Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

ބޮޑުވަޒީރު ކަމުން މޭ އިސްތިއުފާ ދެއްވުމަށް ނިންމައިފި

އިނގިރޭސި ބޮޑުވަޒީރުގެ މަގާމުން ތެރޭސާ މޭ ދާދި ދެންމެއަކު އިސްތިއުފާ ދެއްވަން ގަސްދު ކުރައްވާފައިވާކަން އިއުލާން ކޮށްފިއެވެ.

އިނގިރޭސި ރައްޔިތުންނާ ބައްދަލުކުރައްވައި މޭ ވިދާޅުވީ އަންނަ ޖޫން މަހުގެ 7 ވަނަ ދުވަހަކީ އިނގިރޭސި ބޮޑުވަޒީރުގެ މަގާމުގައި ހޭދަކުރައްވާނެ އެންމެ ފަހު ދުވަސް ކަމަށެވެ.

ތެރޭސާ މޭ ވަނީ ވާހަކަފުޅުގައި އިނގިރޭސިން އީޔޫއިން ވަކިވުމަށް ކުރި މަސައްކަތް ކާމިޔާބު ނުކުރެވުމުން އިނގިރޭސި ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެންފައެވެ. ތިން އަހަރު ދުވަހު މޭ ވަނީ ބްރެކްސިޓް ކާމިޔާބު ކުރުމަށް މަސައްކަތް ކުރައްވާފައެވެ.

ނަމަވެސް އިނގިރޭސި ގާނޫނު ހަދާ މަޖިލީހުން ވަނީ ތިން ފަހަރު ހުށައެޅުނު ވޯޓުވެސް ފާސްނުކޮށް ބޭރުކޮށްލާފައެވެ. މޭ ވިދާޅުވީ މަސައްކަތާ ދުރުވެވަޑައިގަންނަވަނީ ބުރަ ހިތަކާއި ނޫން ކަމަށާއި އިނގިރޭސިންނަށް އަބަދުވެސް ހެޔޮ ގޮތް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ބޮޑުވަޒީރު ކަމުގެ މަގާމުގައި ހުންނަވައި އިނގިރޭސިންގެ ހައްގުގައި ވަރަށް ގިނަ މަސައްކަތް ކުރެއްވި ކަމަށާއި ގައުމުގެ އިގްތިސޯދު ހީނަރު ނުވެ ރަނގަޅު ކުރެވިފައިވާ ކަމަށް މޭ ވިދާޅުވިއެވެ.

މޭ ވިދާޅުވީ ގައުމަށް ހެޔޮ ގޮތެއް ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ލޯބިވާ ގައުމަށް ޚިދުމަތް ކުރެވުނީތީ ފަޚުރުވެރިވާ ކަމަށް ވާހަކަފުޅު ނިންމަވަމުން ވިދާޅުވިއެވެ.

މޭ އިސްތިއުފާ ދެއްވުމުން ދެން ބޮޑުވަޒީރު ކަމުގެ މަގާމަށް ވަޑައިގަންނަވާނެ ބޭފުޅަކު ކޮންސަވޭޓިވް ޕާޓީން އައްޔަން ކުރާނެއެވެ.