Last Updated: April 23, 23:56
Tuesday, April 23, 2024
މުނިފޫހިފިލުވުން

ދީވާނާ 2 (އެކާވަންނަ ވަނަބައި)

ޝައުންގެ ގައިގާ އޮޅާލެވިފައިވީ ތުވާލި ފިޔަވައި އެހެން އެއްވެސް ފޭރާމެއްނެތެވެ. އެދޮން ކަނދުރާއާއި ބުރަކަށިން ބޮޑުބައެއް ހާމައަށް އޮތުމުން އިސާހިތަކު އާއިންގެ ހިތުގެ ވިންދު އަވަސްވެގެން ދިޔައެވެ. އެކަނދުރާގައި ބޮސްދިނުމަށް އޭނާގެ ހިތްއެދި ގޮވަމުން ދިޔައެވެ.
ނަމަވެސް އޭނާއަށް އެފަދަ ކަމެއް ކުރެވުމުގެ ކުރިން ހަމަހޭވެރިކަންވީ، ބޭރުން ޝައުންގެ ފޯނުރިންގްވާ އަޑުއިވުމުންނެވެ. އެއަޑުއިވިފައި ޝައުންވެސް މަޑުމަޑުން ލޯހުޅުވާލިއެވެ. އޭނާއަށް ހުރެވުނުތަނާއި ހުރެވުނުގޮތް ރޭކާލުމުން ގަތްލަދުން ދެވަނަފަހަރަށްވެސް އޭނާއަށް ލޯމަރާލެވުނެވެ. އެތަނުން ދުވެފިލަން ހިތަށްއެރިނަމަވެސް ދެފަޔަކަށް އެހާބާރެއްވެސް ނުލިބުނެވެ.
" އަހަރެމެން ލަސްވެގެން ކަންނޭނގެ އެގުޅަނީ….އަހަރެންގެ ފޯނަން ނުގުޅިގެން ކަންނޭނގެ ޝައުންގެ ފޯނަށް އެގުޅަނީ…" އާއިން އެހުރިގޮތަށްހުރެ މަޑުމަޑުން ބުނެލިއެވެ. ނަމަވެސް ޝައުން ޖަވާބެއްނުދީ ތިރީތުންފަތުގައި ދައިގަނެގެން ހަދާނެގޮތް ހުސްވެފައި ހުއްޓެވެ. ގުގުރިޖެހީމަ ގަތްބިރުން އެހުރިގޮތަށް އައިސް އާއިންގެ އަތުތެރެއަށް ވަދެވުނީތީ އޭނާ އަމިއްލަ ނަފްސަށް ހިތާހިތުން އަޑުލަމުން ދިޔައެވެ.

" އަދިވެސް ބިރުންތަ ތިހުރީ….މިހާރު ގުގުރުންވެސް މަޑުވެއްޖެއެއްނު…ދެން އަވަހަށް ހެދުންލައިގެން ތައްޔާރުވާން ހިނގާ…." ޝައުންހުރި ހާލަތު އިހުސާސްކުރެވޭތީ އާއިން ވާހަކަދެއްކީ މަޑުމައިތިރިކަމާއި އޯގާތެރިކަމާއެކުގައެވެ.

އާއިން ވާހަކަދެއްކުމުންވެސް ޝައުން ޖަވާބެއްނުދީ ހުރުމުން އާއިން ޝައުންގެ މޫނުގައި ދެއަތުން ހިފައި އުފުލާލިއެވެ. ޝައުން އަވަސް އަވަހަށް ދެލޯމަރައި ބާރުކޮށްލީ އާއިން ކަމެއްކޮށްފާނެތީ ބިރުންނެވެ. ޝައުންހުރިގޮތުން ހިނިއައިސްފައި އާއިން ޝައުންއާ ގޯނާކޮށްލާ ހިތްވިއެވެ. އޭނާ ޝައުންއާ މޫނު ކައިރިކޮށްލުމަށްފަހު ޝައުންގެ ކޮލުގައި މަޑުމަޑުން ދަތްއަޅާލިއެވެ. އެއާއެކު ޝައުން ތެޅިގެންފައި އާއިންގެ އަތުތެރެއިން ނުކުމެގެން ހަލުވިކަމާއެކު ދުވެފައިގޮސް އެކޮޓަރިން ނުކުތެވެ. އަދި އެދިޔަގޮތަށް ހުއްޓުމެއްނެތި ގޮސް އޭނާގެ ކޮޓަރިއަށްވަދެ ދޮރުލައްޕާ ތަޅުލިއެވެ. ދޮރުފަތުގައި ލެނގިލުމަށްފަހު އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ.

ކުޑައިރުއްސުރެ އާއިން ޝައުންއާ އެކިއެކި ގޯނާކުރެއެވެ. އަދި ކިތަންމެ ފަހަރަކު ސަކަރާތްޖަހައި އޭނާގެ ކޮލުގައި ނޫނީ ކަންފަތުގައި ދަތްއަޅާ ހަދައެވެ. ނަމަވެސް އާއިން އެފަދަ ސަމާސާއެއް މިކުރީ އެތައްދުވަހެއްގެ ފަހުންނެވެ. އެހެންކަމުން ކުރީގެ ހަނދާން އާވެ ޝައުންގެ ލޮލުން ކަރުނަ ހިލުނެވެ. އާއިންގެ ގޯނާތަކަށް ކުޑައިރުއްސުރެ އޭނާ ހޭނިފައިވީނަމަވެސް މިއަދު އޭނާއަށް އެކަންވީ ވަރަށްވެސް ތަފާތު އާއިހުސާސެއް ކުރުވިކަމަކަށެވެ. ޝައުން އެގޮތުގައި އިރުކޮޅަކު ހުރުމަށްފަހު ގޮސް، އޭނާގެ ދަބަސްހުޅުވާލުމަށްފަހު ލާނެ ހެދުމެއް ހޯދަންފެށިއެވެ. ވަގުތުގެ ގޮތުން އިސްތިރިނުކޮށް ލެވޭފަދަ ހެދުމެއް ލުމަށް އޭނާ ނިންމިއެވެ.
އާއިން ހެދުންލައިގެން ސިޓިންރޫމަށް ނުކުމެ، މޮޕް ހޯދައިގެން އައިސް ސިޓިންރޫމުގައިހުރި ފެންތައް ފުހެން ހުއްޓައި ދެވަނަ ފަހަރަށް ޝައުންގެ ފޯނުރިންގްވިއެވެ. އާއިން ބަލާލިއިރު ގުޅަނީ މާޒްއެވެ.

" އާން ކޮންތާކުތަ ކަލޭމެން ތިއުޅެނީ؟…މިހާރު ގުޅާތާ ކޮންއިރެއް…އާންގެ ފޯނުވެސް ނިވާލައިގެން ކީއްތަ ތިކުރަނީ؟…" އާއިން ހެލޯއޭ ބުނުމާއެކު މާޒް ފަތިފައްޗަށް ސުވާލުތައް އަމުނާލިއެވެ.

" ހަމަޖެހިބަލަ! ގޭގައޭ މިއުޅެނީ…ވިއްސާރައާ ލައިގަނެގެން ނުދެވުނީއޭ….މަގުމެދުގަ ތިއްބާ ވާރެއޮއްސާލީމަ އަނބުރާ ގެޔަށް މިއައީ…އަހަރެންނަށް ހަނދާންނެތި ފޯނުޗާރޖްނުކޮށް އޮއްވާ ނިވުނީއޭ…" އާއިން އޮޅުންފިލުވައިދިނެވެ.

" މަށާ ފަހުދުއާ މިތިބީ ބޭރުގަ….ތިބީމުނަށް ނާދެވިފަ ތިބެދާނެތީ ބަލާއައިއިރު ދޮރާށިވެސް ތަޅުލައިގެން ތިތިބީ….ދެންވެސް އަވަހަށް ހުޅުވަބަލަ!…" މާޒް އެހެންބުނުމުން އާއިން ބޭރަށް ނުކުތެވެ. ވާރޭ ތުނިކޮށްލާފައިވީނަމަވެސް އަދިވެސް އުޑުމަތި އޮތީ ނުހަނު ބަނަކޮށެވެ. އާއިން ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ދޮރާށިހުޅުވާލިއިރު މާޒްހުރީ ދޮރާށި ދޮށުގައެވެ.

" ދޮރާއްޓާ އެއްޗެހި ތަޅުލައިގެން ކަމެއް ހިންގާލިދޯ…ދަނޑިވަޅެއް ނުލިބިފަތަ ތިހުންނަނީ ކަމެއްކޮށްލަން…" ފަހުދަށް ނީވޭނެހެން ސިއްރު ސިއްރުން މާޒް ބުނެލިއެވެ.

" ކޮބާ…ހަމަ އެތެރޭގަ އެބައުޅެންދޯ….އަހަރެމެން މިތާތިބޭތާ ހާދައިރެއްވެއްޖެއޭ…ހާދަވަރަކަށް ގޮވަންވެސް ގޮވިއްޖެއޭ….އާންގެ އަތުގަ އޮތް ސައިކް ތަޅުދަނޑިފަތީގަ ދޮރާށި ތަޅުދަނޑިވެސްވީ…." ފަހުދު އިތުރަށް އޮޅުންފިލުވައިދިނެވެ.

" ދެންވެސް ޝައުން ގޮވައިގެން އަވަހަށް އާދެބަލަ! މިހާރު އެހެންމީހުން ކައިވެސް ނިމިއްޖެ…އެމީހުންތިބޭނީ މިހާރު އަންނަންވެފަ…އަވަސް ކޮށްބަލަ!…" ކެތްތެރިކަމެއް ނެތްގޮތަކަށް މާޒް ބުނުމުން އާއިން ގެޔާދިމާއަށް ހިނގައިގަތެވެ. ގޭތެރެއަށް ވަންނަން ނެގި ފުރަތަމަ ފިޔަވަޅާއެކު އޭނާއަށް ހުއްޓެވުނީ ދޮރުމަތީގައިވާ ފައިފުހިމަތީގައި އޮތް ނަންނުގަތި ފެނުމުންނެވެ. ހިނދުކޮޅަކު ގަނޑުވެފައި ހުރެފަ ކުއްލިއަކަށް ދުވެގޮސް ދޮރާށިން ބޭރަށް ނުކުމެއްޖެއެވެ.

" ކިހިނެއްވީ؟. ދިޔަބާރުމިނުގަ ތިއައީ؟…" އާއިން ނުކުތްގޮތުން ހައިރާންވެފައި މާޒްއެހިއެވެ.

" މާޒް…އާދެބަލަ! ގޭތެރެއަށް އެބަ ނަންނުގައްޗެއް ވަދެއޭ…ވަރަށް ބޮޑު އެއްޗެއް…" ބިރުގެންފައި އާއިން ބުނިގޮތުން މާޒްގެ ގާތަށް ހިނިއައެވެ.

" އެކަމު ބުނާނެ މަށެއް ނަންނުގަތިދެކެ ބިރެއް ނުގަނެއޭ …" މާޒް އާއިންއަށް މަލާމާތްކޮށްލިއެވެ.

" ބިރުގަންނާނެދޯ ކުއްލިއަކަށް ފެނުނީމަ…" ބިރުނުގަންނަ ކަމަށް ހެދެމުން އާއިން ބުނެލިއެވެ.

" ތި މިގެއާ ވަރަށް ދޯޅުއެއްޗެއް…ނޭނގެ މިހާރު ކިތައް ނަންނުގަތިކަމެއް މިމަހުވެސް މަރާލީ…" ފަހުދުއަށް އެއަޑުއިވިގެން އޭނާ އެތެރެއަށް ވަނެވެ. އަދި ތާކުން ދަނޑިގަނޑެއް ހޯދައިގެން އައިސް ނަންނުގަތި މަރާލުމަށްފަހު ގޯތީގެ ބިއްދޮށު ފަރާތުގައި ވަޅެއްކޮނުމަށްފަހު ވަޅުލިއެވެ.

ޝައުން ތައްޔާރުވެގެން ނުކުތްއިރު، އާއިންއާއި މާޒްއާއި ފަހުދު ތިބީ އޭނާގެ އިންތިޒާރުގައެވެ. ކުއްލިއަކަށް އެމީހުން ފެނުމުން އޭނާ ރަކިވާގޮތްވިއެވެ. އެމީހުން ލަސްވެގެން ހޯދަން އައީކަން އޭނާއަށް އެނގުނެވެ.

އަނެއްކޮޅުން އާއިންމެން ލަސްވެގެން ފަރަހަނާޒްގެ ހިތުގައި ޝަކުވާތައް އިތުރުވަމުން ދިޔައެވެ. އޭނާގެ ދުލުން ބަހެއްބޭރު ނުވިނަމަވެސް އޭނާގެ ނަޒަރު ގޭގެ މައިދޮރާ ދިމާއަށް އިރުއިރުކޮޅުން ދަތުރުކުރެއެވެ. މާޒްއާއި ފަހުދު އެމީހުންބަލާ ދިޔަފަހުންވެސް އިރުތަކެއް ވެއްޖެއެވެ. ނަމަވެސް އަދިވެސް އެމީހުންގެ ޚަބަރެއްނުވެއެވެ. އާއިންގެ ފޯނު އަދިވެސް އޮތީ ނިވާލާފައެވެ.

" އަދިވެސް ނާދޭދޯ؟…ހައްތަހާވެސް ޑްރާމާ…އަހަންނަކަށް ނޭނގެ…އަހަރެން ވަރަށްފޫހިވޭ އޭނައުޅޭގޮތުން…އަބަދުވެސް އާންގެ ސަމާލުކަން ހޯދަންވެގެން އުޅޭނީ…" ތޫބާ އަނެއްކާވެސް ކުދިކިޔަންފެށިއެވެ. ފަރަހަނާޒް ދެރަވެދާނެތީވެސް އޭނާއަށް ހިމޭނަކުން ނީނދެވެއެވެ. ޝައުންއާމެދު ހިތުގައި އޮތް ނުރުހުމެއްގެ ބޮޑުކަމުން އިޚްތިޔާރަކާނުލައި ހިތުގެ އުދާސްތައް ބޭރުކޮށްލެވެނީއެވެ.
އިންތިޒާރުގެ ވަގުތުތަކަކަށްފަހު ފަހުދުމެން އަތުވެއްޖެއެވެ. އެމީހުންގެ ފަހަތުން ޝައުންއާއި އާއިންވެސް ވަނެވެ. ގޭތެރޭގައި ފުދޭވަރަކަށް މީހުންގިނައެވެ. ފަހުދުގެ ބޭބެ ފުއާދުގެ އަންހެނުން ޒާހީއާއި، ފަހުދުގެ މަންމައާއި ބައްޕަ ހާދީއާ ވާހަކަދައްކަން ތިބިއިރު،އަމީލާއާއި އައިރާވެސް އެމީހުންގެ ގާތުގައި ތިއްބެވެ. ފަހުދުގެ ކުދިންނާއި ފުއާދުގެ ކުދިން އެއްފަރާތެއްގައި ކުޅެން ތިބިއިރު، ފަރަހަނާޒް އަޔާނާއަށް ކާންދޭންއިނެވެ. ތޫބާވެސް އޭނާގެ ދަރިފުޅު އުރާލައިގެން ފަރަހަނާޒްގެ ގާތުގައި އިނެވެ. ފަހުދުގެ އެންމެހަގުދަރި އުރާލައިގެން އޭނާގެ އަންހެނުން ޒަހުރާ ކާކޮޓަރި ދޮރުމަތީގައި ހުއްޓެވެ. ފަހުދު އައިސް ކުޑަދަރިފުޅު އުރާލުމުން، ޒަހުރާ ދިޔައީ އާއިންމެންނަށް ކާން ތައްޔާރު ކުރުމަށެވެ. ބީރައްޓެހި މޫނުތަކެއް އެއްފަރަހާ ފެނުމުން ޝައުންހުރީ ހާސްވާގޮތްވެފައެވެ. އާއިންއަށް އެކަން އިހުސާސްވެގެން ޝައުންގެ އަތުގައި ހިފާލިއެވެ. އެމަންޒަރުބަލަން ތަންކޮޅެއް ދުރުގައި އިން ތޫބާ ފަރަހަނާޒްގެ ކޮނޑުގައި ކޮއްޓާލުމަށްފަހު އާއިންމެން ދައްކާލިއެވެ.

ފަރަހަނާޒް ފުންކޮށް އެދެމީހުންނަށް ބަލާލިއެވެ. އެދެމީހުންގެ އަތްގުޅުވާލެވިފައިވާގޮތުން އެދެމެދުގައި ވަރުގަދަ ގުޅުމެއްވާކަށް ދޭހަކޮށްދެއެވެ. ދެމީހުންގެވެސް އިސްތަށިގަނޑު ތެމިފައިހުރުމުން ދެމީހުންވެސް އެއައީ ދާދި ދެންމެއަކު ފެންވަރައިގެންކަން އެނގެއެވެ. މިހާރުގެ އާއިންގެ ހެދުންވެސްހުރީ ބަދަލުވެފައެވެ. ދެމީހުން ފެންވަރަން ޖެހުނީ ވާރެއާ ތެމިގެން ހެއްޔެވެ. ނޫނީ ކޮންމެވެސް އެހެންކަމެއް ހެއްޔެވެ؟ މިރަށަށް އައީއްސުރެ، އާއިންއަށް ޝައުންއާ ދުރަކަށް ނުދެވެއެވެ. ޝައުން އެކަނިދޫކޮށްލާފައި އަންނަން އާއިންވެސް ބޭނުންނުވާ ކަހަލައެވެ. އޭނާ އާއިންއާމެދު ކަންބޮޑުވާނޭކަންވެސް އާއިންއަށް އިހުސާސް ނުކުރެވުނީ ހެއްޔެވެ؟ މިހާއަވަހަށް އޭނާ ބޭކާރުވީ ހެއްޔެވެ؟ ފަރަހަނާޒްގެ ހިތަށްވެރިވި ޚިޔާލުން އޭނާގެ މޭގައި ދިލަހޫނެއް އުފެދިގެން ދިޔައެވެ. ފަރަހަނާޒްގެ ހިތަށް ވަހުމްތައް ވަންނަމުންގޮސް އޭނާގެ ލޯފެންކަޅިވިއެވެ. މީހަކަށް އެމަންޒަރު ފެނުމުގެކުރިން އޭނާ އަވަސް އަވަހަށް އިސްޖަހާލިއެވެ.

" އަހަރެމެން ނޫން އެންމެން މިހާރު ކެއީތަ؟…" ކާމޭޒުދޮށުގައި އިށީއްނަމުން އާއިން އަހާލިއެވެ.

" ނޫނޭ…ނާޒް އަދިނުކައި…" ޒަހުރާ ޖަވާބުދިނެވެ.

" އެހެންތަ؟…އައީ ދޭބަލަ ނާޒް މިކޮޅަށް ފޮނުވާފަ އަނާއަށް ކާންދޭން.." ފެންފޮދެއްބޯލުމަށްޓަކައި ކާކޮޓަރިއަށްވަތް އައިރާއަށް ގޮވާލަމުން އާއިން އެދުނެވެ. އައިރާ ދިޔަތާ އިރުކޮޅެއްފަހުން މަޑުހިނގުމެއްގައި ފަރަހަނާޒް އައިސް ކާކޮޓަރިއަށްވަނެވެ. ފަހަރަނާޒް ޖެހިލުންވެހުރެ އައިސް، ޝައުންއާއި އާއިންތިބި ފަރާތްނޫން އަނެއްފަރާތުގައި އިށީނެވެ.

" ނާޒް މިހާރު އެހުރީ ހާންތިވެފަ….މިހާރު ކިހާއިރެއް އެފަކީރު އާންއަށް އިންތިޒާރުކުރާތާ؟…އެހެން ހަދަން ހެޔޮވެސްނުވާނެއްނު…" ފަހުދު މަޖާވެފައި އާއިންއާ ދިމާކޮށްލުމުން އާއިން ހީލިއެވެ. ފަރަހަނާޒްވެސް ގަދަކަމުން ކަހަލަ ގޮތަކަށް ހީލިނަމަވެސް އެހިނިތުންވުމުގެ އަސަރު ދާދި އަވަހަށް ފަނޑުވެގެން ދިޔައެވެ. ފަރަހަނާޒް ދެރަވެފައިހުރިކަން ފާހަގަކުރެވުމުން އާއިން ކަޅިޖަހާނުލައި ފަރަހަނާޒްގެ މޫނަށް ބަލަމުން ދިޔައެވެ. ފަރަހަނާޒް އިސްޖަހައިގެން އިނދެފައި އިސްއުފުލާލި ވަގުތު ދެމީހުންގެ ހަތަރުކަޅި ހަމަވެގެން ދިޔައެވެ. އެވަގުތު ފަރަހަނާޒް އަނެއްކާވެސް ފަނޑުގޮތަކަށް ހިނިތުންވެލީ ނަމަވެސް އޭނާގެ ފެންކަޅިވެފައިވާ ދެލޯފެނުމާއެކު އާއިންގެ ހިތަށް ތަދުވިއެވެ. މިއަދު ކަންތައްވީގޮތުން ފަރަހަނާޒްގެ ހިތަށް ގޯސްޚިޔާލެއްވެރިވީ ކަމުގައި އާއިންގެ ހިތް ބުންޏެވެ. ފަހުދުއާއި އޭނާގެ އަންހެނުން ނުކުތުމުން، ކާކޮޓަރީގައި އާއިންއާއި ފަރަހަނާޒްއާއި ޝައުންގެ މެދަށް އާދަޔާ ޚިލާފު ހިމޭންކަމެއް ވެރިވިއެވެ. ތިންމީހުންވެސް އިސްޖަހައިގެން ތިބިއިރު، ކުރިން ބަހެއްބުނާނީ ކާކުބާއޭ ހިތަށްއަރާ ކަހަލައެވެ. އެހަމަހިމޭންކަން ދިގުލައިދާން ފެށުމުން އާއިންއަކަށް ކެތެއްނުވިއެވެ.

" ނާޒްއަށް އެނގޭތަ…އަހަރެމެން މިގެއަށް އަންނަން އުޅެނިކޮށް މަގުއޮޅުނީއޭ…ދެން ވާނުވާނޭނގިގެން ދުއްވަ ދުއްވާހުއްޓާ ވިއްސާރައާ ލައިގަތީ….ނަސީބަކުން އަނބުރާ ގެޔަށްދާން އެނގުނު…އެހެންނޫންނަމަ އެއޮއް ވެހުނުހާ ވާރޭގަ މަގުމެދުގަ އަހަރެމެން ތިބީހީ…" އާއިން ހިނިއައިސްފައި އިނދެ އެވާހަކަ ކިޔައިދިނުމުން ފަރަހަނާޒް ކުޑަކޮށް ހީލިއެވެ. އާއިން އެވާހަކަ ކިޔައިދިނީ ފަރަހަނާޒްގެ ހިތްހަމަ ޖައްސައިދިނުމަށްކަން އޭނާއަށް އެނގުނެވެ. އެއީ ކަންތައްވީގޮތް ނަމަވެސް، އޭގެފަހުންވެސް ދެމީހުންގެ މެދުގައި ކަމެއް ހިނގީއޭ ފަރަހަނާޒްގެ ހިތްބުނަނީ ކީއްވެގެން ކަމެއް ނޭނގެއެވެ. އޭނާގެ ހިތަށް ވިސްނައިދޭން ކުރާހައި މަސައްކަތެއްވަނީ ބޭކާރެވެ. ޝައުންގެ އެހަމަހިމޭންކަމުން އޭނާ ނަގަންވީ ކޮންމާނައެއްކަމެއް ނޭނގުނެވެ. ފަރަހަނާޒްގެ ކަތިނަޒަރުތައް ސީދާވާން ފެށުމުން ޝައުންއަށް އުނދަގޫވާގޮތްވިއެވެ. އެހެންކަމުން އޭވާ ކުޑަގޮތެއް ހަދާލައިގެން އަވަހަށް އެތަނުން ނުކުތެވެ. ޝައުން ދިއުމުން އާއިން ފުންކޮށް ފަރަހަނާޒްގެ މޫނަށް ބަލާލިއެވެ. އަދިވެސް އެމޫނުން ފެންނަނީ ނުތަނަވަސްކަމެވެ.
" އަހަރެމެން ލަސްވީމަ ރުޅިއައިސްތަ ތިއިނީ؟…." ފަރަހަނާޒް އިންގޮތުން އާއިން އަހާލިއެވެ.

" ނޫން…ރުޅިއަންނަން ޖެހޭވަރު ކަމެއް ނުވެއެއްނު…ތިބުނީނު ވާރެވެހޭތީ ނާދެވުނު ވާހަކަ…" އެއިން ގޮތަށް އިނދެ ފަރުވާކުޑަ ގޮތަކަށް ފަރަހަނާޒް ބުނެލިއެވެ.

" އެކަމު ނާޒް އެކަން ގަބޫލުކުރިހެނެއް ހިއެއްނުވޭ….ހަމަ ހަޤީޤަތުގަވެސް ކަންތައްވީގޮތް އަހަރެން މިކިޔާދިނީ….އެކަމު ނާޒްއިންގޮތުން ހީވަނީ އަހަރެންނަށް ކުށެއްކުރެވުނީހެން…" މޮޅިވެރިގޮތަކަށް އާއިން ބުނެލުމުން ފަރަހަނާޒް އިސްއުފުލާ ބަލާލިއެވެ. އާއިން އެބުނަނީ ތެދެއްކަން އޭނާގެ ލޮލުގައިވި އަސަރުން ދޭހަކޮށްދެއެވެ. ފަރަހަނާޒްއަށް އާއިންއާމެދު ޝައްކު ކުރެވުނީތީ އޭނާ ދެރަވިއެވެ.

" ނާޒްއަށް ހީވަނީތަ އަހަރެން ނާޒްއާ ސިއްރުކަމެއްކުރަން އުޅޭހެން….ޝައުންއާ އަހަރެން ކައިވެނިކުރި ކަމުގައިވިޔަސް އަހަރެމެންގެ މެދުގަ ތިހީކުރާ ކަހަލަ އެއްވެސް ގުޅުމެއް ނެތް…އެކަމު ކައިވެންޏެއް ކޮށްގެން އުޅޭނަމަ ކޮންމެވެސް ވަރެއްގެ ގާތްކަމެއް އޮންނަންވެސް ވާނެކަންނޭނގެ…މިބުނީ އެކީގަ ކޮންމެވެސް ވަރަކަށް ވަގުތުވެސް ހޭދަކުރަންޖެހޭ ހާލަތު އަންނާނެއޭ….މިސާލަކަށް މިއަދު އައީ އެފަދަ ހާލަތެއް….އަހަރެމެން ބޭނުންވެގެންނެއްނޫން ލަސްވީކީ…ވާރެވެހޭތީ ނާދެވުނީ…އެހެންވީމަ އަހަރެން ބުނަން މިއުޅޭ އެއްޗަކީ މިފަދަ ކަމެއް ދިމާވީމަ މާބޮޑަށް އެކަމާ ވިސްނާ ދެރަނުވާށޭ…ނާޒް ދެރަވެފަ ހުއްޓާދެކޭކަށް އަހަރެން ބޭނުމެއްނޫން…އަމުދުން އެންމެނާއެކީ އުޅޭއިރު…." އާއިން ލޯތްބާއެކު ފަރަހަނާޒްއާއި ވިސްނައިދިނުމުން އޭނާގެ ހިތުގައި އުފެދިފައިވި ވަހުމްތައް ވަގުތުން ފިލާދިޔައެވެ.

" އަހަރެން ރުޅިއެއްނާދޭ…އެކަމު މާލަސްވީމަ ދެރަވީ…" އާއިންއާ ދިމާބަލާލާފައި މައުސޫމު ގޮތަކަށް ފަރަހަނާޒް ބުނުމުން އާއިން ހީލިއެވެ.

އާއިންމެން ކައިނިމިގެން ސިޓިންރޫމަށް ނުކުތްއިރު، ކޮންމެވެސް ވާހަކައެއްގައި މަޝްއޫލުވެގެން އެންމެންވެސް ތިއްބެވެ. ޝައުން ފިޔަވައެވެ. އޭނާއިނީ ތަންކޮޅެއް ދުރުގައި ފޯނަށް ނަޒަރު ހުއްޓާލައިގެންނެވެ. އައިރާ އަދިވެސް އަޔާނާއަށް ކާންދިނުމުގައި އަވަދިނެތި އުޅެމުން ދިޔައިރު މާޒްވެސް އެކަމުގައި އެހީތެރިވަމުން ދިޔައެވެ.

" އައްދޭ…ދަރިޔަކު ލިބެންވާއިރަށް ތައްޔާރުވަނީދޯ…" އައިރާގެ ގާތުގައި އިށީއްނަމުން މާޒްއާދިމާއަށް އާއިން ބުނެލިއެވެ.

" އާނ…ޖެހޭނެދޯ ތައްޔާރުވާން….ނޭނގޭވިއްޔަ މިހާރުވެސް އިންގޮތެއް…" މާޒް މަޖާވެފައި ބުނެލި ޖުމްލައިން އައިރާ ރަކިވެގެން މާޒްގެ ގައިގާ ބޮނޑިއެއް އަޅާލިއެވެ. އެއާއެކު މާޒްއާއި އާއިން ބާރަށް ހޭންފެށިއެވެ. ފަރަހަނާޒްވެސް ހިނިއައިސްފައި އެމަންޒަރު ބަލަން ހުއްޓެވެ.

އެންމެނާ އެކަހެރިވެގެން ޝައުންއިންއިރު، ދޭތެރެ ދޭތެރެއިން އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއެވެ. އާއިންއަށް އެމަންޒަރު ފެނުމުން އޭނާގެ ހިތުގައި ސުވާލު އުފެދުނެވެ. ޝައުން ކޮންމެވެސް މީހަކާ ވާހަކަދައްކަނީ ކަން އެނގުމުން އެއީ ކާކުތޯ އޮޅުން ފިލުވާހިތްވިއެވެ. އެހެންނަމަވެސް ޝައުންގެ ގާތަށްގޮސް ސުވާލުކުރާކަށްވެސް އޭނާ ބޭނުމެއް ނުވިއެވެ.

" ކޮބާ ގެޔަށްދާންވީދޯ؟…" ކައިނިމިގެން އެންމެން ހަމައަކަށް އެޅުނުކަން ޔަޤީންވުމުން ފަހުދު އެހިއެވެ.

" އާނ ދާންވީދޯ…" އާއިން ސޯފާއިން ތެދުވަމުން ބުނެލިއެވެ.

" ކޮންބައެއް ސައިކްގަދާނީ؟…" އެންމެން ބޭރަށް ނުކުތުމުން ފަހުދު އެހިއެވެ.

" އަހަރެންނާ ނާޒް މިފަހަރު ދާނީ ސައިކްގަ….ޝައުންދޭ މަންމަ މެންނާއެކު އަނާވެސް ގޮވައިގެން…" އާއިން އެދުނެވެ. ޝައުން ޖަވާބެއް ނުދިނުމުން އާއިން ބަލާލިއިރު، އޭނާ އަދިވެސްހުރީ ފޯނަށް ބަލާށެވެ.

" އޭތް…ދޮންބެ އެބަގޮވައޭ…" ޝައުންގެ ގައިގަ ކޮއްޓާލަމުން އައިރާ ބުނުމާއެކު ސިހިފައި އޭނާ ބަލާލިއެވެ.

" ޝައުން ދާންވީނު ވޭނުގަ މަންމަމެންނާއެކު…" އާއިން އަނެއްކާވެސް ތަކުރާރުކޮށްލިއެވެ. ހަމައެއާއެކު ޝައުން ބަހެއްވެސް ބުނެނުލާ ގޮސްވޭނަށް އެރިއެވެ. ތޫބާއާއި އަމީލާވެސް ކުޑަދެކުދިން ގޮވައިގެން ގޮސް ވޭނަށް އެރިއެވެ.

" ބޭބެވެސް އެކޮޅަށްދަނީތަ؟…" ހާދީ ވޭނަށް އަރަންއުޅުމުން ފަހުދު އެހިއެވެ.

" އާނ…އެކޮޅަށް ގޮސް، އަހަރެންގެ ގޯތި އޮތްގޮތެއް ބަލާލަންކަމަށް…" ހާދީ އޮޅުންފިލުވައިދިނެވެ.

" ހީވަނީ ވަރަށްބޮޑަށް ވާވެފަހެން މިހާރު އޮންނާނީ…ބަލަހައްޓާނެ މީހަކު ނެތީމަ އެހެންވާނެދޯ…" ވޭން ދުއްވާލަމުން ފަހުދު ބުންޏެވެ.

" އާނ..އެހެންވާނީ…" މޮޅިވެރި ރާގަކަށް ހާދީ ބުނެލިއެވެ.

" އަނާ ރޮނީކަންނޭނގެ…" އަޔާނާ މަންމީއޭ ކިޔާގޮވާލި އަޑު އިވުނުހެން ހީވެގެން ކަންބޮޑުވެފައި ފަރަހަނާޒް ބުނެލިއެވެ.

" ނާޒް ހަމަޖެހިބަލަ! އަނާއަށްވެސް ދޭންޖެހޭނީ ކޮންމެވެސް ވަރެއްގެ ގެޕެއް….އަބަދު ނާޒްގެ އުރުގަ ގެންގުޅުނީމަ އެގޮތަށް ހޭނޭނީ…" ވިސްނައިދޭފަދަ ގޮތަކަށް އާއިން ބުނެލިއެވެ.

" އާނ…އޭރުންދޯ ދެމީހުންނަށްވެސް ރޮމޭންސް ކޮށްލަންވެސް ވަގުތުކޮޅެއް ލިބޭނީ…" ފުރުސަތުގެ ބޭނުން ހިފައި މާޒް އާއިންއާ ދިމާކޮށްލިއެވެ. ބަހެއް ނުބުނެ ހިނިތުންވެލަމުން ގޮސް އާއިން ސައިކަލަށް އެރުމުން ފަރަހަނާޒްވެސް އޭނާގެ ފަހަތަށް އެރިއެވެ.
" ހިނގާ ބުރެއް ޖަހާލާފަ ދާން…" ސައިކަލު ސްޓާރޓްކޮށްލަމުން މާޒް ބުނެލިއެވެ.

" ހިނގާ…އަހަރެންދާނަން މާޒްގެ ފަހަތުން….އެހެންނޫނީ މަގުއޮޅިދާނެ…" ހީލަމުން އާއިން ބުނެލިއެވެ.

ހިނިތުންވެ ތިބެ ދެމީހުން އެކުގައި ވަކި މިސްރާބެއް ނެތި ސައިކަލު ދުއްވާލިއެވެ. އާއިންއާއެކު އެކަހެރި ވަގުތުކޮޅެއް ލިބުމުން ހިތުގައިވީހައި ޝަކުވާތަކެއް އެއްފަރާތްކޮށްލުމަށްފަހު ފަރަހަނާޒްވެސް ހިނިތުންވެލިއެވެ. އައިރާގެ މޫނުމަތިންވެސް އުފާވެރިކަން ފާޅުވަމުން ދިޔައެވެ.

އުޑުމަތީގައިވާ ބޯވިލާތަކުން އިރުގެ ދޯދިތަކަށް ހުރަސް އެޅުމުގެ ސަބަބުން ޖައްވުގެ ހޫނުކަން ނެތިގޮސް ފިނިކަމެއްވަނީ އުފެދިފައެވެ. ބީހިލާ ފިނިފިނި ރޯޅީގެ ސަބަބުން ގައިން ހީބިހި ނަގައިގެން ދެއެވެ. ބޯކޮށްވާރޭ ވެހުމުގެ ސަބަބުން ގަސްގަހާގެހީގެ ފެހިކަމާއި އާރޯކަންވަނީ އިތުރުވެފައެވެ. އިމާރާތްތަކާއި މަގުފާރުތަކުގައި ހިފާފައިހުރި ހިރަފުސްތައް ދޮވެވި މުޅީން ސާފުވެއްޖެއެވެ. ވާރޭގެ ސަބަބުން މަގުތަކުގައި އުފެދިފައިވާ ކުދި ކުދި ފެންކޯރުތަކުން ނެއްޓެމުން ދާންޖެހުމުން އެމީހުން ބޭނުންވާވަރުގެ ބާރުމިނެއްގައި ދެވޭގޮތެއް ނުވިއެވެ. އެހެންކަމުން މެދުމިނުގެ ދުވެއްޔެއްގައި ސައިކަލު ދުއްވަމުން އެކި އެކި ވާހަކަ ދައްކަމުން މާޒްއާއި އާއިން ރަށުގެ ބޮޑުމަގުން އަތިރިމައްޗާ ދިމާއަށް މިސްރާބުޖެހިއެވެ.

ގޭގެ ދޮރުމައްޗަށް ވޭންމަޑުކޮށްލުމާއެކު އަމީލާއާއި ތޫބާ ފޭބުމަށް އަވަސްވެގަތެވެ. ދަތުރަށްފެށީއްސުރެ، ޝައުންއިނީ އޭނާގެ ފޯނަށް ނަޒަރު ހުއްޓާލައިގެންނެވެ. އެހެންކަމުން ވޭން މަޑުކުރުމުންވެސް އޭނާއަށް ރޭކާލީ ފަހުދު ގޮވާލުމުންނެވެ.

" ސޮރީ…" ލަދުރަކި ގޮތަކަށް ހީލާފައި އެހެންބުނެލަމުން ޝައުން ފޭބިއެވެ.

" ތާކަށްދާން ބޭނުން ވެއްޖެއްޔާ ގުޅާ އިނގޭ…" ހާދީއާ މުޚާތަބުކޮށް ފަހުދު ބުނެލިއެވެ.

" އާނ…ގުޅާނަން…" ހާދީ ހުއްޓިލާފައި ޖަވާބުދިނެވެ. އެވަގުތު ޝައުން އޭނާގެ ފޯނަށް ބަލަމުން ގޮސް ހާދީގެ ގައިގާ ލައިގަތެވެ.
" ތަންކޮޅެއް ބަލާލައިގެން އުޅެން ވެއްޖެއެއްނު….ފޯނެއްގަ ޖެހިއްޖެއްޔާ މިއުޅޭމީހުން ތިބެނީ ހަމަބިމަކު ނޫންވިއްޔަ…." ހާދީ ރުޅިއައިސްފައި ހަޅޭއްލަވައިގަތުމުން ޝައުން ރަކިވެ، ރުޅިވެސް އައެވެ. ނަމަވެސް ސޮރީއޭ ބުނެލުމަށްފަހު އޭނާ އަވަސް އަވަހަށް އެތެރެއަށް ވަނެވެ.

" ކޮންމެކަމެއްކޮށްފަ ސޮރީއޭ ބުނީމަ އެނިމުނީ…މިމީހުނަށް ތިބެނީ މިމީހުން ފެނިފަ…އެހެންމީހުންނަކީ އެއްވެސް ބައެއްނޫން….އެހެންމީހުން ހިތަށްއަރާނެ އެއްޗަކާމެދު ވިސްނައެއްނުލާނެ….މިދެން މާޒަމާނީވެގެން އުޅޭބައެއް…" ހާދީ ހުއްޓުމެއްނެތި އޭނާގެ ހިތަށް އައިހާ އެއްޗެއް ކިޔަމުން ގޭތެރެއަށް ވަތްއިރު، ތޫބާއާއި އަމީލާތިބީ ހައިރާންވެފައެވެ.

ޝައުން ކޮޓަރީގައި އިންނަމަވެސް އޭނާއަށް އެއަޑުތައް ސާފުކޮށް އިވުނެވެ. ހާދީ އެހާބޮޑަށް އޭނާދެކެ ރުޅިއެއައީ އޭނާ ނުބަލާ އައިސް ޖެހިލިކަމަށްޓަކައި ހެއްޔެވެ؟ އެއީ އެވަރަށް މީހަކު ރުޅިއަންނަވަރު ކަމެއް ހެއްޔެވެ؟

" ކިހިނެއްވީތަ އަނެއްކާ؟.. ހާދީ ކީއްވެ ތިހާ ރުޅިއައިސްގެން ތިއުޅެނީ؟…" ދެކުދިން ގޮވައިގެން ތޫބާކޮޓަރިއަށް ވަނުމުން އަމީލާ އައިސް ހާދީގެ ގާތުގައި އިށީނެވެ.

" ރުޅިއަންނާނެ ދޯ އެމަންޖެއަކު އުޅޭ ވައްތަރުން….މީނަވަރު މީހެއްނެތިގެން ވިއްޔަ އުޅެނީ….މަގޭ ދަރިފުޅުގެ ދިރިއުޅުން ހަލާކޮށްލާފަ އަދި މިރަށަށް އެއައީ ކޮންފޮނިކަމެއް ދައްކަންބާއޭ މަމިހިތަށް އަރަނީ…." ހާދީ އޭނާގެ ހިތުގައިވީ އުދާސްތައް ބޭރުކޮށްލިއެވެ.

" ހާދީ…ހަމަޖެހިބަލަ! ތަންކޮޅެއް މަޑުން ވާހަކަދައްކަބަލަ! އޭނައަށް އަޑުއިވުނީމަ ކަމަކު ނުދާނެ…" އަމީލާ ބެލީ ހާދީއަށް ވިސްނައިދެވޭތޯއެވެ.

" އަހަންނަށް ހެޔޮ އަޑުއިވުނަސް….އަހަރެން މިދައްކަނީ ދޮގު ވާހަކައެއްނޫން…ކިހާ ރަނގަޅަށްތަ އަހަރެމެންގެ ދެކުދިން އުޅެމުން އައީ….އެކަމު އެސުންޕާ އަންހެނާ އެދެމެދަށް ވަދެގަތީ….ތިމާގެ މީހަކަށްވެހުރެ ލަދެއްވެސް ނުގަތެއްނު އާއިންއާ އިންނާކަށް….އެއްގޭގަ އުޅެބޮޑުވިއިރުވެސް އަޚުވަންތަކަމާ އުޚުތްވަންތަކަމުގެ ކުލުނު ނުއުފެދޭނީ ކިހާ ވިޔާނުދާވީމަ…ފިރިހެނުންގެ ސަމާލުކަން ހޯދަން އަޅާފަހުންނަ ނިވާކަން ކުޑަހެދުން ބަލާބަލަ!….އެއީ ފަހެ މުސްލިމެއްތަ؟…" ހާދީ އޭނާގެ ހިތަށް އައިހާ އެއްޗެއް ކިޔަމުންދިޔައިރު، އެބަސްތައް ވިހަތީރެއް ފަދައިން ޝައުންގެ ހިތްތޮރުފަމުން ދިޔައެވެ.

" ހާދީ ރުޅިމަޑުކޮށްބަލަ!…ޝައުން އެކަނިބޭނުންވެގެންނެއް ނޫނެއްނު އިނދެވޭނީ….އާއިންވެސް އެގޮތްބޭނުންވީމައެއްނު އެހެންއެވީ…ފިރިހެނަކު ނުކުރަންހުއްޓާ ގަދަކަމަކުން ކައިވެންޏެއް ނުކުރެވޭނެދޯ" އަމީލާބެލީ މަސްލަހަތުހުރިގޮތެއްގައި ހާދީއަށް ވިސްނައިދެވޭތޯއެވެ.

" އެކައިވެނިކުރަން އާއިންއަށް މަޖުބޫރުކުރީއޭ…އެއީވެސް އެސުންޕާ އަންހެނާގެ ރޭވުން….އޭނާ ދުރާލާކުރިކަމެއް އެއީ…އެއްވެސް އުޅުމެއް އަޚުލާޤެއްނެތް ގޮތްކުޑަ އަންހެނެއް އެއީ…ބަލާލިޔަސް އެނގެއެއްނު ދީނީ ކުލައެއްވެސް ނެތްކަން" ރުޅިވެރިކަމާއެކު ހާދީ ބުނެލިއެވެ.

" ހާދީ…ދެން ތިކަމާ މާބޮޑަށް ނުވިސްނަބަލަ! ވީކަމެއްވީނު…ދެން އެކަމާ ރުޅިއައިސް އެއްޗެހި ކިޔަސް ނުވާކަމަކަށް ނުވާނެއްނު…" އަމީލާ ބޭނުންވީ އެހިސާބުން އެވާހަކަ ހުއްޓުވާށެވެ. ޝައުންއާމެދު ހާދީގެ ވިސްނުން ހުރީ ވަރަށްވެސް ގޯސް ފައްތަރެއްގައިކަން އޭނާއަށް އެނގެއެވެ.

އަމީލާ އެތައްގޮތަކަށް ވިސްނައިދީގެން ހާދީ ހަމައަކަށް އެޅުވިއެވެ. އަދި ހާދީއާއެކުގައި އޭނާގެ ގެބަލާލުމަށްޓަކައި ދިޔައެވެ. ޝައުން އޭނާގެ އެނދުހުރަކަށް އޮތްއިރު އޭނާގެ ލޮލުގައި ކަރުނަތައް ގިނަވެފައިވެއެވެ. ދާދި ދެންމެއަކު ހާދީގެ ދުލުން އޭނާއަށް އިވުނު ނަފްރަތުގެ ބަސްތަކުން އޭނާގެ ހިތް ޒަޚަމްކޮށްލައިފިއެވެ. މީގެކުރިން ދުވަހަކުވެސް މީހަކު އޭނާއާ ދިމާއަށް އެފަދަ ބަދުބަސްތަކެއް ބުނެފައެއް ނުވެއެވެ. އޭނާއަކީ ކިތަންމެ ގޮތްދޫނުކުރާ ބޯހަރު ކުއްޖެއް ނަމަވެސް އޭނާއަކީ ސުންޕާއެކޭ އެއްވެސް މީހަކު ނުބުނެއެވެ. އޭނާގެ އާއިލާ އެންމެން އޭނާދެކެ އިންތިހާއަށް ލޯބިވެއެވެ. އޭނާގެ ރައްޓެހިންނާއި ރަހުމަތްތެރީން އޭނާދެކެ ލޯބިއެވެ. އިހުތިރާމްކުރެއެވެ. ނަމަވެސް މިއަދު، ހާދީގެ ކުރިމަތީގައި އޭނާއެވީ ނުހަނު ގޮތްކުޑަ ވިޔާނުދާ މީހަކަށެވެ.
" ނޫން ނޫން..އަހަރެންނަކީ ގޮތްކުޑަމީހެއްނޫން…." ޝައުންއަށް މަޑުމަޑުން ބުނެވުނެވެ.
ނުނިމޭ