Last Updated: April 26, 23:59
Friday, April 26, 2024
ރިޕޯޓް މަޖްލިސް ރައީސް

"ނަޒާހަތްތެރި" މަޖިލީހުގެ ރައީސަކަށް ޚިޔާނާތްތެރިއެއް؟

ހަސަން އަފީފާއި ރައީސުލްޖުމްހޫރިއްޔާ ސަލާމް ކުރައްވަނީ -- ފޮޓޯ / ވަން އޮންލައިން

ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި އެމްޑީޕީ އާއި ގުޅިފައިވާ އިއްތިހާދުން ވިއްކަމުން ދިޔައީ އިންސާފު ގާއިމް ކޮށްދޭނެ ވާހަކައެވެ.

ވަޒީފާ ގެއްލުނު ފަރާތްތަކަށް އަލުން ވަޒީފާ އިޔާދަ ކޮށްދޭނެ ވާހަކައެވެ. މި ވާހަކަތައް ރައްޔިތުން ގާތު ވިއްކަމުން ދިޔައިރު ރައްޔިތުން މިކަމަށް އިތުބާރުކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހަށް ރާއްޖޭގެ ވެރިކަން ހަވާލު ކުރެއްވިއެވެ.

ވެރިިކަމަށް ހަތަރު ވަރަކަށް މަސްވީ ފަހުން ދެން ބޯމަތިވީ ރައްޔިތުން މަޖިލިސް އިންތިޚާބެވެ. އެ އިންތިޚާބުގައި ވިއްކީ މުޅިން ތަފާތު އެއްޗެކެވެ. އެއީ ނަޒާހާތްތެރި މަޖިލީހެއް ގާއިމް ކޮށްދޭނެ ވާހަކައެވެ. އެކަމަށްވެސް ރައްޔިތުން އާނ ބަސް ބުނެ މިހާތަނަށް ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި ޕާޓީއަކަށް ދުވަހަކުވެސް ލިބިފައި ނުވާ ވަރުގެ ސުޕަރ މެޖޯރިޓީއެއް ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީއަށް ރައްޔިތުން ދިނެވެ.

މަޖިލިސް އިންތިޚާބު ނިމި 19 ވަނަ މަޖިލިސް ހުވާ ކުރުމަށް މިއޮތީ ވަގުތު ކުޑަތަންވެފައެވެ. މި މަހުގެ 28 ވަނަ ދުވަހު 19 ވަނަ މަޖިލީހަށް އިންތިޚާބުވެ ވަޑައިގެންނެވި "ޢިއްޒަތްތެރި މެންބަރުން" ހުވާ ކުރައްވާނެއެވެ.

އެ ޖަލްސާގައި މަޖިލީހުގެ ރިޔާސަތަށް ނުވަތަ މަޖިލީހުގެ ރައީސާއި ނާއިބު ރައީސް އިންތިޚާބު ކުރުން އޮންނާނެއެވެ. ޤައުމުގެ ތިންވަނަ ބާރުގެ ރައީސާއި ނާއިބު ރައީސް ކަމަށް ގިނަ ބަޔަކު މިވަނީ ޝަޢުގުވެރިކަން ފާޅުކޮށްފައެވެ. މަޖިލީހުގެ ރައީސަކަށް ޝަޢުގުވެރިިކަން ފާޅުކުރައްވާފައިވާ ގިނަ މެންބަރުންނަކީ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ މެންބަރުންނެވެ.

މަޖިލީހުގެ ރައީސްކަމަށް ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފުގެ އިތުރުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރާއި މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. މި ބޭފުޅުންގެ ތެރެއިން ރައީސްކަމަށް އެންމެ ވާދަކުރައްވަނީ އަފީފާއި އަސްލަމްއެވެ.

މި ހުރިހާ ބޭފުޅުންގެ ތެރެއިންވެސް އެންމެން އިންތިޒާރު ކުރަމުން ދިޔައީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ތާޢީދު ކުރައްވާނެ ބޭފުޅަކަށެވެ. ދާދިފަހުން މަޖިލީހުގެ ރައީސް ދެއްވި ތަރާވީހެއްގައި ބައިވެރިވެވަޑައިގަތުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ މަޖިލީހުގެ ރައީސަކަށް އެންމެ އެކަށީގެންވާ ބޭފުޅަކީ ވިލިފުށީ ދާއިރާގެ އިންތިޚާބީ މެންބަރު ޙަޞަން އަފީފު ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑު މި ހުރި ހައިސިއްޔަތުން އަޅުގަނޑު ވަކި މީހެއްގެ ނަނމެއް ޕަބްލިކްގައި ބުނުމަކީ ރަނގަޅު ކަމެއް ނޫން، އަޅުގަނޑަށް ހަސަން އަފީފްގެ މަސައްކަތް ހުރީ ފެނިފަ، އަޅުގަނޑަށް އަސްލަމާއެކީގައި ވެސް މަސައްކަތް ކުރެވިފައި އެބަހުރި، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހަސަން އަފީފަކީ މިކަމަށް އެންމެ އެކަށީގެންވާ ބޭފުޅާ،"

ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވާނެ ކަމަކަށް އެމްޑީޕީއަށް ސަޕޯޓުކުރާ މެންބަރުން ހީވެސް ނުކުރެއެވެ. ގިނަބަޔަކު ހީކޮށްގެން ތިބީ ރައީސް ޞާލިހުވެސް ތާޢީދު ކުރައްވާނީ އެބޭފުޅެއްގެ ނަން ރައީސް މުޙައްމަދު ނަޝީދު އެންޑޯޒު ކުރައްވާފައިވާ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ކަމަށެވެ.

ކޮންމެއަކަސް މި ދެންނެވި ހުރިހާ ބޭފުޅުންވެސް މަޖިލީހަށް އިިންތިޚާބުވެ ވަޑައިގަތީ ކުރިންވެސް ދެންނެވި ގޮތަށް ނަޒާހާތްތެރި މަޖިލީހެއް އުފައްދަވާ ދެއްވާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ދީގެންނެވެ. މަޖިލީހުގެ މެންބަރުން ނަޒާހާތްތެރިވާއިރު މަޖިލީހުގެ ރައީސަކަށް އިންނަވާ ބޭފުޅަކީ އަދި މާ ބޮޑަށްވެސް ނަޒާހާތްތެރި ފަސްބައިގައި އެއްވެސް ކިލަނބު ކަމެއް ނެތް ބޭފުޅަކަށް ވާންޖެހޭނެ ކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ.

"އަޅުގަނޑުމެން އެންމެން އައީ މަޖިލީހަށް ނަޒާހާތްތެރިވާނެ ކަމަށް ރައްޔިތުން ގާތުގައި ވަޢުދު ވަމުން. ނަޒާހާތްތެރި މަޖިލީހެއް ގާއިމް ކޮށްދީ ކަޅު ފައިސާއާ ރިޝްވަތުގެ ހުތުރު ޢަމަލުގައި ނުޖެހޭނެ ކަމަށް ބުނަމުން. އަދި އެހާމެ ދުވަހަކުވެސް ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރި ނުވާނެ ކަމަށް އަހުދުވިން ވަޢުދުވިން،"

ނަން ހާމަކުރަން ބޭނުން ނުވާ މާލޭގެ ދާއިރާއަކަށް މިފަހަރު އިންތިޚާބުވި މެންބަރަކު އައްޑޫލައިވްއަށް ވިދާޅުވިއެވެ.

މި ސުވާލު ރައްޔިތުން ކުރަމުން މިދަނީ ރައީސް ޞާލިޙު މަޖިލީހުގެ ރައީސަކަށް އެންމެ އެކަށީގެންވާ ބޭފުޅަކީ އަފީފު ކަމަށް ވިދާޅުވި ހިސާބުންނެވެ. ރައްޔިތުންގެ ތެރެއިން ބަޔަކު ވަނީ އަފީފުގެ "ފަތިފުއް ނިކަން ރަނގަޅަށް ހާވާލުމަށްފަހު" އެހެން ރައްޔިތުންނާއި ހިއްސާ ކޮށްފައެވެ.

ބްލޫ ލެގޫން އިންވެސްޓުމަންޓްސް ޕްރައިވެޓު ލިމިޓެޑް ކިޔާ ކުންފުންޏެއް އަޑުއެހީމު ހެއްޔެވެ. އެ ކުންފުނީގެ ހިއްސާދާރުންތަކެއް އެ ކުންފުނީގެ ފައިސާތަކަކަށް ޚިޔާނާތްތެރިވި ވާހަކަ އަޑުއެހީމު ހެއްޔެވެ. މަޑޫގަލި ރިސޯޓު އެންޑް ސްޕަރގެ މުވައްޒަފުންނަށް ސަރވިސް ޗާޖު ނުދޭ ވާހަކަ އަޑުއެހީމު ހެއްޔެވެ. މި ހުރިހާ ކަމެއްގައި މަޖިލީހުގެ ރައީސަށް އެންމެ އެކަށީގެންވާ އަފީފުގެ އަތްޕުޅުވެއެވެ. އަދި މި މައްސަލަތަކުގައި އަފީފާއި އެ ކުންފުނީގެ އިތުރު ހިއްސާދާރަކަށް ދަޢުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުގައި ފުލުހުން ވަނީ 2013 ވަނަ އަހަރުގެ ޖޫން މަހުގެ 27ވަނަ ދުވަހު އެދިފައެވެ.

މި ޖަރީމާ ހިނގާދިޔަ ގޮތް ބެލިއިރު އަފީފުވެސް އެ ކުންފުންޏަކަށް ހިއްސާވާ ބްލޫ ލެގޫނުން ހިންގަމުން ދިޔަ މަޑޫގަލި މުވައްޒަފުންނަށް ދޭންޖެހޭ 10 ޕަސެންޓުގެ ސަރވިސް ޗާޖު ނެގުމަށްފަހުވެސް ލިޔެކިއުންތަކުގައި ސަރވިސް ޗާޖު ނުނަގާ ކަމަށް ހަދައި، މުވައްޒަފުންނަށް އޮޅުވާލައި ސަރވިސް ޗާޖުގެ ގޮތުގައި ކޮންޓްރެކްޓަރުންގެ އަތުން ނެގި ފައިސާ ކުންފުނި ހިންގަން ތިބި ފަރާތުން ބޭނުންކޮށް އެއަށް ޚިޔާނާތްތެރިވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.

މީގެއިތުރުން މި ކުންފުނީގެ ތިން ހިއްސާދާރުންގެ ތެރެއިން އެއް ހިއްސާދާރަށް އެނގުމެއް ނެތި ބޭންކެއްގައި މަޑޫގަލި ރިސޯޓު މަރާމާތުކުރުމުގެ ނަމުގައި ލޯނު ނެގުމަށްފަހު ޓޫރިޒަމް މިނިސްޓްރީން އެ ރިސޯޓު މޯގޭޖު ކުރުމަށްފަހު ބްލޫ ލެގޫންސްގެ އެހެން ހިއްސާދާރަކާއި ހަސަން އަފީފުވެގެން އެހެން ކުންފުންޏެއް ހަދައި އެ ކުންފުނީގެ ދަށުން ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ ނ.ރާފުށީގެ ކުލި ދެއްކުމަށް މަޑޫގަލި ރިސޯޓު މަރާމާތު ކުރުމަށް ކަމަށްބުނެ ނަގާފައިވާ ލޯނު ވަނީ ބޭނުން ކޮށްފައެވެ. މިއީ މަޖިލިސް ރައީސަކަށް އެންމެ އެކަށީގެންވާ ބޭފުޅާގެ ފަރާތުން ފެނިވަޑައިގެންފައިވާ އަދި ގިނަބަޔަކަށް އެނގޭ ޚިޔާނާތެކެވެ.

ރައްޔިތުން ގާތު ނަޒާހާތްތެރިވާނެ ކަމަށް ވަޢުދުވެވަޑައިގެންނެވިއިރު ރައްޔިތުންގެ ޚަޒާނާއަށް ލާންޖެހޭ ފައިސާތައް ނުލާ އަފީފާއި އޭނާގެ ހިއްސާ އޮންނަ ކުންފުނިތަކުން ވަނީ މަކަރާއި ޙީލަތް ހަދާފައެވެ. އޭނާގެ ހިއްސާ އޮންނަ ކުންފުނިތަކުން ދަޢުލަތަށް ދައްކަންޖެހޭ ޓެކްސް ނުދައްކާ އޮތުމުން އެތައް މިލިއަން ޑޮލަރަކުން ވަނީ ދަޢުލަތަށް ޓެކްސް ދެއްކުމަށް ސިވިލް ކޯޓުން ހުކުމްވެސް ކޮށްފައެވެ.

މިދިޔަ މަހުގެ އަށްވަނަ ދުވަހު ސިވިލް ކޯޓުން ކޮށްފައިވާ ހުކުމެއްގައި ބުނެފައިވަނީ ބްލޫ ލެގޫން އިންވެސްޓުމަންޓަކީ 2011 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ދެވަނަ ދުވަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގައި ޓެކުހަށް ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏެއް ކަމަށެވެ. ނަމަވެސް މިއަހަރުގެ އޭޕްރީލް މަހުގެ އަށްވަނަ ދުވަހާއި ހަމައަށް ޖީއެސްޓީގެ ގޮތުގައި އަށްޑިހަ ތިންހާހަށްވުރެ ގިނަ ޑޮލަރާއި ކަނޑައެޅިފައިވާ ތާރީޚަށް ޓެކްސް ދައްކާފައި ނުވާތީ ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ފަސްދޮޅަސް އެއްހާހަށްވުރެ ގިނަ ޑޮލަރާއި ޤާނޫނާއި އެއްގޮތަށް ޓެކްސް ބަޔާން ހުށަހަޅާފައި ނުވާތީ ޖޫރިމަނާގެ ގޮތުގައި އަރާފައިވާ އަށްޑިހަ ހަހާށްވުރެ ގިނަ ޑޮލަރާއި އެކު މުޅި ޖުމްލަ އެއްލައްކަ ސާޅީސްފަސްހާހަށް ވުރެ ގިނަ ޑޮލަރު އަށްމަސް ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް ޙުކުމް ކުރާ ކަމަށެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައިވެސް 12 މިލިއަނަށްވުރެ ގިނަ ޑޮލަރު މީރާއަށް ދެއްކުމަށް އަފީފު ހިއްސާވާ ކުންފުންޏަކަށް ހުކުމް ކޮށްފައިވާއިރު 2017 ވަނަ އަހަރުގެ ތެރޭގައި ތިން މިލިއަނަށްވުރެ ގިނަ ޑޮލަރު އަފީފު ހިއްސާވާ ކުންފުންޏަކަށް ދެއްކުމަށް ސިވިލް ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ.

ދެން ކޮންމެ ފަރާތަކުންވެސް ބުނާނީ އެއީ ކުންފުންޏެއް ކަމަށެވެ. ކުންފުނީގައި ހިއްސާދާރުން ތިބޭ ވާހަކައެވެ. އެއީ އެބޭފުޅެއް އެކަނި ދައްކަންޖެހޭ ފައިސާއެއް ނޫން ކަމަށެވެ. އެހެންކަމަށްވާނަމަ އަފީފު ހިއްސާވާ ކުންފުނިތަކުން ހިންގާފައިވާ ޖަރީމާތައް ހިންގިއިރު އެ ކުންފުނީގައި އަފީފު ހުންނެވީ ކީއްވެގެންތޯ މިއަދު ރައްޔިތުން ސުވާލު އުފައްދައެވެ.

މިހާ ގިނަ ޢަދަދެއްގެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ބޭފުޅަކަށް ޤައުމުގެ ތިންވަނަ ބާރަށް ޚިޔާނާތް ނުވެވި އަމާނާތްތެރި ކަމާއި އެކުގައި އެ މަޤާމު އަދާ ކުރެވިދާނެ ކަމާއި މެދު މިއަދު އެބަ ސުވާލު އުފެދެއެވެ.

މިފަދަ ބޭފުޅަކު ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ގެނެސްގެން ޖޭއެސްސީގެ މެމްބަރަކަށް ބަހައްޓައިގެން ގައުމުގައި އަދުލު އިންސާފު ގާއިމް ކުރެވިދާނެހެއްޔެވެ. ނަޒާހާތްތެރި މަޖްލިސްއެއް އުފެއްދައި ރައްޔިތުންނަށްވީ ވައުދު ފުއްދައިދެވިދާނެ ހެއްޔެވެ. މިއަދު މިއީ 19 ވަނަ މަޖްލިސްއަށް އިންތިހާބުވެފައިވާ ކޮންމެ މެމްބަރަކުވެސް ހިތާއި ހިތުން ކުރަންވީ ސުވާލެވެ.

ރާއްޖޭގެ ރައްޔިތުން ވޯޓުދިނީ އިންސާފު ގާއިމް ކުރާށެވެ. ނަޒާހަތްތެރި މަޖްލިސްއެއް ހޯދައި ގައުމު ހަމަމަގަށް އަޅުވާށެވެ. އެކަމަކު މާޒީގައި ހިޔާނާތްތެރިވެފައިވާ މީހަކަށް ދެން ދެއްކޭނީ ކޮން ނަޒާހަތްތެރިކަމެއް ހެއްޔެވެ؟