Last Updated: May 9, 02:20
Wednesday, May 8, 2024
ޚަބަރު

މޫސުމަށް އަންނަ ބަދަލުތައް ތަހައްމަލު ކުރަން ކުދި ގައުމުތަކަށް ވަގުތެއްނެތް- ޝާހިދް

ފޮޓޯ: ފޮރިން މިނިސްޓްރީ

މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވެދާނެ ނުރައްކާ ތަހައްމަލް ކުރުމަށް ރާއްޖެފަދަ ގައުމުތަކަށް ވަގުތުނެތް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ ބާލިންގައި ބޭއްވުނު ކްލައިމެޓް ޗޭންޖް އެންޑް ސެކިޔުރިޓީ ކޮންފަރަންސްގައި ވާހަކަދައްކަވަމުންނެވެ. މިނިސްޓަރ 2004 ވަނަ އަހަރު ދިވެހިރާޢްޖެއަށް ދިމާވި ސުނާމީގެ ކާރިސާގައި ރާއްޖެއަށް އެފަހަރުވެސް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށެވެ. އަދި ސުނާމީ ކާރިސާގައިވެސް ރާއްޖޭގެ ރަށްތަކަށް ލިބުނު ގެއްލުން ތަކުގެ ސަބަބުން އެ ރަށްތަކުގައި މީހުން ދިރިނޫޅޭވޭނެ ވަރަށް ގެއްލުން ލިބިފައިވުމުން، އަމިއްލަ ރަށްދޫކޮށް އެހެން ރަށްތަކަށް އެމީހުން ބަދަލުކުރަން ޖެހުނުކަމަށެވެ. އަދި ދިވެހި ރާއްޖެފަދަ ކުދި ޖަޒިރާ ގައުމުތަކަށް އެފަދަ ބޮޑު ގެއްލުމެއް ލިބުމަކީ ރާއްޖޭގެ އިގްތިސާދަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި، ރާއްޖެ އިގްތިސާދް އެކަމަށް އެންމެ ބަރޯސަވެފައިވާ އެއްކަމެއްވާ ފަތުރުވެރިކަމުގެ ސިނާއަތަށްވެސް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. އަދި މިދަފަ އިތުރު ގެއްލުމެއް ރާއްޖެފަދަ ގައުމަކަށް ލިބުމުގެ ކުރިން މިކަން ވިޔަނުދިނުމަށް އަޅަންޖެހޭނެ ހުރިހާ ފިޔަވަޅެއް މިހާރުއްސުރެން އަޅަންޖެހޭ ކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާތަކަށް އެކަށީގެންވާ ފިޔަވަޅު ވަގުތުން ވަގުތަށް އަޅަންޖެހޭ ކަމަށެވެ. އަދި މި ޒިންމާއަކީ ވަކި ބައެއް އަދާކުރަންޖެހޭ ޒިންމާއެއް ނޫންކަމަށާއި ހުރިހާ ގައުމެއްގެވެސް އެއްބާރުލުން މިކަމަށް ލިބެންޖެހޭކަމަށް މިނިސްޓަރގެ ވާހަކަފުޅުގަިއ ފާހަކަ ކުރެއްވިއެވެ. އަދި ޙާއްސަކޮށް ރާއްޖެފަދަ ކުދި ޖަޒީރާ ގައުމަކަށް މިފަދަ މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭނެ ގެއްލުން ތަހައްމަލް ކުރުމަށް ވަގުތު ނެތްކަމަށްވެސް މިނިސްޓަރގެ ވާހަކަފުޅުގައި ފާހަކަ ކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ 2018 ވަނަ އަހަރު އައިޕީސީސީ ގެ ރިޕޯޓްތަކުން ދައްކާގޮތުގައި ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުނު ކަމުގަިއ ވިޔަސް، ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ މިންވަރަށް ވަކި މަޑުޖެހުމެއްނެތި އުފުލެމުންދާނެ ކަމަށެވެ. އެހެންކަމުން ރާއްޖެފަދަ ކުދި ޖަޒީރާ ގައުމުތަކައް ނެތިގެން ހިގައިދާނެކަމުގެ ފުރުސަތު ބޮޑު ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތައް ކުޑަ ކުރުމަށް އެންމެންވެސް އެއްބާރުލާ، މިކަމަށް އެކަށީގެންވާ ފިޔަވަޅުތަކެއް މިހާރުން މިހާރަށް އެޅުމުގެ މުހިއްމުކަން ބޮޑު ކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކަށް ކުޑަކުރުމުގެ މަސައްކަތުގައި ރާއްޖެ އޮތީ ތައްޔާރަށްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.