Last Updated: April 25, 12:03
Thursday, April 25, 2024
ވިޔަފާރި

ބޭނުން ކުރެވޭ ރިޒާވް 251 މިލިއަން ޑޮލަރަށް ދަށްވެއްޖެ

ފިނޭންސް މިނިސްޓްރީ

ވަގުތުން ވަގުތަށް ބޭނުން ކުރަން ހުންނަ ދައުލަތުގެ ރިޒާވް 251 މިލިޔަން ޑޮލަރަށް ދަށްވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކުރާ މާލީ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ޖެނުއަރީ މަސް ނިމުނުއިރު ރިޒާވުގައި 317.9 މިލިއަން ޑޮލަރު ހުއްޓެވެ. ނަމަވެސް ފެބްރުއަރީގައި އެ އަދަދު ހުރީ 295 މިލިޔަން ޑޮލަރަށް ދަށްވިއިރު މާޗް މަސް ނިމުނު އިރު އެ އަދަދު އިތުރަށް ދަށްވެ، 252 މިލިޔަން ޑޮލަރަށް ވަނީ ވެއްޓިފައެވެ.

މީގެއިތުރުން ރާއްޖޭގެ ޖުމްލަ ރިޒާވް ވެސް ވަނީ މާޗް މަހު 776 މިލިއަން ޑޮލަރަށް ދަށްވެފަ އެވެ. މި އަދަދަކީ ފެބްރުއަރީ މަހާ އަޅާ ބަލާއިރު 162.4 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ.

ރާއްޖޭގައި ބޭނުން ކުރެވޭ ރިޒާވް ދަށްވެފައިވާއިރު، މި ފަސް އަހަރުގެ ރިޔާސީ ދައުރު ނިމެންވާއިރު ދައުލަތުގެ ރިޒާވް އެއް ބިލިޔަން ޑޮލަރަށް އިތުރު ކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.

މިދިޔަ އަހަރު ނިމުނު އިރު ދައުލަތުގެ ރިޒާވުގައި ހުރީ 757.8 މިލިއަން ޑޮލަރު ކަމަށްވާއިރު މި އަހަރު ނިމޭއިރު އެ އަދަދު ގާތްގަނޑަކަށް 803.4 މިލިޔަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.