Last Updated: April 20, 10:35
Saturday, April 20, 2024
ކުޅިވަރު

އަންނަ ސީޒަނުގައި ވެސް އެމްބާޕޭ ފެންނާނީ ޕީއެސްޖީން!

އަންނަ ސީޒަނުގައި ވެސް ޕީއެސްޖީ އަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ފޯވާޑް ކިލިއަމް އެމްބާޕޭ ފެނިގެންދާނީ އެ ކްލަބުން ކަމަށް ޕީއެސްޖީން ބުނެފިއެވެ.

ޕީއެސްޖީން މިހެން ބުނެފައިމިވަނީ އެހެން ކްލަބަށް ބަދަލުވެދާނެ ކަމުގެ އިޝާރާތެއް އެމްބާޕޭ ކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެމްބާޕޭ ގެނައުމަށް ސްޕެއިންގެ ރެއާލް މެޑްރިޑުން ޝައުގުވެރިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޕީއެސްޖީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ފާއިތުވި ދެ އަހަރު ވެސް ކްލަބާއި އެމްބާޕޭއާ ދެމެދު އޮތީ ވަރަށް ބަދަހި ގުޅުމެއް ކަމަށާއި އެ ގުޅުން އަންނަ ސީޒަނުގައި ވެސް ކުރިއަށްދާނެ ކަމަށެވެ. އަދި މިއަހަރަކީ ޕީއެސްޖީ އަށް 50 އަހަރު ފުރޭ އަހަރަށްވެފައި ތާރީހީ ސަފްހާއެއް ލިޔުމުގެ ފުރުސަތު އޮތްކަން ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އުމުރުން 20 އަހަރުގެ އެމްބާޕޭ ޕީއެސްޖީ އަށް ބަދަލުވީ 2017 ވަނަ އަހަރު މޮނާކޯ އިންނެވެ. އެމްބާޕޭ ވަނީ މިހާތަނަށް ޕީއެސްޖީ އަށް 86 މެޗު ކުޅެދީ 59 ގޯލު ކާމިޔާބުކޮށް، ފްރެންޗް ލީގު ދެ ފަހަރު އަދި ފްރެންޗް ކަޕެއް ކާމިޔާބުކޮށްފައެވެ.

މީގެއިތުރުން މި ސީޒަނުގައި ފްރެންޗް ލީގުގައި އެންމެ ގިނަ ގޯލު ކާމިޔާބުކުރި ކުޅުންތެރިއަކީ ވެސް އެމްބާޕޭއެވެ. އެގޮތުން އޭނާ ވަނީ 32 ގޯލު ލީގުގައި ކާމިޔާބުކޮށްފައެވެ.