Last Updated: April 25, 18:10
Thursday, April 25, 2024
ޚަބަރު

ރޭޕްފަދަ މައްސަލަތައް ބަލައި އަވަސް ފިޔަވަޅު އެޅުން މުހިއްމު: ޝެއިޚް ޒައިދު

ޝެއިޚް އަލީ ޒައިދު - ފޮޓޯ: ދި އިސްލާމް

ރޭޕްފަދަ މައްސަލަތައް ރަނގަޅަށް ބަލައި، ކުށްވެރިވާ ފަރާތްތައް ހޯދާ އަވަސް ފިޔަވަޅު އެޅުން މުހިއްމު ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝެއިޚް މިކަމާއި ގުޅިގެން ކުރެއްވި ޓްވީޓްގައިވަނީ ރޭޕްގެ ކުށަކީ އިސްލާމީ ޝަރީޢަތުގައިވެސް ބޮޑު ކުށެއްކަމަށް ވިދާޅުވެފައެވެ.

"ރޭޕްގެ ކުށަކީ އިސްލާމީ ޝަރީޢަތުގައިވެސް ބޮޑު ކުށެއް! މިފަދަ މައްސަލަތައް ރަނގަޅަށް ބަލައި، ކުށްވެރިވާ ފަރާތްތައް ހޯދާ އަވަސް ފިޔަވަޅު އެޅުން މުހިއްމު!" ޝެއިޚް ޒައިދު ވިދާޅުވިއެވެ.

ޝެއިޚް މިފަދައިން ވިދާޅުވެފައިވާ އިރު ގދ. ތިނަދޫގައި މިދިޔަ ހަފްތާތެރޭގައި އުމުރުން 9 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި މިހާރުވަނީ މީހަކު ހައްޔަރު ކޮށްފައެވެ. ފުލުހުން ބުނީ އެ މައްސަލައިގެ ތުހުމަތަށް ހައްޔަރުކޮށްފައިވަނީ 71 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މިމައްސަލަ ޖެންޑާ މިނިސްޓްރީއަށް ވެސް ހުށަހަޅާފައިވާއިރު، މިނިސްޓްރީން ވަނީ އަންހެން ކުއްޖާގެ ބެލެނިވެރިކަން، ކުއްޖާގެ މަންމަގެ ފަރާތުން ނަގާފައެވެ. ރަށުގެ ބައެއް ރައްޔިތުންގެ ފަރާތުން އެނގިފައިވާ ގޮތުގައި އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތު ކުރެވެނީ ކުއްޖާގެ މަންމަގެ ލޯބިވެރިޔާއަށެވެ.

މި މައްސަލައިގެ ތުހުމަތު އެ އަންހެން ކުއްޖާގެ ދެ ބޭބެ އަށްވެސް ކޮށްފައިވާއިރު އޭގެ ތެރެއިން އެއް ބޭބެގެ އުމުރަކީ 16 އަހަރެވެ. އަނެއް ބޭބެގެ އުމުރަކީ 13 އަހަރެވެ.

މިމައްސަލަ މިދިޔަ ހަފްތާގައި ފެންމަތިވެފައިވާއިރު މައްސަލަ ހުށައެޅީ ވެސް ރަށުގެ އާންމު ރައްޔިތަކު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.