Last Updated: April 23, 17:09
Tuesday, April 23, 2024
ކުޅިވަރު

125 ރަށަކަށް ސްޕޯޓްސް ކައުންސިލަރުން ހޯދަނީ

125 ރަށަކަށް ސްޕޯޓްސް ކައުންސިލަރުން ހޯދަން ޔޫތް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

މި މަގާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށްޓަކައި ކުޅިވަރާއި ކަސްރަތަށް އަހުލުވެރިކުރުމުގެ ގޮތުން މުޖުތަމުގައި ހިމެނޭ ހުރިހާ އުމުރުފުރާ އަކަށް ބައިވެރިވެވޭ ގޮތަށް (އިންކްލޫސިވް) އެކްޝަން ޕްލޭނެއް ރާއްވައި ކުރިއަށް ގެންދިއުމާއިއެކު، އެ މަސައްކަތް ބެލެހެއްޓުން ހިމެނެއެވެ.

މީގެއިތުރުން ހިންގާ ޕްރޮގްރާމްތަކުގެ ފެންވަރު ހިފެހެއްޓުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތެއްކުރުމާއި ޒުވާނުންގެ މަރުކަޒުގައި ހިމެނޭ ކުޅިވަރާއިބެހޭ އެންމެހާ އިކްއިޕްމެންޓް ތަކުގެ އިންވެންޓްރީ ނަގައި ރެކޯޑްތައް ބެލެހެއްޓުމާއިއެކު، އެއްޗެއް ހަލާކުވެއްޖެނަމަ ކަމާއިގުޅޭ ޑިޕާރޓްމެންޓަކާއި އެކަން ޙިއްސާކޮށް އެތަކެތި ހޯދުން ވެސް މި މަގާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ.

ޔޫތް މިނިސްޓްރީން ބުނީ މި މަގާމުގެ ޝަރުތެއްގެ ގޮތުގައި ބަލާނީ ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ކަމަށެވެ.

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 10 ޖޫން 2019 ވާ ހޯމަ ދުވަހު 12:00 ގެ ކުރިން، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް (ވެލާނާގެ 3 ވަނަ ފަންގިފިލާ) ނުވަތަ ރަށުކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް sports.counselor19@gmail.com މެދުވެރިކޮށްވެސް ބަލައި ގަންނާނެއެވެ.

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 16 ޖޫން 2019 އާއި 16 ޖުލައި 2019 އާ ދެމެދު، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް (ވެލާނާގެ 3 ވަނަ ފަންގިފިލާ) ގައެވެ.