Last Updated: April 26, 23:59
Friday, April 26, 2024
ވިޔަފާރި

ބީއެމްއެލް އިސްލާމިކް އިން ފައިނޭންސިންގެ އާ ހިދުމަތްތަކެއް ތައާރަފްކޮށްފި

ބީއެމްއެލް އިސްލާމިކް އިން ވިޔަފާރިތަކަށް ދޭ އެހީތެރިކަން އިތުރުކުރުމުގެ ގޮތުން ފައިނޭންސިންގެ ގިނަ ޕްރޮޑަކްޓްތަކެއް ތައާރަފް ކޮށްފިއެވެ.

މީގެ ތެރޭގައި އަލަށް ތައާރަފްކުރާ ރީޓެއިލަރސް ފައިނޭންސިންގ، ބިޒްނަސް ޑިވެލޮޕްމަންޓް ފައިނޭންސިންގ، ލެޓަރ އޮފް ކްރެޑިޓް އަދި ބޭންކް ގެރެންޓީގެ އިތުރުން ވިޔަފާރި ހިންގުމަށް ބޭނުންވާ ފައިސާ ހޯދޭނެ ގޮތަށް ޖެނެރަލް ފައިނޭންސިންގ އަށް ގެނައި ބަދަލުވެސް ހިމެނެއެވެ.

މި އާއެކު ބީއެމްއެލްގެ ކޮންވެންޝަނަލް އިން ދޭ ކޮންމެ ޚިދުމަތެއް މިހާރު ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލް އިސްލާމިކް ރީޓެއިލަރސް ފައިނޭންސިންގ އަކީ ވިޔަފާރި ހިންގާ ފަރާތްތަކުގެ ތެރެއިން ބީއެމްއެލް ޕީއޯއެސް މެދުވެރިކޮށްކުރާ ވިޔަފާރީގެ ތެރެއިން މަހެއްގެ މައްޗަށް އެވެރެޖްކޮށް 50,000 ރުފިޔާ ލިބޭ ފަރާތްތަކަށް ހާއްސަކޮށްފައިވާ ޕްރޮޑަކްޓެކެވެ. އަނބުރާ ފައިސާ ދެއްކުމަށް ހަތަރު އަހަރުގެ މުއްދަތެއް ލިބޭނެއެވެ. އަދި ވަކާލާގެ މައްޗަށް ބިނާކުރެވޭ 12 މަސްދުވަހަށް ބަހާލެވޭ އޯވަރޑްރާފްޓްގެ ޚިދުމަތްވެސް ލިބޭނެއެވެ. 500,000 ރުފިޔާ އާ ހަމަޔަށް ދޫކުރާ ފައިނޭންސިންގ އަށް އެއްވެސް ރަހުނެއް ބޭނުމެއް ނުވާނެއެވެ.

ބީއެމްއެލް އިސްލާމިކް ބިޒްނަސް ޑިވެލޮޕްމަންޓް ފައިނޭންސިންގ އަކީ ރަހުނު ބެހެއްޓުމުގައި ލުއި ފަސޭހަ ގޮތްތައް ހިމެނި ވިޔަފާރި ފުޅާކުރުމަށާއި، ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށާއި، ޕްރޮޕަޓީ ޑިވެލޮޕް ކުރުމަށާއި، އާ މުދާ ނުވަތަ މެޝިނަރީ ގަތުމަށް ބޭނުންވާ ފައިސާ ހޯދުމަށް ވެސް އެދި ހުށަހެޅޭނެ ފައިނޭންސިންގ އެކެވެ.

އެމްއެމްއޭ ގެ ކްރެޑިޓް ގެރެންޓީ ސްކީމްގެ ދަށުންވެސް މި ފައިނޭންސަށް އެދި ހުށަހެޅޭނެއެވެ. މިގޮތުން އަލަށް ވިޔަފާރިފެށުމަށާއި، ވިޔަފާރި ފުޅާކުރުމަށާއި، ވިޔަފާރި ހިންގުމަށް ބޭނުންވާ ފައިނޭންސް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.

ބޭންކުގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ ބީއެމްއެލް އިން ވިޔަފާރިތަކަށް އަމާޒުކޮށް ދެމުންދާ ހުރިހާ ޚިދުމަތެއް ބީއެމްއެލް އިސްލާމިކް ދަށުން ދެވުމަކީ ލިބޭ އުފަލެއް ކަމަށާއި ބީއެމްއެލް އިސްލާމިކްގެ ޚިދުމަތް މިދަނީ ވަރަށް ރަނގަޅު މިސްރާބެއްގައި ކުރިއަރަމުން ކަމަށެވެ.

"މިއަދު މި ތައާރަފްކުރެވެނު ޚިދުމަތްތަކަކީ ބޭންކުން ވިޔަފާރިތަކަށް ދޭ އެހީތެރިކަން އިތުރުކޮށް ރާއްޖޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތަށް ލިބޭ އިތުރު ފުރިހަމަކަމެއް" އޭނާ ވިދާޅުވިއެވެ.

ބީއެމްއެލް އިސްލާމިކް ޚިދުމަތްތައް ފަރުމާ ކުރެވިފައިވަނީ އިސްލާމިކް ބޭންކިންގ އާ ގުޅޭ ބައިނަލްއަޤްވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް، ޝަރުޢީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތުގެ މަތިންނެވެ.