Last Updated: March 29, 09:35
Friday, March 29, 2024
ޚަބަރު

ލަންކާއިން ހައްޔަރުކުރި ދެ މީހުން ދޫކޮށްލައިފި

ދޫކޮށްލި ދެމީހުންނާއި އެކު ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި މަސައްކަތް ކުރައްވާ އަސްލަމް ޝާކިރު، ފޮޓޯ: ޓްވިޓަ

އިސްލާމިކް ސްޓޭޓް (އައިއެސް) އާއި ބެހޭ ފޮތެއް ފެނިގެން ލަންކާއިން ހައްޔަރުކުރި ދެ ދިވެހިން ދޫކޮށްލައިފިއެވެ.

ފޮރިން މިނިސްޓްރީގެ ޑިރެކްޓަރު އޮފް ކޮމިއުނިކޭޝަން މިއުވާން މުހައްމަދު ވިދާޅުވީ އައިއެސްގެ މައުލޫމާތު އެކުލެވޭ ފޮތެއް ފެނިގެން ހައްޔަރު ކުރި ދެ ދިވެހިން މިއަދު ދޫކޮށްލާފައި ވާކަމަށެވެ.

މިދިޔަ އެޕްރީލް މަހުގެ 21 ވަނަ ދުވަހު ޖާނުން ފިދާވެގެން ލަންކާގެ ތިން ސަރަހައްދެއްގައި ބޮން ގޮއްވާލި ހާދިސާ އާއި ގުޅިގެން އެގައުމުގެ ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަންތަކުގައި ބައެއް ދިވެހިމން ހައްޔަރުކޮށްފައެވެ.

އެގޮތުން ހައްޔަރު ކުރި މީހުންގެ ތެރެއިން މިހާރު ބަންދުގައި ތިބީ އެންމެ 3 މީހުން ކަމަށް މިއުވާން ވިދާޅުވިއެވެ.

އައިއެސް ފޮތެއް ފެނިގެން ހައްޔަރު ކުރި ދެމީހުންނަކީ އެމްޑީޕީގެ އިސް ދެ އެކްޓިވިސްޓުންނެވެ. މި ދެމީހުން ދޫކޮށްލުމާއި ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަޠީފު އާއި ޕާޓީގެ މެމްބަރުން ވަނީ މަރުހަބާ ދަންނަވާފައެވެ.

ބޮމުގެ ހާދިސާއަށް ފަހު ލަންކާގައި ދިރިއުޅެމުންދާ ދިވެހިންނަށް ގިނަ ދަތިތަކެއް ދަނީ ކުރިމަތިވަމުންނެވެ. އެކަން ހައްލުކުރުމަށް ދިވެހި ސަރުކާރާއި ލަންކާ ސަރުކާރާއި ދެމެދު ދަނީ މަސައްކަތް ކުރަމުންނެވެ.