Last Updated: April 16, 11:51
Tuesday, April 16, 2024
ވިޔަފާރި

ދީބާޖާއަށް ފައިސާ ދައްކާނެ ގޮތެއް ހުށަހަޅަން ދަޢުލަށް ދެ ހަފްތާ

ޖަސްޓިސް ބިލްޑިންގ---

ދީބާޖާ އިންވެސްޓުމަންޓަށް ބަދަލުގެ ގޮތުގައި ދަޢުލަތުން ދޭންޖެހޭ ފައިސާ ކަމަށްބުނެ ސިވިލް ކޯޓުން ކުރައްވާފައިވާ ޙުކުމާއި އެއްގޮތަށް ފައިސާ ދައްކާނެ ގޮތަކާއި މެދު ހުށަހެޅުންތައް ހުށަހެޅުމަށް އިތުރު ފުރުޞަތެއް ދިނުމަށް އެދުމުން ދަޢުލަތަށް ދެ ހަފްތާ ދިނުމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.

އެ މައްސަލާގައި ހުކުމް ތަންފީޒު ކުރުމުގެ މައްސަލާގައި ސިވިލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދަޢުލަތުން ބުނީ ފައިސާ ދައްކާނެ ގޮތަކާ މެދު ހުށަހެޅުންތައް ހުށަހަޅަން ދައުލަތަށް އަދި ތައްޔާރު ނުވެވޭ ކަމަށެވެ. ދައުލަތުން ބުނީ މިއަދުގެ އަޑުއެހުމުގައި އޮންނާނީ ދަޢުލަތުން އިޖްރާޢީ ގޮތުން ފާހަގަކުރި ނުކުތާތަކަށް ގޮތެއް ނިންމުން ކަމަށް ގަބޫލު ކުރެވުން ކަމަށެވެ. މި މައްސަލާގައި އިޖުރާޢީ ގޮތުން ދަޢުލަތުން ފާހަގަކޮށްފައިވާ ކަންކަމަކީ ހުކުމް ތަންފީޒު ކުރުމުގެ ކަންކަން ކުރިއަށް ގެންދަނީ އުސޫލާ ޚިލާފަށް ކަމަށެވެ. ދަޢުލަތުން ބުނީ އިޖްރާއާތު ގޯސްކޮށް ކުރާ ހުރިހާ ކަމެއް ބާތިލްވާނެ ކަމަށް ސުޕްރީމް ކޯޓުން ކުރިން ކަނޑައަޅާފައިވާ ކަމަށެވެ.

އެ މައްސަލަ ބަލާ ގާޒީ ވިދާޅުވީ ގާޒީ ފަހީމް ވިދާޅުވީ ހުކުމް ތަންފީޒު ކުރުމުގެ މައްސަލަތަކުގައި އޮންނަނީ ހުކުމާ އެއްގޮތަށް ފައިސާ ދައްކާނެ ގޮތަކާ މެދު ދެ ފަރާތުން ވާހަކަ ދެއްކުމާއި އެކަމުގައި ކޯޓުން ގޮތެއް ނިންމުން ކަމަށެވެ.

އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާ އެކު ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން ހެދި އެއްބަސްވުން ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދުގެ ސަރުކާރުން ވަނީ އުވާލައިފައެވެ. އަދި އެކަމުގެ ބަދަލެއްގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް 2014 ގައި ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.