Last Updated: April 20, 08:46
Saturday, April 20, 2024
ރިޕޯޓް

ކޯލިޝަންގެ އެއްވެސް ލީޑަރަކު ނަޝީދަށް މަރުހަބާ ވިދާޅެއްނުވޭ

ސަރުކާރު ހިނގަމުން އަންނަ ކޯލިޝަންގެ އެއްވެސް ލީޑަރަކު ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންތިޚާބުވުމާ ގުޅިގެން އެމަނިކުފާނަށް މަރުހަބާ ނުދަންނަވާތީ ބައެއް މީހުން އެކަމާ މެދު ސުވާލު އުފައްދައިފިއެވެ.

ކުރީގެ ރައީސް ޔާމީނާ ދެކޮޅަށް އުފެދުނު ގުޅިފައިވާ އިއްތިހާދުގައި ތިއްބެވި މިހާރު ވެރިކަން ކުރަމުން އަންނަ މައި ޕާޓީ، އެމްޑީޕީގެ އިތުރުން ގާސިމް އިބްރާހިމްގެ ޖުމުހޫރީ ޕާޓީއާއި އަދާލަތު ޕާޓީ އަދި އޭރު ޕީޕީއެމުން ނުހައްގުން ބޭރުކޮށްލި ޕާޓީގެ ބާނީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ ސަޕޯޓަރުންނެވެ.

މަޖިލިސް އިންތިޚާބާ ހަމައިން ކޯލިޝަނުގައި ރެނދެއް ލައިގެން ދިޔައިރު ޖުމުހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވަނީ އެޕާޓީގެ ކެންޑިޑޭޓުން ގޮވައިގެން އިދިކޮޅުގައި އޮތް ޕީޕީއެމް/ޕީއެންސީގެ ފެތެމުން ދިޔަ އޮޑިއަށް އަރާވަޑައިގެންފައެވެ. ނަމަވެސް އެ ނިންމެވުމުން އެމަނިކުފާނަށް މޮޅެއް ނުލިބި މުޅި އިންތިޚާބުން ވެސް ކާމިޔާބުކުރެވުނީ އެންމެ ފަސް ގޮނޑިއެވެ. ޕީޕީއެމް/ޕީއެންސީ އަށް ކާމިޔާބު ކުރެވުނީ އެންމެ އަށެކެވެ.

މައުމޫނާއި އަދާލަތު ޕާޓީގެ ކެންޑިޑޭޓުންނަށް ގޮނޑިއެއް ލިބިފައިނުވި ނަމަވެސް ކޯލިޝަނުގައި އިތުރު މައްސަލަތަކެއް އުޅޭ ކަމުގެ ނިޝާންތަކެއް އެއަށްފަހަށް ފެންނާކަށް ނެތެވެ.

އިއްޔެ ރޭ އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ބައްދަލުވުމެއް ބާއްވައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުން މަޖިލީހުގެ ރައީސް ކަމަށް އައްޔަންކޮށް، ރޭ ބޭއްވުނު މަޖިލިސްގެ ފުރަތަމަ ޖަލްސާގައި ނަޝީދު ވަނީ ގާސިމް އިބްރާހިމާއި ވާދަކޮށް 67 ވޯޓުން ރައީސްގެ މަގާމަށް އިންތިޚާބުވެވަޑައިގެންފައެވެ. ގާސިމަށް ލިބިވަޑައިގެންފައިވަނީ އެންމެ 17 ވޯޓެވެ.

ރާއްޖޭގެ ސިޔާސީ މައިދާނަށް ބޮޑެތި ބަދަލުތަކެއް ކުއްލި ގޮތަކަށް އައިސްފައިވި ނަމަވެސް ކޯލިޝަންގެ މެދުގައި ކުރިން ފެންނާން އޮތް އެކުވެރިކަން ނުފެންނަނީ ކީއްވެތޯ އެއީ މިއަދު ބައެއް މީހުން ސޯޝަލް މީޑިޔާގައި ކުރަމުން އަންނަ ސުވާލެކެވެ.

އާންމުކޮށް މިފަދަ ދަނޑިވަޅުތަކުގައި ސިޔާސީ ބޭފުޅުން ބޭނުން ކުރައްވަނީ މިހާރަކަށް އައިސް ޓުވިޓާއެވެ. ފަހަރުގައި އެއާ ޚިލާފަށް ފޯނުން ގުޅުއްވާފައި މަރުހަބާ ދެންނެވީ ކަމަށް ވެސް ވުމަކީ އެކަށީގެންވާ ކަމެކެވެ. ނުވަތަ އަދި ވަގުތުކޮޅެއް ނުލިބެނީ ކަމަށް ވެސް ވުން ގާތް ކަމުގައި ބައެއް މީހުން ދެކެއެވެ.