Last Updated: April 20, 18:41
Saturday, April 20, 2024
ދުނިޔެ

ފްރާންސު މުޒާހަރާތަކުގައި ހަރުކަށިވި ފުލުހުންނަށް ދައުވާކުރަނީ

getty

ފްރާންސު ސަރުކާރާ ދެކޮޅަށް ސިލްސިލާކޮށް ކުރެވުނު ބޮޑެތި މުޒާހަރާތަކުގައި، ފުލުހުންގެ ތެރެއިން މުޒާހަރާ ކޮންޓްރޯލް ކުރުމަށް ނިކުތް ބައެއް ފުލުހުން ބާރުގެ ބޭނުން ކުރަން ނުޖެހޭ މިންވަރަށް ކުރުމާއި ގުޅިގެން އެމީހުންނާ ދެކޮޅަށް ދައުވާ ކުރަން ފޮނުވަން ޕްރޮސެކިއުޓަރުން ތައްޔާރުވެއްޖެއެވެ.

ޕަބްލިކް ޕްރޮސެކިއުޓާ ރެމީ ހެއިޓްޒްއާ ހަވާލާދީ "ޓެލެގްރާފް" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ބާރުގެ ބޭނުން ކުރަން ނުޖެހޭ މިންވަރަށް ކުރުމުގެ 174 މައްސަލައެއް ބަލާފައިވާ ކަމަށެވެ. އޭގެ ސަބަބުން މުޒާހަރާގެ ބައެއް ބައިވެރިންގެ ލޮލަށް ގެއްލުންވެ އެއް ލޮލުން ފެނުމުން މަހްރޫމް ވެފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ. "ފުލުސް އޮފިސަރުން ކޯޓަށް ފޮނުވޭނެ. މިމަހުން ފެށިގެން އަހަރުގެ ނިޔަލަށް ޝަރީއަތްތައް ކުރިއަށްދާނެ."

ނަމަވެސް ދައުވާ ކުރަނީ ކިތައް ފުލުހުން ކަމެއް ފްރާންސު ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. ޚަބަރު ލިބޭ ގޮތުގައި މުޒާހަރާއަށް ނިކުތް 24 ބައިވެރިޔަކު ވަނީ އެއް ލޮލުގެ ފެނުމުން މަހުރޫމް ވެފައެވެ. އެ އެންމެން ވެސް ބުނަނީ ލޮލަށް ގެއްލުންވީ ފުލުހުން ބޭނުންކުރި ރަބަރު އުންޑަ އަރާ ބަޑީގެ އުންޑަތަކުގެ ސަބަބުން ކަމަށެވެ. ނަމަވެސް ފްރާންސުގެ އިންޓީރިއާ މިނިސްޓްރީން ބުނީ ލޮލަށް ގެއްލުން ލިބުނީ 10 މީހުންނަށް ކަމަށެވެ.

ފްރާންސަކީ މި ބާރު ބޭނުންކުރުމުގެ ހުއްދަ ފުލުހުންނަށް ދީފައިވާ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. ސިލްސިލާ މުޒާހަރާތަކުގައި 2،200 އަށްވުރެ ގިނަ ބައިވެރިންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. މުޒާހަރާ ހުއްޓުވަން ނިކުތް ފުލުހުންގެ ތެރެއިން 1،600 ފުލުހުންނަށް ވެސް އަނިޔާ ވެފައިވާ ކަމަށް ފްރާންސުން ހާމަކޮށްފައިވެއެވެ.

ހުސްވި އަހަރު ނޮވެމްބަރު މަހު "ޔެލޯ ވެސްޓް ހަރަކާތް" ފެށިގެން ދިޔައީ ސަރުކާރުން ކުއްލި ގޮތަކަށް ތެލުން ނަގާ ޑިއުޓީ އުފުލުމާ ގުޅިގެންނެވެ. މުޒާހަރާތައް ބިޔަވެ ސަރުކާރަށް ވަނީ ދުވަސްކޮޅެއް ފަހުން ތެލުގެ ޑިއުޓީ ކުޑަކުރަން މަޖުބޫރުވެފައެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިން ވަނީ އުފުލާފައިވާ ޓެކްސް ވެސް ކުޑަކުރުމަށް ޑިމާންޑުކޮށްފައެވެ.