Last Updated: April 18, 16:46
Thursday, April 18, 2024
ދުނިޔެ

މިސްކިތަށް ހަމަލާދިން މީހާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި

ނިއުޒީލެންޑުގެ ކްރައިސްޗާޗުގެ ދެ މިސްކިތަކަށް ހަމަލާދިން މީހާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފިއެވެ.

މިދިޔަ މާޗު މަހު ދިން އެ ހަމަލާގައި 51 މީހުން މަރުވިއިރު ގިނަ އަދަދެއްގެ ބަޔަކަށް ވަނީ އެކިވަރުގެ ޒަހަމްތައް ވެސް ލިބިގެން ގޮސްފައެވެ. މަރުވި ފަރާތްތަކުގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނެއެވެ.

މި ހަމަލާދީފައިވަނީ އޮސްޓްރޭލިއާ އަށް ނިސްބަތްވާ ބްރެންޓަން ޓެރަންޓް ނަމަކަށް ކިޔާ އުމުރުން 28 އަހަރުގެ މީހެއް ކަމަށްވާއިރު އޭނާގެ މައްޗަށް މީގެކުރިން ވަނީ ގަސްދުގައި މީހުންތަކެއް މަރާލިކަމުގެ ދައުވާ އާއި އިތުރު 40 ދައުވާއެއް ވެސް އުފުލާފައެވެ.

ނިއުޒީލެންޑުގެ ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބްރެންޓަންގެ މައްޗަށް "ޓެރެރިޒަމްގެ އަމަލެއްގައި ބައިވެރިވުމުގެ" ދައުވާ ވެސް މިހާރު އުފުލާފައިވާ ކަމަށެވެ. ޓެރަންޓްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތަށް އޭނާ ދެން ކޯޓަށް ހާޒިރުކުރާނީ ޖޫން މަހުއެވެ.

ނިއުޒީލެންޑުގެ ކްރައިސްޗާޗުގެ ދެ މިސްކިތަކަށް ދިން މި ހަމަލާއަކީ މިފަހުގެ ތާރީހެއްގައި ހުޅަނގުގެ ގައުމެއްގައި މުސްލިމުންނަށް ދެވުނު އެންމެ ނުރައްކާތެރި އެއް ހަމަލާއެވެ.