Last Updated: April 25, 22:42
Thursday, April 25, 2024
ސިޔާސީ

މަޖިލީހުގެ ރައީސަކަށް އަސްލަމް ގެނައުމަށް ޖާބިރުވެސް ތާޢީދު!

އަބްދުﷲ ޖާބިރު - ފޮޓޯ: ރައީސް އޮފީސް

ރައްޔިތުން މަޖިލީހުގެ ރައީސްގެ މަޤާމަށް ގެންނަން އެންމެ ރަނގަޅީ ހިތަދޫ އުތުރު ދާއިރާއަށް އިންތިޚާބުވެވަޑައިގެންފައިވާ މިހާރުވެސް އެދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއި އަދި ކާށިދޫ ދާއިރާގެ އިންތިޚާބީ މެންބަރު ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

އައްޑޫލައިވްއަށް ދެއްވި އިންޓަވިއުއެއްގައި ޖާބިރު ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ރައީސް ކަމަށް ވާދަކުރައްވާނެ ކަމަށް އިޢުލާން ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރ އަދި ވިލިފުށީ ދާއިރާގެ މެންބަރު ޙަޞަން އަފީފަކީ އެ މަޤާމަށް ޤާބިލު ބޭފުޅެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ އަފީފަށް ވުރެ ހުރިހާ ގޮތަކުންވެސް އެންމެ ޤާބިލު ބޭފުޅަކީ އަސްލަމް ކަމަށެވެ.

"އަސްލަމްގެ ކޮން މައްސަލައެއްތޯ އުޅެނީ. އަފީފާއި އަސްލަމާއި ދެބޭފުޅުން ދެއަތަށްލާ ކިރާލައްވާ. އަފީފުތޯ ރަނގަޅީ އަސްލަމްތޯ. އަސްލަމް ރަނގަޅުވާނީ. އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑުގެ ފުރިހަމަ ތާޢީދު އަސްލަމަށް އޮންނާނެ. އަސްލަމް މަޖިލީހުގެ ރައީސް ކަމަށް ގެނައުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އަޅުގަނޑު ކުރާނަން އޭނާ އެ މަޤާމަށް އަންނާނެ،" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ މަޤާމުތަކަށް ޢައްޔަން ކުރަންވާނީ ނަޒާޙާތްތެރި ބޭފުޅުން ކަމަށެވެ. މަޤާމުތަކަށް އިންތިޚާބު ކުރާ ބޭފުޅުންނާއި ޢައްޔަން ކުރައްވާ ބޭފުޅުންނަކީ ރައްޔިތުންގެ ކިހާ ލޯތްބަކާއި ތާޢީދެއް އޮތް ބޭފުޅެއްތޯވެސް ބަލަންވާނެ ކަަމަށް އޭނާ ވިދާޅުވިއެވެ.

"މާޒީއަށް ބަލަން ޖެހޭނެ ދެއްތޯ. މާޒީގައި ކަންކަން ހިނގާފައިވާ ގޮތްތަކަށް ބަލާފައި އަޅުގަނޑުމެން މުސްތަޤުބަލު ނިންމަންވާނީ. އެހެންވީމަ އަޅުގަނޑު މި ދެންނެވި އެއްޗެއް ދިވެހި ރައްޔިތުންނަށް އެނގިލައްވާނެ. އަދި ރައްޔިތުން މަޖިލީހުގެ މެންބަރުންނަށްވެސް އެނގިލައްވާނެ. ރައީސް ޞާލިޙެއް އަފީފަކަށް ތާޢީދެއް ނުކުރައްވާނެ. މި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ނެތޭ އަޅުގަނޑު މި ދަންނަވަނީ އަސްލަމްހާ ޤާބިލް ބޭފުޅެއް. އޭނާއަކީ ތަޖުރިބާ ހުރި ބޭފުޅެއް މަޖިލީހުގައި. އަސްލަމާއި އެހެން އެއްވެސް ބޭފުޅަކާއި އަރާ އަރަފޯދިގެނެއް ނުވާނެ މި މަޤާމަކަށް،" ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއި ޖާބިރު ވިދާޅުވިއެވެ.

ޖާބިރު މިފަދައިން ވިދާޅުވެފައި މިވަނީ މަޖިލީހުގެ ރައީސް ކަމަށް އަންނާނެ ބޭފުޅަކާއި މެދު އެމްޑީޕީގެ ތެރޭގައި ވަރަށް ބޮޑަށް ޚިޔާލުތަފާތުވެފައިވާ ދަނޑިވަޅެއްގައެވެ. ޚާއްސަ ގޮތެއްގައި ރައީސް ޞާލިޙު ވިލިފުށީ ދާއިރާގެ އިންތިޚާބީ މެންބަރު އަފީފު މަޖިލީހުގެ ރައީސް ކަމަށް ގެންނަން މަސައްކަތް ކުރައްވާ ކަމަށް ނުވަތަ ތާޢީދު ކުރައްވާ ކަމަށް މީޑިއާތަކުގައި ޚަބަރު ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.