Last Updated: July 1, 18:15
Tuesday, July 1, 2025
މުނިފޫހިފިލުވުން

ދީވާނާ 2 ( ބާވަންނަވަނަބައި)

ޝައުން އޭނާގެ އެނދުހުރަކަށް އޮތްއިރު އޭނާގެ ލޮލުގައި ކަރުނަތައް ގިނަވެފައިވެއެވެ. ދާދި ދެންމެއަކު ހާދީގެ ދުލުން އޭނާއަށް އިވުނު ނަފްރަތުގެ ބަސްތަކުން އޭނާގެ ހިތް ޒަޚަމްކޮށްލައިފިއެވެ. މީގެކުރިން ދުވަހަކުވެސް މީހަކު އޭނާއާ ދިމާއަށް އެފަދަ ބަދުބަސްތަކެއް ބުނެފައެއް ނުވެއެވެ. އޭނާއަކީ ކިތަންމެ ގޮތްދޫނުކުރާ ބޯހަރު ކުއްޖެއް ނަމަވެސް އޭނާއަކީ ސުންޕާއެކޭ އެއްވެސް މީހަކު ނުބުނެއެވެ. އޭނާގެ އާއިލާ އެންމެން އޭނާދެކެ އިންތިހާއަށް ލޯބިވެއެވެ. އޭނާގެ ރައްޓެހިންނާއި ރަހުމަތްތެރީން އޭނާދެކެ ލޯބިއެވެ. އިހުތިރާމްކުރެއެވެ. ނަމަވެސް މިއަދު، ހާދީގެ ކުރިމަތީގައި އޭނާއެވީ ނުހަނު ގޮތްކުޑަ ވިޔާނުދާ މީހަކަށެވެ.
" ނޫން ނޫން..އަހަރެންނަކީ ގޮތްކުޑަމީހެއްނޫން…." ޝައުންއަށް މަޑުމަޑުން ބުނެވުނެވެ.
ޝައުންއަށް މިއަދު އިވުނު ބަސްތަކުގެ ސަބަބުން އޭނާގެ ހިތުގައި ހައިޖާނެއް އުފެދިއްޖެއެވެ. އެކަމާމެދު ވިސްނިވަރަކަށް އޭނާ ދެރަވެ، ރުޅިގަދަވިއެވެ. ހާދީ އޭނާގެ ބޮލުގައި ނުހައްޤުން އެފަދަ އިލްޒާމެއް އަޅުވަންޖެހުނީ ކީއްވެގެން ހެއްޔެވެ؟ އާއިން އޭނާއާ ކައިވެނިކުރަން މަޖުބޫރުކުރީއޭ އެބުނަނީ ކީއްވެގެން ހެއްޔެވެ؟ އަނެއްކާ ފަރަހަނާޒްގެ ވިސްނުންވެސް ހުރީ އެފަދައިން ބާއެވެ. އެންމެންވެސް ހީކުރަނީ އޭނާ ރޭވުމެއް ރާވައިގެން އުޅެނީ ކަމަށް ހެއްޔެވެ؟ މިހުރިހާ ކަމެއްވެސް މިވަނީ އާއިންގެ ސަބަބުންނެވެ. އާއިން އެކައިވެނިކުރަން އޭނާއަށް މަޖުބޫރުކުރީއެވެ. އާއިން ބޭނުންނަމަ އެނޫންގޮތެއްވެސް ހޯދުނީސް ނޫންހެއްޔެވެ؟ އޭނާއަށް އެހާ ހެޔޮއެދޭނަމަ އެންމެން އޭނާއާމެދުގައި ގޯސްކޮށް ދެކޭފަދަ ގޮތަކަށް ކަންތައްކުރީ ކީއްވެގެން ހެއްޔެވެ؟ ޝައުން އެގޮތުގައި ހިތާހިތާ ޝަކުވާކުރަން އޮއްވައި އޭނާއަށް ނިދުނީއެވެ.
އާއިންމެންގެ ހަތަރުމީހުން އަތިރިމައްޗައް ފައިބައި ދޮންވެލިގަނޑުމަތީގައި ވާހަކަދައްކާލަން މަޑުކޮށްލިއެވެ.
" އައީއަށް އެނގޭތަ، ދޮންބެއަށް ނާޒްފެނުނީ އަހަރެމެން މިތަނަށް އައި ދުވަހަކުއޭ…" ކުރީގެ ހަނދާނެއް އާކޮށްލަމުން މާޒް ބުނެލިއެވެ.
" ތެދެއް އެއީ… ނާޒް އަހަރެމެން ފެނުނީމަ ގޮސް ފަޅުގެއަކަށްވަދެ ފިލީ…….އަދި މާޒްހީކުރީ ނާޒްއަކީ ޖިންނިއެއްކަމަށް…އޭނަހުރީ ބިރުން ހަލާކުވާވަރުވެފަ…. އެދުވަހު ނާޒް ފިލާހުރިތަނުން ނުކުތްނަމަ މާޒް ވަގުތުން ހޭނެތުނީސްކަން ޔަޤީން…" އާއިން ފުރުސަތުގެ ބޭނުން ހިފައި މާޒްއާ ދިމާކޮށްލިއެވެ.
" އައްދެ މައެކަންޏެއްނޫން…އާންވެސްހުރީ ބިރުން…އަދި މަށާއެބަ ދިމާކުރެއެއްނު….މިއަދުވެސް ނަންނުގައްޗެއް ފެނިގެން ދުވިމީހެއްތީ….މީހުނާ ދިމާކުރަނީމި…" މާޒްވެސް ދެރައެއްނުވިއެވެ.
އެމީހުން އެގޮތުގައި އެކި އެކި ވާހަކަ ދައްކަން ތިއްބައި، އަނެއްކާވެސް ވައިބާރުވެ ވާރޭވެހެން އުޅޭކަމުގެ އަލާމާތްތައް ފެންނަންފެށޖއެވެ. އެހެންކަމުން ގެޔަށްދިއުމަށްޓަކައި އެނބުރި ސައިކަލާދިމާއަށް މިސްރާބުޖެހިއެވެ.
މާޒްއާއި އައިރާ އަހުސަންގެ ގެޔަށްދިއުމުން، އާއިން ފަރަހަނާޒް ގޮވައިގެން ފަހުދުގެ ގެޔަށްދިޔައެވެ. އާއިންއާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރެވުނީތީ ފަރަހަނާޒްހުރީ ނުހަނު އުފާވެފައެވެ.
" ހާދަ އަޑެއްބަޑެއް ނީވެއޭ…އެންމެން ނިދީކަންނޭނގެ…" ގޭތެރެއަށް ވަދެ، ތޫބާގެ ކޮޓަރިއާ ދިމާއަށް މިސްރާބުޖަހަމުން ފަރަހަނާޒް ބުނެލިއެވެ.
" ހޫމް މަށަށްވެސް ހީވަނީ ތިހެން…" އާއިން އައިސް ސިޓިންރޫމު ސޯފާއެއްގައި އިށީއްނަމުން ބުނެލިއެވެ.
" ހޫމް…ނިދާފަތިބީ….ތޫވެސް ނިދާފަ…އެކަމު މަންމައެއްނެތް….މަންމަ ކޮންތާކަށްބާ ދިޔައީ…" ކޮޓަރި ބަލާލުމަށްފަހު އައިސް އާއިންގެ ގާތުގައި އިށީއްނަމުން ފަރަހަނާޒް ބުނެލިއެވެ.
" މަންމަ އެކަނި ތާކަށް ނުދާނެ….ވެދާނެ ނާޒްގެ ބައްޕައާއެކީ ރަށުތެރެ ބަލާލަން ނުކުތީކަމަށްވެސް….." އާއިން އޭނާއަށް ހީވާގޮތަށް ބުނެލިއެވެ.
" ހޫމް އަހަރެންނަށްވެސް ހީވަނީ ތިހެން….އަހަރެން ގޮސްލަންތަ ގެބަލާލަން؟…މިހާރު ނޭނގެ ވާވެގެން ގޯތިތެރެއަށް ވަދެވޭނެ ކަމެއްވެސް….ދިއުމުގެކުރިން އެތަން ސާފުކޮށްލަންވެސް އަހަރެން ބޭނުން…" ކުއްލިއަކަށް ގެމަތިން ހަނދާންވެގެން ފަރަހަނާޒް ބުނެލިއެވެ. ފަރަހަނާޒްގެ އެދުމަށް އާއިން އޭނާއާއެކު ފަރަހަނާޒްގެ ގެ ބަލާލަން ދިޔައެވެ.
****
ރޭގަނޑުގެ ވަގުތެވެ. ޝައުންއަށް ހޭލެވުނީ މީހަކު ދޮރުގައި ޓަކިދޭއަޑު އިވުމުންނެވެ. އޭރު ކާންނުކުތުމަށް އެދި އާއިން ގޮވާއަޑު އިވެއެވެ. ނަމަވެސް އޭނާ އޮތީ ތެދުވަން ބޭނުންނުވެފައެވެ. ބަނޑުހައިވީނަމަވެސް ކާންދާންވެސް ބޭނުމެއްނުވިއެވެ. މިއަދު އޭނާއަށް އަޑުއިވުނު ވާހަކަތައް ހަނދާންވުމުން، ހާދީ ފެންނަ ހިސާބަށް ދާންވެސް އޭނާހުރީ ޖެހިލުންވެފައެވެ. އަނެއްކާވެސް ހާދީގެ ނުރުހުމުގެ ބަހެއް ނޫނީ ނަޒަރެއްވެސް އޭނާއާ އަމާޒުވާކަށް އޭނާ ނޭދެއެވެ. އެހެންކަމުން އޭނާ ބަނޑުހައި ނުވާކަމުގައި ބުނެ ކާންދިއުމަށް އިންކާރުކުރިއެވެ. ނަމަވެސް އާއިން ގޮތްދޫނުކޮށް ޝައުންއަށް ގޮވަން ފެށުމުން އޭނާ ދޮރުހުޅުވިއެވެ.
" ކިހިނެއްވީ؟…ކީއްވެ ނުކާނަމޭ ތިބުނީ؟…" ޝައުން ދޮރުހުޅުވުމާއެކު އާއިން އެހިއެވެ.
" މިބުނީނު ބަނޑުހައެއް ނުވެއޭ….ބަނޑުހައިނުވަންޏާ ކެވޭތަ؟…" ކުޑަކޮށް ހިތްހަމަ ނުޖެހިފައި ޝައުން ބުންޏެވެ.
" ބަނޑުހައިނުވިއަސް އަހަރެމެންނާއެކު ބައިވެރިވުމަށް ދެވިދާނެއްނު….އެހެންނޫނީ ފަހުދުމެން ދެރަވާނެއްނު….އެމީހުން ސުވާލުވެސް ކުރާނެއްނު…" ޝައުން ވިސްނައިދިނުމަށްޓަކައި އާއިން އުޅުނެވެ.
" އާން އަބަދުވެސް ވިސްނަނީ އެހެންމީހުނާމެދު، އެމީހުން ދެރަވެދާނެތީ، އެމީހުން އެއްޗެއް ހީކޮށްފާނެތީ…އަހަރެންމީ އެއްވެސް މީހެއްނޫންތަ؟…އަހަރެން އެދޭގޮތަކީ އެއްވެސް ގޮތެއްނޫންތަ؟…އެހެންނޫނަސް އަހަރެން ދިޔައީމަށްވުރެ ނުދިޔައީމަ އުފާވާމީހުން ގިނަވާނީ….އެހެންވީމަ އަހަރެން ބޭނުމެއްނޫންދާކަށް….އާންދޭ…" ޝައުން އޭނާގެ ހިތުގައިވީ ޝަކުވާތައް ބޭރުކޮށްލުމަށްފަހު އާއިންއަށް ފުރުސަތެއްވެސް ނުދީ ދޮރުލައްޕާ ތަޅުލިއެވެ. ޝައުން އެހައި ހިތްހަމަ ނުޖެހިގެން ވާހަކަ ދެއްކީތީ އާއިން ހުރީ ހައިރާންވެފައެވެ. އޭނާ މަޑުމަޑުން އައިސް ސޯފާގައި އިށީނެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެއޭ އޭނާގެ ހިތްބުނަމުން ދިޔައެވެ.
" ކިހިނެއްވީ؟…ކޮބާ ޝައުން…" ކާންދިއުމަށްޓަކައި ތައްޔާރުވެގެން ނުކުތް ފަރަހަނާޒްއަށް އާއިން ސިޓިންރޫމުގައި އިންދައި ފެނުމުން ސުވާލުކުރިއެވެ.
" ބަނޑުހައެއް ނުވެޔޯ ބުނީ…." ކުރުގޮތަކަށް އާއިން ޖަވާބުދިނެވެ.
" ކޮބާ ޝައުން…އޭނާ ނުދޭތަ؟…." އެންމެން ވޭނަށް އެރުމުން ފަހުދު އެހިއެވެ.
" ޝައުން ބުނީ ބަނޑުހައެއްނުވެޔޭ….އެހެންނޫނަސް ރޭގަނޑު ވަރަށް ނުކާނެ އޭނަ…" އާއިން އަވަހަށް ބުނެލިއެވެ.
" އެހެންދޯ…ކެއުމަށް ބަލައިގެން އުޅޭތީދޯ އެހާ ރީތިކޮށް އެހުންނަނީ…" ހީލަމުން ފަހުދު ޝައުންއަށް ތައުރީފުކޮށްލިއެވެ. އާއިންވެސް ފަހުދުއާއި އެއްބައިވުމުގެ ގޮތުން އާނއެކޭބުނެ ހިނިތުންވެލިއެވެ.
ޝައުން އަންނަން އިންކާރުކުރީ ކީއްވެގެންކަން އަމީލާއަށް އެނގެއެވެ. އޭނާ ކޮޓަރިން ނުކުތް ވަގުތު އާއިންއާ ދިމާއަށް ޝައުންބުނި ޖުމްލަތައް އޭނާއަށް އަޑުއިވުނެވެ. ޝައުން އެހެންއެބުނީ މިއަދު ހާދީ ކަންތައްކުރި ގޮތުންކަންވެސް އޭނާއަށް ވިސްނުނެވެ. އޭނާ އެވާހަކަ އާއިންގާތުގައި ބުނަން ހިތަށްއަރާފައިވެސް މަސްލަހަތަށްޓަކައި އޭނާ ހިމޭނުންއިނެވެ. ނަމަވެސް ޝައުންހުރީ ދެރަވެފައިކަން އެނގޭތީ އޭނާ ހަމްދަރުދީ ވެސްވިއެވެ.
ޝައުން އޭނާގެ އެނދުގައި އޮވެ ވިސްނަމުން ދިޔައެވެ. އޭނާއަށް ކަންތައް މިކުރެވުނީ މުޅިން ރަނގަޅަކަށް ނޫނޭ ހިތަށްއަރައި ދެރަވެސްވިއެވެ. އޭނާ ފޯނުނެގުމަށްފަހު އާއިންއަށް ގުޅާލަން ހިތަށްއެރިއެވެ. ނަމަވެސް އޭރުންވެސް މަސްލަހަތު ރަނގަޅުނުވާނެއޭ ހިތަށްއެރިއެވެ. އެންމެނާއެކީ ނުގޮސް އާއިންއާއެކީ ވަކިންދާން ބޭނުންވެގެން އުޅެނީކަމުގައިވެސް އެހެންމީހުން ހީކޮށްފާނެއެވެ. އެވިސްނުމުގައި އޭނާއޮއްވައި އިޒްޔަން ގުޅިއެވެ.
" ކޮބާ..ކިހިނެއްތަ ހަނީމޫން ދަތުރު؟…" ޝައުން ފޯނުނެގުމާއެކު ހެވިފައި އިޒްޔަން އެހިއެވެ.
" ހަމަ އޯކޭ…ކިހިނެއްތަ ތިކޮޅު؟ ދޮންބެ ދައްތަ ރަނގަޅުތަ؟…" ޝައުންވެސް އޭނާގެ އަޑަށް އުފާވެރިކަން ގެންނަމުން ވާހަކަދެއްކިއެވެ.
" ވަރަށް ފޫހިވެގެން އުޅެނީ….އެހެންދޯވާނީ އެންމެން އޭނަ އެކަނިކޮށްފަ ދިޔައީމަ…" ޝަކުވާގެ ރާގެއްގައި އިޒްޔަން ބުނެލިއެވެ.
" ހޫމް…މިއަދު ވައިބާރއިންވެސް އަހަރެންނާ ވަރަށް ވާހަކަދެއްކި….ވަރަށް ޝަކުވާކުރި…ބުނީ އަހަރެން ބަނޑުބޮޑުވީމައޭ ކިޔާފަ ވަކި ކީއްވެހޯ ނުގެންދަންވީ….ތިރަށުގަ ހުއްޓަސް ވިހާ ވަގުތު ޖެހުނީމަ ވިހާނެނޫންހޯ….ވިހާކަށް ވަކިތަނެއްނޯންނާނެ ނޫންހޯ….އެކަމު ދޮންބެ މާވަރަށޯ ބިރުގަންނަނީ…." ޝައުން ހީހީފައި އުޝާ ދެއްކި ވާހަކަތައް އިޒްޔަންއާ ހިއްސާކުރިއެވެ. ދެކުދިން އެގޮތުގައި އެކި އެކި ވާހަކަދައްކަން ތިބުމަށްފަހު، ފޯނު ބޭއްވިއެވެ. އިޒްޔަންއާ ވާހަކަދައްކާ ލެވުމުން ޝައުންގެ ހިތަށް ލުއިކަމެއް ލިބުނެވެ.
ކެއުމުގެ ވަގުތުގައިވެސް އާއިން އިނީ ހިމޭނުންނެވެ. އޭނާއަށް ވިސްނެމުންދިޔައީ ޝައުންއާމެދުގައެވެ. ކުއްލިއަކަށް ޝައުން އެހައިބޮޑަށް ހިތްހަމަ ނުޖެހުނު ސަބަބަކާމެދުގައެވެ. އާއިންގެ ހިމޭންކަމުން ފަރަހަނާޒަށް އުނދަގޫވަމުން ދިޔަނަމަވެސް އޭނާ ސުވާލުކުރާކަށްވެސް ބޭނުމެއްނުވިއެވެ. އާއިން ވިސްނަމުން ދަނީ ޝައުންއާ މެދުގައިކަން އޭނާއަށް އެނގެއެވެ. ވީއިރު ސުވާލުކުރުމުގެ ބޭނުމެއްވެސް ނެތެވެ.
" މާޒް ކައިނިމުނީދޯ….ދާންވީނު ޝައުންބަލާ! ޝައުން ގޭގަ އެކަނި ބައިންދާކަށް ނުވާނެއްނު…" ކައިނިމިގެން ތެދުވި މާޒްއަށް ބަލާލަމުން އާއިން ބުންޏެވެ. މާޒްއަށް އާއިންއާ ދިމާބަލާލެވުނީ ސުވާލުގެ ނަޒަރަކުންނެވެ.
" ބަނޑުހައެއް ނުވެޔޭ ކިޔާފަ ނާންނަން އެހުރީ….އެކަމު އެކަނި ހުންނާކަށްވެސް ނުކެރޭނެ…އެންމެނަށް ކައިނިމިގެން ދެވޭއިރު ވަރަށް ލަސްވެފައެއްނު ހުންނާނީވެސް…" މާޒްގެ އެބަލާލުމުގެ މާނަ ވިސްނިގެން އާއިން އަވަހަށް ޖަވާބުދިނެވެ. މާޒް އިތުރު ސުވާލެއް ނުކޮށް ޝައުން ބަލާދިއުމަށްޓަކައި އަވަސްވެގަތެވެ. އާއިން ނުގޮސް މާޒް ފޮނުވަން ޖެހުނީ ކޮންމެވެސް ދެބަސްވުމެއް އެދެމެދުގައި ހިނގުމުން ކަމުގައިވެސް އޭނާގެ ހިތް ބުންޏެވެ.
" މާޒް ކޮންތާކަށް ތިދަނީ؟…" ސައިކަލު ތަޅުދަނޑި ހިފައިގެން ބޭރަށް ނުކުންނަން ފެށުމުން ފަހުދު ސުވާލުކުރިއެވެ.
" އެބައަންނަން…" މާޒް އެހެން ބުނެލަމުން އަވަހަށް ގެއިން ނުކުތެވެ.
ޝައުން އޭނާގެ ފޯނާއި ކުޅެން އޮއްވައި ސިހުނީ ކޮޓަރި ދޮރުގައި މީހަކު ޓަކިދިނުމުންނެވެ. އޭނާއަށް ގޭގައި މިއޮވެވުނީ އެކަނިކަންވެސް ރޭކާލީ ދެނެވެ.
" ކާކު؟.." ބިރުން އޮވެ ޝައުން ސުވާލުކުރިއެވެ.
" އަހަރެން…ދޮރުހުޅުވަބަލަ!…" މާޒް ޖަވާބުދިނެވެ.
" މާޒް…ކިހިނެއްވީ؟…" ހައިރާންވެފައި ޝައުން ސުވާލުކުރިއެވެ.
" ކުއްޖަކަށް ޝައުން ނެތިގެން ނުކެވިގެން މިއައީ….ދެންވެސް ހިނގާބަލަދާން…" މަޖާވެލާފައި މާޒް ބުންޏެވެ. ޝައުން އިންކާރުކުރަން ބޭނުންވި ނަމަވެސް އާއިން ގޮތްދޫނުކުރާނޭ ހިތަށްއެރުމުން އޭނާ ދާން އެއްބަސްވިއެވެ.
ޝައުން ގޮވައިގެން މާޒް އައިއިރު، ގިނަމީހުންތިބީ ކައިނިމިގެން ސިޓިންރޫމުގައެވެ.
" ޝައުން ބަލާދޯ ތިދިޔައީ؟…" މާޒްއާއެކު އައިސް ޝައުން ވަތްތަން ފެނުމުން ފަހުދު ބުނެލިއެވެ.
ޖެހިލުންވެހުރެ އައިސް ޝައުން ސޯފާގައި އިށީނެވެ.
" ޝައުން އާދޭ އަހަރެމެންނާއެކު ކާން….އަދި އަހަރެމެންވެސް ނުކަމޭ…." އަމީލާ ޝައުންއަށް ގޮވާލަމުން އެހެންބުނުމުން ޝައުން ހައިރާންވެފައި ބަލާލިއެވެ. މީގެކުރިން އަމީލާ އިސްވެ އެންމެ ފަހަރަކުވެސް ޝައުންއާ ވާހަކައެއް ނުދައްކައެވެ. އެހެންކަމުން ތޫބާވެސް އިނީ އެމަންޒަރު ފެނި ހައިރާންވެފައެވެ. ނަމަވެސް އާއިންގެ ހިތަށް އެކަމުން އުފާވެރިކަމެއް ލިބުނެވެ. އޭނާގެ މަންމައާއި ޝައުންގެ ގުޅުން ރަނގަޅުވުމަށް އޭނާ އަބަދުވެސް އެދެއެވެ. އަމީލާގެ އެދުމާއި ދެކޮޅުހަދަން ނުކެރިގެން ޝައުން ކާކޮޓަރިއަށް ގޮސް އެމީހުނާ އެކުގައި ކެއުމުގައި ބައިވެރިވިއެވެ. ފަހުދުގެ އަންހެނުން ޒަހުރާވެސް އެމީހުނާ ބައިވެރިވިއެވެ. އަމީލާއާއި ޒަހުރާ އެކި އެކި ވާހަކަތައް ދައްކަމުން ދިޔައިރު، ތޫބާއާއި ޝައުންތިބީ ހިމޭންކަން މަތީގައެވެ. ތޫބާ ޝައުންދެކެ ރުޅިއަންނަކަން ޚުދު ޝައުންއަށްވެސް އެނގޭތީ އޭނާއިނީ ތޫބާގެ ކުރިމަތީގައި އިންނަންވުމުންވެސް އުނދަގޫވެފައެވެ. މިއެންމެންގެ މެދުގައި އޭނާއަށް އަދިވެސް ބީރައްޓެހިކަން އިހުސާސްކުރަން ޖެހެއެވެ.
އެންމެން ކައިނިމިގެން އެއްތަންވުމުން ދަތުރު ދިއުމުގެ މައުލޫއު ފެށުނެވެ ދަތުރުދާނެ ތަނަކާއި ދުވަހަކާމެދު މަޝްވަރާކުރެވެން ފެށުނެވެ. މޫސުން ރަނގަޅުނަމަ ޖެހިގެން އަންނަ ހޮނިހިރު ދުވަހު ކައިރި ފަޅުރަށަކަށް ދަތުރަކު ދިއުމަށް އެމީހުން ނިންމިއެވެ. އެހެންކަމުން ދަތުރަށް ބޭނުންވާ ސާމާނުގެ ލިސްޓެއް ހެދިއެވެ.
" ކޮބާ ހިނގާދަމާ….އަނެއްކާ ވާރޭވެހެން އުޅޭހެން ހީވަނީ…އަވަހަށް ދިޔައީމަ ގެޔާހަމައަށް ފޯރާނީ…" ބޭރުބަލާލަމުން ފަހުދު ބުންޏެވެ.
" ޝައުންދޭ އާއިންއާއެކު…އަނާ ނިދާފައޮތީ އަހަރެންދާނަން ވޭނުގަ…" ޝައުން ވޭނަށް އަރަން ދިމާކޮށްލުމާއެކު ފަރަހަނާޒް ބުންޏެވެ. އެހެންކަމުން ޝައުން މަޑުކޮށްލިއެވެ.
" ގުޑްނައިޓް" އައިރާ ގޮވައިގެން ސައިކަލަށް އަރާފައި އާއިންއަށް ބަލާލަމުން މާޒް ބުނެލިއެވެ.
" ގުޑްނައިޓް" އާއިންވެސް ހިނިތުންވެލަމުން ރައްދުދިނެވެ. ވޭން ސްޓާރޓްކޮށްލުމުން އާއިންވެސް ސައިކަލަށްއެރިއެވެ. ޝައުންވެސް ބަހެއްނެތި ހިމޭންކަމާއެކު އާއިންގެ ފަހަތަށް އަރާއިށީނެވެ.
" އަހަރެންނަށް ޝައުން ހިތްހަމަ ނުޖެހޭގޮތަކަށް ކަމެއްކުރެވިފަ ވާނަމަ މާފަށް އެދެން…" ސައިކަލު ދުއްވާލަމުން އާއިން ބުނެލިއެވެ. އާއިންގެ އަޑުގައިވި މޮޅިވެރިކަމެއްގެ ސަބަބުން ޝައުންގެ ހިތުގައި ޖެހުނެވެ. ނަމަވެސް އޭނާ ބަހެއްވެސް ނުބުނެ އެއިންގޮތަށް އިނެވެ.
" އަހަރެން އަބަދުވެސް މަސައްކަތް މިކުރަނީ ޝައުންވެސް ހިތްހަމަޖެހޭގޮތަށް ކަންތައް ކުރެވޭތޯ….އެކަމު އަހަރެންނަކަށް ނޭނގެ ޝައުން އެހާބޮޑަށް ހިތްހަމަ ނުޖެހެން އަހަރެންނަށް ކުރެވުނުކަމެއް….ހަވީރު ގަޑީގަ ނާޒްއާއެކު ބުރެއްޖަހާލަން ދިޔައީމަތަ ހިތްހަމަ ނުޖެހުނީ؟…ބުނެބަލަ! އޭރުންތާ ދެން އެގޮތަށް ކަންތައް ނުކުރަންވެސް އެނގޭނީ…" ސީރިއަސްކަމާއެކު އާއިން ވާހަކަދެއްކިއެވެ.
" އާން ކިތަންމެ ވަރަކަށް ނާޒްއާއެކީ ބުރުޖެހިޔަސް އަހަރެންގެ ހިތަކަށް އެކައްޗެއްވެސް ނާރާ….އާން ތިހެންބުނީމަ ހީވަނީ އަހަރެން ބޭނުންވެގެން ކުރި ކައިވެންޏެއްހެން މިއީ…." އާއިންގެ ބުނިއެތިން ނުރުހުންވެފައި ޝައުން ޖަވާބުދިނެވެ.
" ބޭނުންވެގެން ނޫނަސް އެހެންމީހުންގެ ކުރިމަތީގަ އުޅޭއިރު އެކަން ނުދައްކާ އުޅެވޭތޯ ބަލަންޖެހޭނެދޯ…..މިރޭވެސް އަހަރެންބުނި ގަޑީގަ އެކީގަ ދިޔަނަމަ މާޒް ނުފޮނުވާވީސްދޯ…" އާއިންވެސް ޖަވާބުދިނީ ނުރުހުމާއެކުއެވެ.
" އަހަރެން ނުބުނަން މާޒް ފޮނުވާކަށް…އާން އަމިއްލައަށް ފޮނުވީ…އާންގާތު އަހަރެން ވަރަށް ސީރިއަސްކޮށް ބުނަންތަ ވާހަކައެއް….އާން އަހަރެން ލައްވާ ގަދަކަމުން ކަންކަން ކުރުވަން ނޫޅެބަލަ! އަދި ނާޒްގެ މައްޗަށް ބާރުފޯރުވާހެން ކޮންމެކަމެއްގަ އަހަރެންގެ މައްޗަށް ބާރުފޯރުވަން ނޫޅެބަލަ! އަހަރެން ކުރިންވެސްބުނިންދޯ އެގްރީމެންޓާ އެއްގޮތަށޭ އަހަރެން އުޅޭނީ….އާންއާ އެއްވެސް ގުޅުމެއް ބާއްވާކަށް ބޭނުމެއްނޫނޭ….ދެން މީހުންގެ ކުރިމަތީގަ އަހަރެންނަށް މާބޮޑަށް އަޅާލާކަށް ދައްކަން އުޅުމުގެ ބޭނުމަކީކޮބާ؟…އާންއަށް ނޭނގުނަސް ނާޒްވެސް ދެންތިބިމީހުންވެސް އަހަރެންނާމެދު ހިތްހަމަނުޖެހުން ފިޔަވާ އިތުރުކަމެއް ނުވާނެ….އާން އުފާކޮށްބަލަ، ނާޒްއާއެކު މިރަށުގަ ހިތްހަމަޖެހިގެން އުޅެން ވަގުތު ލިބުނީތީ…ދެމީހުން ބޭނުންވަރަކަށް ވަގުތު ހޭދަކުރިޔަސް އަހަރެންގެ ފަރުވާލެއްނެތް…އެކަމު އަހަރެން އުޅޭގޮތަށް އަހަރެން އުޅެން ދޫކޮށްބަލަ!…." ޝައުން އޭނާ ބޭނުންވާގޮތް ހާމަކުރުމުން އާއިން އިތުރަށް ރުޅިއަންނަ ގޮތްވިއެވެ. އެހެންކަމުން ކުއްލިއަކަށް އޭނާ ސައިކަލު މަޑުކުރިއެވެ.
" ޝައުން ތިދައްކާ ވާހަކައިން އަހަރެން ހަމަ ހައިރާންވޭ…ތިބުނާ އެގްރީމެންޓަކާ އަހަރެން ދެކޮޅެއްނޫނޭ…ޝައުންލައްވާ ގަދަކަމުން ކަމެއްކުރާކަށް އަހަރެން ނުވެސްއުޅެން…އެކަމު އެންމެނާއެކު މިރަށަށް އައިސް އުޅޭކަމަށްވަންޏާ އެމީހުނާވެސް ގުޅިގެންދޯ އުޅެވޭނީ..ޝައުންއަށް ކަމުނުދޭ ތޫބާއާ ގުޅޭކަށް، މަންމައާ ވާހަކަދައްކާކަށް…ނުވިތާއަށް އައިރާއާވެސް މިހާރު ގުޅުމެއް އޮންނަހެނެއް ހިއެއްނުވޭ…ޝައުން ތިހާ އެކަނި އުޅެން ބޭނުންވާއިރު، ކީއްކުރަން އެހެންމީހުން ގެންނާށޭބުނީ…ކީއްވެ އެކަނިމިރަށަށްނައީ؟…ތިގޮތަށް އުޅުމަށްވުރެ ރަނގަޅުވާނެ އަވަހަށް މާލެ ދިޔައްޔާ…އޭރުން މީހުންގެ ކުރިމަތީގަ ފަޟީހަތްނުވެ ސަލާމަތްވާނެ…" އާއިން ހިތްހަމަ ނުޖެހިފައި ވާހަކަދެއްކި ގޮތުން ޝައުން ދެރަވިއެވެ. ނަމަވެސް އޭނާ އެކަން އަންގާކަށް ބޭނުމެއްނުވިއެވެ.
" އަހަރެން ބުނިންދޯ މަންމަމެން އަހަރެންނާ ހިތްހަމައެއް ނުޖެހެޔޭ….ތޫބާވެސް އަބަދު ހުންނަނީ ރުޅިއައިސްފަ…ދެން ކީއްކުރަންތަ އެމީހުނާ އެއްގެއެއްގަ އަހަރެން ބެހެއްޓީ…އަނެއްގާގަ ބެހެއްޓިނަމަ އަހަރެންނަށް ހިތްހަމަޖެހިލައިގެން އުޅުވުނީސްދޯ…އަހަރެން ފެނުނަސް ތުންދަމާފަ ތިބޭ ބަޔަކާ އަހަރެން ވަކި ކިހިނެއް އެކުވެރިވާނީ…އެމީހުން ގެންނަން އަހަރެންވެސް ބުނީ އެމީހުނާ އެކުވެރިކަން އުފައްދަން ބޭނުންވާތީ….އެހެންނޫންނަމަ އެންމެން ގޮވައިގެން މިރަށަށް ނައިސް ކޮންމެވެސް އެހެންތާކަށްވެސް ދެވުނީސްދޯ….އަހަރެން ބޭނުންނުވީ ނާޒްއާ ވަކިން އާންގޮވައިގެން ތަނަކަށްދާން….އަހަރެން ހީކުރީ ނާޒްގެ ރަށަށްއައީމަ ނާޒްއާ ނާޒްގެ އާއިލާމީހުންގެ ހިތްވެސް އަހަރެންނަށް ހެޔޮވާނެކަމަށް….އެކަމު އަހަރެންނެއްނު ގޯސްމިވީ…އެހެންވީމަ މާދަމާ މާލެދާން އަހަރެންގެ ޓިކެޓް ހަމަޖައްސާ…އަހަރެން އެކަނި މާލެދާނަން…އޭރުން އާންއަށް އެހެންމީހުނާއެކު ހިތްހަމަޖެހިގެން މިރަށުގަ ވަގުތު ހޭދަކުރެވޭނެއްނު" ޝައުން ދެރަވީވަރުން އޭނާގެ އަޑުކުރެވުނެވެ. އޭނާއަށް ރޮވިދާނެހެން ހީވުމުން އޭނާ ސައިކަލުން ފުންމާލައިގެން ދުއްވައިގަތެވެ.
" ޝައުން…މަޑުކޮށްބަލަ! ކޮންތާކަށް ތިދަނީ؟…" ޝައުންގެ ފަހަތުން ސައިކަލު ދުއްވާލަމުން އާއިން ގޮވާލިއެވެ. ނަމަވެސް ޝައުން މަޑުކޮށްލުމެއްވެސް ނެތި މަގުހުރިގޮތަށް ދުވަމުން ދިޔައެވެ. ކުއްލިއަކަށް ގޯޅިން ނުކުތް ވެހިކަލެއްގެ އަލިއެޅުމުން ޝައުންއަށް ހުއްޓެވުނެވެ. ބާރުދުވެލީގައި އައި ވޭން ފެނިފައި ޝައުންއަށް ހަޅޭއްލަވައިގަނެވުނެވެ.
ނުނިމޭ