Universal Health Coverage: Leaving no one behind”

މިއަހަރުގެ ހެލްތު އެސެމްބްލީ ކުރިއަށްދާއިރު، ދިވެހިރާއްޖެއިން ކޯ-ސްޕޮންސަރ ކޮށްގެން 2 ސައިޑް އިވެންޓެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މިސައިޑް އިވެންޓްތަކުގައި މަޝްވަރާކުރެވޭނީ މައުޟޫއަކީ ސާޖަރީގެ ޚިދުމަތްތައް ރައްކާތެރިގޮތުގައި ފޯރުކޮށްދިނުމާ ބެހޭގޮތުންނާއި ތިމާވެއްޓަށް އަންނަ ނޭދެވޭ ބަދަލުތަކާއި ގުޅިގެން ސިއްޚަތަށް ކުރާ އަސްރުތަކާ ގުޅޭގޮތުންނެވެ. މިދެއިވެންޓްގައިވެސް ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެ ވާހަކަދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

ދޭދޭ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ޤައުމުތަކާއި އެހީދޭ ޖަމިއްޔާތަކުގެ އެހީތެރިކަން ހޯދިދާނެ ދާއިރާތަކާއިގުޅޭގޮތުން މަޝްވަރާކުރުމަށް ތަފާތު ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުންވެސް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ދެކުނު އިރުމަތީ އޭޝިޔާގެ ރީޖަނަލް ޑިރެކްޓަރ އާއި ސްޓޮޕް ޓީބީ، ގްލޯބަލް ފަންޑް، އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯރ މައިގްރަންޓްސް ފަދަ ޞިއްޙަތާއި ގުޅުންހުރި ޖަމިއްޔާތަކާއިއެކު ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިދިޔަ އަހަރެކޭވެސް އެއްފަދައިން މިއަހަރުގެ އެސެމްބްލީއާއި ގުޅުވައިގެންވެސް "ވޯކް ދަ ޓޯކް"ގެ ނަމުގައި ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމާއި ހެލިފެލިވެއުޅުމަށް ބާރުއެޅުމުގެ މަޤްސަދުގައި ހިނގާލުމަކާއިއެކު ހަރަކާތްތަކެއް ބާއްވާފައިވެއެވެ. 19 މެއި ގައި ބޭއްވުނު މިހަރަކާތުގައި ދިވެހިރާއްޖޭގެ ވަފްދުންވެސް ވަނީ ބައިވެރިވެފައެވެ.