Last Updated: April 26, 23:00
Friday, April 26, 2024
ރިޕޯޓް

ރުކާއި ވެލި ނަގައިގެން ބޭރުކުރަނީ، ސަރުކާރު ނިދާފައި؟!

photo: twitter.com/coachshujau

ރާއްޖޭގެ ރަށްތަކުން އެއްފަހަރާ ގިނަ އަދަދަކަށް ރުއް ނަގައި ބޭރުކުރާ މައްސަލަ އިންތިހާއަށް ބޮޑުވެފައިވަނިކޮށް މިއަދު އިވެން ފެށި އަޑަކީ ބޯޓެއް ފުރެން ދެން ދޮންވެލި އަރުވައިގެން ބޭރުކުރަން އުޅޭ އަޑެވެ.

ޓުވިޓާއިން އާންމުވި ވީޑިއޯއެއްގައި ފެންނަނީ ބޮޑު ބާޖެއްގައި ދޮންވެލި ލައިގެން ދަތުރުކުރާ ތަނެވެ. އާންމު ރައްޔިތަކު ސޯޝަލް މީޑިއާގައި ހިއްސާ ކުރި ވީޑިއޯގައި ބޯޓުގައި ތިބި ފަޅުވެރިންނާ ހަވާލާދީ ލިޔެފައިވަނީ، މާލެއިން ދުބާއީއަށް ގެންދާ ވެލި ކަމަށާއި ވެއްޔަކީ ސިނަމާލެ ބްރިޖު މަޝްރޫއުގައި ޗައިނާއާ ދިވެހި ސަރުކާރާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ގެންދާ އެއްޗެއް ކަމަށެވެ.

ދިވެހި ރާއްޖޭގެ މީހުން ދިރިއުޅޭ ގިނަ ރަށްތަކަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރަށް ގިރުމުގެ މައްސަލަ ކަމަށް ވެފައިވާއިރު މިހާ ގިނަ އަދަދަކަށް ވެލި ނަގައިގެން ރާއްޖެއިން ބޭރުކުރަން މަސައްކަތް ކުރާއިރު މިކަން ކުރެވެނީ ދިވެހި ސަރުކާރަށް އެނގިގެން، ސަރުކާރުގެ އިޒުނައާ ލައިގެންތޯ ނުވަތަ ނޫންތޯއެވެ.

ރައީސް ސޯލިހުގެ ވެރިކަމުގެ ފުރަތަމަ ދުވަހުވެސް ތިމާވެށި ހިމާޔަތް ކުރުމަށް އެތައް ވައުދުތަކެއް ވެވަޑައިގެންފައިވާއިރު އެމަނިކުފާނުގެ ވެރިކަމުގެ ތެރޭގައި ވެސް ރާއްޖޭގެ ރަށްތަކުން އެއްފަހަރާ ގިނަ އަދަދެއްގެ ރުއްތައް ނަގަމުން އެބަދެއެވެ.

މިއަދުވެސް ކޮނޑޭ އިން ގިނަ އަދަދެއްގެ ރުއްތަކެއް ނަގާފައިވާއިރު ލ. ގަމުން ވެސް ގިނަ އަދަދެއްގެ ރުއްތަކެއް ބާޖަކަށް ލައިގެން ދަނިކޮށް މީހަކު ވަނީ ފޮޓޯއެއް ނަގާ އާންމުކޮށްފައެވެ. ވެލި ނަގައިގެން ގޮސްފައިވާ ބޯޓު ފެނިފައިވަނީ ލ. ހިތަދޫ ބޭރުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.