Last Updated: April 18, 06:09
Thursday, April 18, 2024
ޚަބަރު

ގައުމުގެ މަސަލަސްކަން ދަމަހައްޓައި ގުޅުންތައް ބަދަހި ކުރުމަށް ޙުތުބާގައި ގޮވާލައިފި

އިސްލާމީ މަރުކަޒުގައި ބަޔަކު ނަމާދުކުރަނީ -- ސަން ފޮޓޯ/ އަހްމަދު މުޖްތަބާ

ގައުމުގެ ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށާއި ގުޅުންތައް ވަރުގަދަ ކުރުމަށް މިއަދުގެ ޢީދު ޙުތުބާގައި ގޮވާލައިފިއެވެ.

ފިތުރު ޢީދުގެ ޙުތުބާގައި ގައުމެއްގެ އަމަން އަމާންކަމަކީ މާތްﷲ އެ ގައުމަކަށް ދެއްވާނެ އެންމެ ބޮޑު އެއް ނިއުމަތް ކަމަށް ވަނީ ބުނެފައެވެ. ޢީދު ނަމާދަށްޓަކައި އެއްވާ އެއްވުމުން ފެނިގެން ދަނީ މުސްލިމުންގެ އެއްބައިވަންތަކަން ކަމަށް ޙުތުބާގައި ވަނީ ބުނެފައެވެ. ހަސަދަވެރިކަމާއި ބައިބައިވުމާއި އަރާރުންވުމުން ދުރުހެލިވުމަށް ގޮވާލައި ޙުތުބާގައި ވަނީ ކޮންމެ މީހަކުވެސް އަނެކާގެ ހައްގު އަދާކުރުމަށް ބުނެފައެވެ.

ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައިވެސް މިއަދު ކުރި ފިތުރު ޢީދު ދުވަހުގެ ޙުތުބާގައި ޢީދު ދުވަހު އަރައިގެން އަންނަ އިރާއިއެކު ހިނިތުންވުމުގެ އިރު ފާޅުކުރުމަށް ވަނީ ބުނެފައެވެ. އެއީ ލޯތްބާއި ކުލުނާއި އަޚުވަންތަކަމުގެ ޝުޢޫރުތައް ފާޅުކުރުމެވެ. ގާތްތިމާގެ އެންމެންގެ މެދުގައި ރަހިމުގެ ގުޅުން އައު ކުރުމެވެ. އަދި ރަޙުމަތްތެރިންގެ މެދުގައި އެ ގުޅުންވެސް ބަދަހިކުުރުން ކަމަށް ޙުތުބާގައި ބުނެފައިވެއެވެ.

އިސްލާމްދީނުގައި ޢީދު ޝަރްޢު ކުރައްވާފައި ވަނީ ހަމައެކަނި އުފާފާޅުކޮށް މަޖާ ކުރުމަށް ނޫން ކަމަށާއި ޢީދު ޝަރްޢު ކުރައްވާފައި ވަނީ އިސްލާމީ އަފްރާދުންގެ މެދުގައި އެކުވެރިކަން އާލާ ކުރުމަށް ކަމަށްވެސް ޙުތުބާގައި ބުނެފައިވެއެވެ. ޢީދު ޝަރްޢު ކުރައްވާފައިވަނީ އިސްލާމީ އުޚްވަތްތެރިކަން ދެމެހެއްޓުމަށެވެ.

"ވަތަނުގެ އަމާންކަމަކީ މާތްﷲ އިންސާނަކަށް ދެއްވާނެ އެންމެ ބޮޑު އެއް ނިޢުމަތެވެ. އެއީ ތަރައްޤީއާ ހިތްހަމަޖެހުން ލިބުމުގެ އެއް އަސާސެވެ. އެއީ ކޮންމެ އިޚްލާސްތެރިއަކު ހަސަދަވެރިވާނެ ކަމެކެވެ. އެއީ ރަސޫލު ބޭކަލުން އެކަމަކަށްޓަކައި ދުޢާ ކުރެއްވި ކަމެކެވެ،" ޙުތުބާގައިވެއެވެ.

އަމާންކަން ނެތްތަނެއްގައި ހިތްހަމަ ޖެހުމެއް ނޯންނާނެ ކަމަށް ބުނެ ޙުތުބާގައި އިތުރަށް ބުނެފައިވަނީ އަމާންކަން ނެތް ތަނެއްގައި ހަމަޖެހުމެއްވެސް ނޯންނާނެ ކަމަށެވެ. އެހެންކަމުން އެންމެންވެސް ޤައުމު މަސަލަސްކުރުމަށް މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް ޙުތުބާގައި ބުނެފައިވެއެވެ. ޤައުމުގެ އަމާންކަމަށް ބުރޫއަރާނެ ފަދަ އެއްވެސް ކަމެއް އެއްވެސް މީހަކު ކޮށްގެން ނުވާނެ ކަމަށް ޙުތުބާގައި ވަނީ ބަޔާންކޮށްފައެވެ.