Last Updated: April 26, 15:47
Friday, April 26, 2024
ޚަބަރު

މަކަރާއި ހީލަތުން ރާއްޖެއަށް މީހުން އެތެރެކުރި އެންމެން ހޯދާނަން: ހަނަފީ

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންތަކެއް - ފޮޓޯ: އިމިގްރޭޝަން

މަކަރާއި ހީލަތުން ރާއްޖެއަށް ބިދޭސީން އެތެރެކުރި އެންމެން ހޯދާނެ ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވެއްޖެއެވެ.

ހަނަފީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަކަރާއި ހީލަތް ހަދައިގެން ރާއްޖެއަށް ބޮޑެތި އަދަދުތަކުން މީހުން އެތެރެކުރި އެންމެން ހޯދުމަށް ފަހު، އެ މައްސަލަތައް ކަމާބެހޭ މުއައްސަސާތަކަށް ހުށައަޅުއްވާނެ ކަމަށެވެ. އަދި އިންސާނުންގެ ވަގުފާރި ކުރާ ފަރާތްތައް ހާމަވާނެ ކަމަށް ވެސް ހަނަފީ ވިދާޅުވިއެވެ.

ހަނަފީ މިހެން ވިދާޅުވިއިރު ގިނަ މަޝްރޫޢުތަކަކަށް ބިދޭސީން ގެނައުމުގައި ސައްހަ ނޫން ލިޔެކިއުންތަކެއް ހުށަހަޅާފައިވުމާއި އަދި އެ މައްސަލަތަކުގައި ހިއުމަން ޓްރެފިކިން (އިންސާނީ ވަގުފާރި) އަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް ހުރުމާއި ގުޅިގެން އެފަދަ 24 މައްސަލައެއް ތަހުގީގު ކުރުމަށް އިމިގްރޭޝަނުގެ ފަރާތުން ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ.

އިމިގްރޭޝަނުން ބުނީ ފުލުހުންނަށް ފޮނުވާފައިވަނީ އެ އިދާރާ އިން ދިރާސާ ކުރަމުންދިޔަ 67 ކުންފުންޏެއްގެ ތެރެއިން 24 ކުންފުންޏެއްގެ މައްސަލަ ދިރާސާކޮށް، އެ މައްސަލަތައް ތަހުގީގު ކުރުމަށް ކަމަށެވެ.

އަދި އެ މައްސަލަތައް ތަހުގީގު ކުރަން ފުލުހުންނަށް ފޮނުވީ މައްސަލަތަކާއި ގުޅިގެން މޯލްޑިވްސް އިމިގްރޭޝަނުން ލިބެން ހުރި، ތަހުގީގަށް ބޭނުންވާނެ ހުރިހާ މައުލޫމާތަކާއި އެކު ކަމަށްވެސް ބުނެފައިވެއެވެ. މިގޮތުން 24 ކުންފުނީގެ އިސްވެރީންނާއި، ތުހުމަތުކުރެވޭ ކަންކަމުގައި ޝާމިލް ވެފައިވާކަމަށް ބެލެވޭ އެންމެހާ ފަރުދުންގެ މައުލޫމާތު ވެސް ފުލުހުންނާ ހިއްސާކޮށްފައިވާނެ ކަމަށްވެސް ބުނެފައިވެއެވެ.