Last Updated: April 26, 23:59
Saturday, April 27, 2024
ޚަބަރު

އެޗްއާރްސީއެމުން ހުޅުމާލެ ޑިޓެންޝަން ސެންޓަރަށް ޒިޔާރަތްކޮށްފި

ހުޅުމާލެ ޑިޓެންޝަން ސެންޓަރ- ފޮޓޯ: މިހާރު

ހިއުމަން ރައިޓްސް ކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެން.ޕީ.އެމް) އިން ހުޅުމާލޭގައި އަލަށް ޑިޓެންޝަން ސެންޓަރަށް މިއަދު މޮނިޓަރިންގ ޒިޔާރަތެއްކޮށްފިއެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުން ވިދާޅުވީ މި ޒިޔާރަތުގެ މައިގަނޑު މަޤްސަދަކީ ހުޅުމާލެ ޑިޓެންޝަން ސެންޓަރުގެ ހާލަތު ދެނެގަތުމާއި، މި ސެންޓަރުގައި ހުކުމް ތަންފީޛު ކުރަމުންދާ ޤައިދީންނާއި ރާއްޖެއިން ފުރުވާލެވެންދެން މި ސެންޓަރުގައި ބަންދުކޮށްފައިވާ ބިދޭސީންނަށް އެ މީހުންނާ ދޭތެރޭ އެއްވެސް އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލެއް ހިނގާތޯބެލުމާއި، ދަޢުލަތުގެ ބެލުމުގެދަށުގައި ބައިތިއްބާފައިތިބޭ މީހުންނަށް ލިބިދީފައިވާ އިންސާނީ ހައްޤެއް ގެއްލޭފަދަކަމެއް ހިނގާތޯބަލުމަށް ކަމަށެވެ.

އަދި ސެންޓަރުގައި ބަންދުކޮށްފައިވާ ފަރާތްތަކަށް ލިބިދޭންޖެހޭ ޙައްޤުތައް ކަށަވަރުކުރެވިފައިވާ މިންވަރު ދެނެގަތުންވެސް މިޒިޔާރަތުގައި ހިމެނޭކަމަށް އެ ކޮމިޝަނުން ބުނެއެވެ.

މި ޒިޔާރަތުގައި ވަގުތުން ވަގުތައް އިސްލާޙުކުރަންޖެހޭ ކަމެއް ފާހަގަކުރެވިއްޖެނަމަ އެކަން ކަމާގުޅޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސްފައިވާނެކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ވިދާޅުވެއެވެ.

އަދި މި ޒިޔާރަތަށްފަހު ކޮމިޝަނުން އާންމުކޮށް ޢަމަލުކުރަމުންދާ އުޞޫލުގެމަތިން، ޒިޔާރަތުގައި ފާހަގަކުރެވުނު މުހިންމު ކަންކަމުގެ މައްޗަށް އެކުލަވާލާ ރިޕޯޓު ހުޅުމާލެ ޑިޓެންޝަން ސެންޓަރާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއި މޯލްޑިވްސް އިމިގްރޭޝަނާއި އަދި ކަމާގުޅޭ އެހެނިހެން އިދާރާތަކާއި ޙިއްޞާކޮށް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާއި، ހުށަހަޅާފައިވާ ހުށަހެޅުންތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އެ ފަރާތްތަކާއެކު ބައްދަލުވުމެއް ބާއްވައި، މި ރިޕޯޓުގެ ހުށައެޅުންތައް ތަންފީޛުވަމުންދާ މިންވަރު ދެނެގަތުމަށް، ލިޔުމުން އަހަރަކު ދެ ފަހަރު ފޮލޯއަޕް ހަދަމުން ދާނެކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެއެވެ.

ހުޅުމާލެ ޑިޓެންޝަން ސެންޓަރަށް ކޮމިޝަނުން އެންމެފަހުން ޒިޔާރާތްކޮށްފައިވަނީ 2018 ވަނަ އަހަރުގައެވެ.