Last Updated: March 28, 14:17
Thursday, March 28, 2024
ޚަބަރު އެމްއެންޑީއެފް

ތަމްރީނުތައް ކުރިއަށް ގެންދަނީ ވަކި ކަމެއް މެދުވެރިވެގެނެއް ނޫން: އެމްއެންޑީއެފް

ސިފައިންގެ މީހުންތަކެއް ތަމްރީނެއްގައި---ފޮޓޯ / މިހާރު

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އާ ފުލުހުން ގުޅިގެން ކުރިއަށް ގެންދާ ތަމްރީނުތަކަކީ ވަކި ކަމެއް މެދުވެރިވެގެން ކުރިއަށް ގެންދާ ތަމްރީނުތަކެއް ނޫން ކަމަށް ސަލާމަތީ ބާރުތަކުން ބުނެފިއެވެ.

އެމްއެންޑީއެފްއާ ފުލުހުން ގުޅިގެން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިދިޔަ އެޕްރީލް މަހު 21 ވަނަ ދުވަހު ސްރީލަންކާގައި ދިން ހަމަލާ އާ ގުޅިގެން އެމްއެންޑީއެފާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ކުރިއަށް ގެންދާ ސިލްސިލާ ފަރިތަކުރުންތައް ފަށާފައިވަނީ މި މަހުގެ ފަސްވަނަ ދުވަހު ފަށާފައިވާ ކަމަށެވެ. އަދި މިއަދު ފެށިގެން ދިޔައީ އެ ސިލްސިލާގެ ދެވަނަ ތަމްރީނުތައް ކަމަށްވެސް ސަލާމަތީ ބާރުތައް ގުޅިގެން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

"އެހެންނަމަވެސް އެއްވެސް ހާލަތެއްގައި ޝައްކުވާ ޒާތުގެ ކަމެއް ހިނގާނަމަ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ހިލޭ ގުޅޭ ނަންބަރު: 1615 އަށް ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހިލޭ ގުޅެ ނަންބަރު 119 އަށް ގުޅުއްވައި މަޢުލޫމާތު ހިއްސާކުރުމަށް އިލްތިމާސް ކުރަމެވެ،" ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ސަލާމަތީ ބާރުތަކުން މިހެން ބުނެފައި މިވަނީ ސަލަމާތީ ބާރުތަކުން ކުރިއަށް ގެންދާ ތަމްރީނުތަކަކީ ރާއްޖެއަށް ޓެރަރިސްޓު ހަމަލާއެއް ދޭން އުޅޭ ކަމުގެ މަޢުލޫމާތު ސަލާމަތީ ބާރުތަކަށް ލިބުމާއި ގުޅިގެން ކުރިއަށް ގެންދާ ތަމްރީނުތަކެއް ކަމަށްބުނެ ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ދައްކަމުން ވާހަކަދައްކަމުން ގެންދާ ދަނޑިވަޅެއްގައެވެ.