Last Updated: April 26, 06:14
Friday, April 26, 2024
ވިޔަފާރި

ފްލައިމީން އައްޑޫ އާއި ފުވައްމުލަކަށް ކުރާ ދަތުރުތައް މެދުކަނޑާލަނީ

ވިލާ އެއާގެ ފްލައިމީން އައްޑޫ ސިޓީ އާއި ފުވައްމުލަކަށް ކުރާ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލަން ނިންމައިފިއެވެ.

ފްލައިމީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އައްޑޫ އާއި ފުވައްމުލަކަށް ކުރަމުންދާ ދަތުރުތައް މެދުކަނޑާލުމަށް ނިންމާފައިވަނީ އަންނަ ޖޫން މަހުގެ 10 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

މިގޮތަށް ނިންމީ ކްރޫންގެ ދަތިކަމުގެ ސަބަބުން ކަމަށާއި ކްރޫން މަދުވުމުގެ ސަބަބުން ފަސިންޖަރުންނަށްވެސް ދަތިތަކާ ކުރިމަތިވެ އެކަމުގެ ޝަކުވާތައްވެސް އެއާލައިނަށް ލިބިފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ޕައިލެޓުންނާއި ކެބިން ކްރޫއިން ތަމްރީނު ކުރަމުންދާ ކަމަށްވެސް ވިލާ އެއާ އިން ބުންޏެވެ.

މީގެއިތުރުން އިތުރު މަންޒިލުތަކަށް ދަތުރުކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށާއި އެކަމަށް އިތުރު އޭޓީއާރު 600-72 މަރުކާގެ ބޯޓެއް އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި ގެންނަން ނިންމާފައިވާ ކަމަށްވެސް ވިލާ އެއާ އިން ބުންޏެވެ. އެހެންކަމުން އައްޑޫ އަދި ފުވައްމަލަކަށް ކުރާ ދަތުރުތައް ކައިރި މުސްތަގުބަލެއްގައި އަލުން ފެށިގެންދާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި ދަތުރުތައް މެދުކަނޑާލަން ޖެހުމުން އެކަމަށް އާންމުންގެ ކިބައިން ނިހާޔަތަށް މައާފަށް އެދޭ ކަމަށް ފްލައިމީން ވަނީ ބުނެފައެވެ.