Last Updated: April 23, 14:49
Tuesday, April 23, 2024
ޚަބަރު

ގަޅުޔާއިން ރުއް ބަރުކުރީ ކައުންސިލްގެ ހުއްދައާއެކު: ކަސްޓަމްސް

ލ. ގަމުން ލޭންޑިންގ ކްރާފްޓަކަށް ރުއްބަރުކޮށްފައިވަނީ އެރަށުގެ ކައުސިންލުން ހުއްދަދީގެންކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބުނެފިއެވެ.

ކަސްޓަމްސްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރިސޯޓް ޕްރޮޖެކްޓަކަށް ދޫކޮށްފައިވާ ރާއްޖެއިން ބޭރުގެ ލޭންޑިންގ ކްރާފްޓަކަށް ލ.ގަމުން ރުއް ބަރުކުރާކަމުގެ މަޢުލޫމާތު އެ އިދާރާއަށް ލިބުމާއެކު، އެ މައްސަލަ އިތުރަށް ބަލާފައިވާ ކަމަށެވެ. ކަސްޓަމްސްއިން ބުނީ އެ އިދާރާއިން ބެލި ބެލުމުން އެކަން ކޮށްފައިވަނީ ލ. ގަން ކައުންސިލުން ހުއްދަދީގެންކަން އެނގިފައިވާކަމަށެވެ. ނަމަވެސް އެ މައްސަލަ އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީއާ ގުޅިގެން އިތުރަށް ބަލަމުން ދާކަމަށްވެސް ކަސްޓަމްސްއިން ބުނެފައިވެއެވެ.

ފަހަކަށް އައިސް ރާއްޖޭގެ ބައެއް ރަށްރަށުން ރުއްގަސް ކަނޑައިގެން އެކި ތަންތަނަށް ގެންދާކަމުގެ ޝަކުވާ ބައެއް އާއްމުން ދަނީ ކުރަމުންނެވެ.

އެންވަޔަރަމަންޓު މިނިސްޓްރީން ބުނީ އެއްރަށުން އަނެއް ރަށަށް ރުއްގަސް ގެންދިއުމުގެ ހުއްދަ ދެނީ، އެރަށުގެ އެހެން ސަރަޙައްދުތަކުގައި ގަސް އިންދުމަށް ޖާގަ ނެތުމުގެ ސަބަބުން ގަސްތައް ނައްތާލުމުގެ ބަދަލުގައި، ބޭނުންޖެހިފައިވާ އެހެން ރަށްތަކުގައި ގަސްތައް އިންދުމުގެ ފުރުޞަތު ދިނުމަށްކަމަށެވެ. އަދި ޤަވާއިދާ އެއްގޮތަށް އެކަން ކުރާ ފަރާތްތަކަށް އެއްވެސް ހުރަހެއް ނާޅާނެކަމަށާއި، ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދިއުމުގައި ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށް އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.