Last Updated: April 26, 23:59
Friday, April 26, 2024
ރިޕޯޓް

މުހިއްމީ ކުއްޖާ މަރުވިތަނެއް ނޫން، މުހިއްމީ ހޮސްޕިޓަލްގައި އަވަހަށް ވަސީލަތް ގާއިމްކުރުން!

ހިތަދޫ ހޮސްޕިޓަލްގައި ރައީސް ސޯލިހު

ވިހެއިތާ 1 ދުވަސްވީ ތުއްތު ކުއްޖަކަށް ލިބެންޖެހޭ ފަރުވާ ނުލިބި އެކުއްޖާ މަރުވިކަމުގެ ހަބަރާއި އެކު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން މަސައްކަތް ފެށީ އެކުއްޖާގެ މަރުގައި ހޮސްޕިޓަލްގެ އިހްމާލެއް ނެތްކަން ސާބިތުކޮށްދިނުމަށެވެ.

ބަނޑަށް 7 މަހުގައި ނެގި ތުއްތު ކުއްޖާއަށް ފަރުވާ ދިނުމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އެންއައިސީޔޫގައި ވަސީލަތެއް ނެތެވެ. އޭގެ ސަބަބުން ތުއްތު ކުއްޖާއަށް ފަރުވާ ދިނުމަށް ގެންދަން ޖެހެނީ މާލެއަށެވެ. މި ކުއްޖާ ނިޔާވެފައިވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން މާލެ ގެންގޮސް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި އެކަށީގެންވާ ފަރުވާ ލިބެން ނެތުމުގެ ޝަކުވާ ރައްޔިތުން ކުރަމުންދަނިކޮށް ފަރުވާ ނުލިބި ތުއްތު ކުއްޖަކު މަރުވުމަކީ މި މައްސަލައިގެ ސީރިއަސްކަން އިތުރުވި ކަމެކެވެ. މިވާހަކަ މީޑިއާގައި ފެތުރުމާއި އެކު ހޮސްޕިޓަލުން ނިކުތީ މައްސަލައަށް ފަސް އަޅައި ފޮރުވުމަށެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ފޭސްބުކް ޕޭޖްގައި ބުނެފައިވަނީ ކުއްޖާ ފަރުވާ ދިނުމަށް އައިޖީއެމްއެޗްގެ އެންއައިސީޔޫއަށް ގެންދެވި ފަރުވާ ދެމުންދަނިކޮށް މަރުވެފައިވާ ކަމަށާއި ކުއްޖާ މަރުވީ ފްލައިޓު މަތީގައި ނޫންކަމަށެވެ.

ތުއްތު ކުއްޖާގެ މަރުގެ މައްސަލާގައި ހޮސްޕިޓަލުން ދިން ޖަވާބާއި ގުޅިގެން އެތައް ބަޔަކު ދަނީ ނުރުހުން ފާޅު ކުރަމުންނެވެ. އެގޮތުން ބައެއް ފަރާތްތަކުން ބުނެފައިވަނީ 25 ހާސް މީހުންގެ އާބާދީއެއް ދިރިއުޅޭ އައްޑޫ ސިޓީ ހޮސްޕިޓަލުގެ މެނޭޖުމަންޓުން ދެއްކި ވާހަކަ ތަކުން އެނގެނީ ވެންޓިލޭޓަރެއް ނެތުމަކީ މައްސަލައެއް ނޫންކަމަށެވެ. އަދި މިކަމުގައި އެއްވެސް ސީރިއަސް ކަމެއް ހޮސްޕިޓަލްގެ މެނޭޖްމަންޓުގެ ވެރިންގެ ނެތްކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

ބައެއް ފަރާތްތަކުން ވަނީ "ބޭބީ އިންކިއުބޭޓަރ" ތަކުގެ އަގާއި އެކު ސޯޝަލް މީޑިއާގައި ހިތް ހަމަނުޖެހުން ހިއްސާކޮށްފައެވެ.

އައްޑޫގެ ސިއްހީ ނިޒާމުގެ މައްސަލަތަކުގެ ވާހަކަ މި ސަރުކާރު އައި ފަހުންވެސް އެތައް ފަހަރަކު އެތައް ބަޔަކު ދައްކައިފިއެވެ. ހޮސްޕިޓަލްގައި ހުރި ކަންބޮޑުވުންތަކާއި މައްސަލަތަކަށް ހައްލެއް ލިބޭތޯ ހޮސްޕިޓަލް ކައިރީ މުޒާހަރާކޮށްފިއެވެ. ކައުންސިލަށް ހުށަހަޅައިފިއެވެ. ޕެޓިޝަން ހަދައި ރައީސް އޮފީހުގެ ވެރިންނަށް ހުށަހަޅައިފިއެވެ.

ކޮންމެ ދުވަހަކުހެން ރައީސް އޮފީހާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ހެލްތު މިނިސްޓަރާއި އާއި އައްޑޫގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަދި އައްޑޫ ސިޓީ ކައުންސިލް ޓެގްކޮށް މިވާހަކަ އެބަދެކެވެއެވެ. ނަމަވެސް އެއްވެސް ހައްލެއް ނުލިބެއެވެ. މިކަމަށް ސަރުކާރުން އެއްވެސް އިސްކަމެއްދޭ މަންޒަރެއް އަޑެއް ނީވެއެވެ. މިވާހަކަ އެއްވެސް ސިޔާސީ މީހަކު ނުދައްކައެވެ. ސުވާލަކީ މިމައްސަލަ މި ސަރުކާރަށް ހައްލު ކުރެވޭނެތޯއެވެ.

އެކްސިޑެންޓުވެ ފަރުވާ ނުދެވި އެތައް ބަޔަކު މަރުވެއްޖެއެވެ. ގިނަ މީހުން މަރުވެފައިވަނީ ސީޓީ ސްކޭނެއް ހެދެންނެތިގެން ވާނުވާއެއް ނޭގި ބަލަހައްޓައިގެން ތިއްބާއެވެ. ނޫންނަމަ ފަރުވާއަށް މާލެ ގެންދަން މަސައްކަތް ކުރަމުން ދަނިކޮށެވެ. މިއީ ކޮންމެ ދުވަހެއްގެ ވެސް އާދައެވެ. މެޝިނެއް ޑޮކްޓަރެއް، އިތުރު ވަސީލަތެއް ނެތިގެން ފަރުވާ ނުލިބޭ ކަމުގެ ޝަކުވާއެވެ.

ތުއްތު ކުއްޖަކު ފަރުވާ ނުދެވި މަރުވެގެން ދިއުމަކީ ބަޔާން ނުކުރެވޭ ވަރުގެ ހިތާމައެކެވެ. އެ ކުއްޖާގެ މަންމަ އާއި ބައްޕަ އަދި އާއިލާއަށް ލިބިގެން ދިޔަ ފޫނުބެދޭ ވަރުގެ ހިތާމައެކެވެ. އެތުއްތު ކުއްޖާ އާއި މެދު އާއިލާއިން ދެކެމުން ދިޔަ ހުވަފެން ހަގީގަތަކަށް ނުވެ ދިޔައީއެވެ. ދައުލަތުގެ ބޮޑު އިހްމާލުން ހިނގި މިހާދިސާ އިތުރަށް ފަސްއަޅައި ފޮރުވަން މަސައްކަތް ނުކޮށް ވަސީލަތް ގާއިމް ކުރަން އެބަޖެހެއެވެ. މިއީ މިއަދު ބަލަހައްޓައިގެން ތިބެވޭ ވަރަށްވުރެ ސީރިއަސް މައްސަލައެކެވެ. މިކަމަށް ހައްލެއް ލިބޭތޯ ރައްޔިތުން އިތުރަށް އަޑު އުފުލަން ޖެހިއްޖެއެވެ.