Last Updated: April 23, 23:56
Tuesday, April 23, 2024
ދުނިޔެ

މޯދީ ބޮޑުވަޒީރު ކަމުގެ ހުވާ ކުރައްވައިފި

އިންޑިއާގެ އާއްމު އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވި ނަރެންދުރަ މޯދީ، ބޮޑުވަޒީރު ކަމުގެ ހުވާ ދެވަނަ ދައުރަކަށް މިއަދު ކުރައްވައިފިއެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލާގައި ހުންނަ ރިޔާސީ ގަނޑުވަރު، ރަޝްޓްރަޕަތީ ބަވަންގައި އޮތް މޯދީގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ހާޒިރުވެފައެވެ. އޭގެތެރޭގައި މޯދީގެ ބީޖޭޕީ ކޯލިޝަނާއި އެންމެ ވާދަވެރި އިންޑިއަން ނޭޝަނަލް ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީ އާއި އަވަށްޓެރި ގައުމުތަކުގެ އެންމެ އިސް ލީޑަރުންގެ އިތުރުން ބޮލީވުޑްގެ ބައެއް ފަންނާނުން ވެސް ހިމެނެއެވެ.

ނަމަވެސް މި ރަަސްމިއްޔާތަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާނަށް ދައުވަތު ދެއްވާފައެއް ނުވެއެވެ.

ބޮޑުވަޒީރު މޯދީއާއެކު އޭނާގެ ކެބިނެޓް ވެސް މިއަދު ވަނީ މަގާމުގެ ހުވާ ކުރައްވާފައެވެ. ކެބިނެޓުގައި ބީޖޭޕީގެ ރައީސް އަމިތު ޝާހު ވެސް ހިމެނިވަޑައިގަންނަވައެވެ.

އިންޑިއާގެ އާއްމު އިންތިހާބުގައި މޯދީގެ ބީޖޭޕީގެ ކޯލިޝަނުން ވަނީ 545 ގޮނޑީގެ ތެރެއިން 354 ގޮނޑި ކާމިޔާބުކޮށްފައެވެ.