Last Updated: April 16, 11:51
Tuesday, April 16, 2024
ރިޕޯޓް

ތިމާވެށީގެ ދުވަސް ފާހަގަކުރަން ރުއް ނެގުން ހުއްޓުވާ!

ކާށިދޫ އިން ރުއްކަނޑައިގެން ބާޖަކަށް އަރުވާފައި: ފޮޓޯ އަވަސް

މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ ތިމާވެށީގެ ދުވަހަށް ކަނޑައެޅިފައިވާ ޝިއާރަކީ "ވައި ނުސާފުވުން ހުއްޓުވުން" މިއެވެ. "ބީޓިން އެއާ ޕޮލިއުޝަން" ގެ ޝިއާރުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ އަމިއްލަ ފަރުދުންނާއި ކުޑަ ބޮޑު ޖަމާއަތްތަކުން އަންނަނީ ފޯރިއާއެކު ހަރަކާތްތައް ބާއްވަމުންނެވެ.

ތިމާވެށީގެ ދުވަސް ބައިނަލްއަގުވާމީ ގޮތުން މިއަހަރު ފާހަގަކުރާ ގައުމަކީ ޗައިނާއެވެ. ވައި ނުސާފުވުން ހުއްޓުވުމަކީ ޗައިނާއިން މިއަހަރަށް ކަނޑައަޅާފައިވާ ޝިއާރެކެވެ. ޗައިނާއިން މިއަހަރު ވައި ނުސާފުވުން ހުއްޓުވުމަށް މި ޝިއާރު ކަނޑައަޅާފައިވަނީ ދުނިޔޭގެ ވައިފަށަލަ ނުސާފުވެފައިވާ މިންވަރު އިންތިހާއަށް މައްޗަށް ގޮސްފައިވާތީއެވެ.

ސައިންސްވެރިން ހަދާފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި މިހާރު ދުނިޔޭގެ ވައިފަށަލަ ނުސާފުވެފައިވާ މިންވަރުން، ކޮންމެ މިނެޓަކު 13 މީހުން މަރުވެއެވެ. އަހަރެއްގެ މައްޗަށް 7 މިލިއަން މީހުން ވައި ނުސާފުވުމުގެ ސަބަބުން ލިބޭ ގެއްލުމުން ދުނިޔެ ދޫކުރެއެވެ. އަދި ނުސާފު ވަޔަކީ އޭގެ ނޭދެވޭ އަސަރު ހަމައެކަނި އިންސާނުންނަށް ފޯރާ މައްސަލައެއް ވެސް ނޫނެވެ. ވައި ނުސާފުވުމުގެ ސަބަބުން އިންސާނުންގެ އިތުރުން ޖަނާވަރުންނާއި ގަސްގަހާގެއްސަށް ވެސް އޭގެ ނުރައްކާ އިންތިހާއަށް ފޯރަމުން އެބަދެއެވެ.

ވައި ނުސާފުވުން ހުއްޓުވުން މިއީ ދިވެހި ރާއްޖެއާއި މިވަގުތަށް ވަރަށް ގުޅުން ހުރި ޝިއާރެއް ކަމުގައި ދެކެމެވެ. ނިމިގެން ދިޔަ ސަރުކާރުގައި ތިމާވެއްޓާއި ދެކޮޅަށް ގިނަ ގުނަ މަޝްރޫއުތަކެއް ހިންގިފައިވާއިރު ވެރިކަން ނިމެން ކައިރިވެފައިވަނިކޮށް ފެނިގެން ދިޔައީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ އިތުރުން ފަޅު ރަށްތަކުގައި އެއްކޮޅަކާ ގިނަ އަދަދަކަށް ރުއް ނަގައި ބޭރު ކުރުމާއި ރާއްޖޭގައި ހަދަމުންދާ ރިސޯޓުތައް ފެހި ކުރުމަށް ޖަހަން ފެށި ތަނެވެ.

ރުއް ގަހަކީ ވައި ސާފުކުރުމަށް ގުދުރަތީ ގޮތުން ލެވިފައިވާ ނިޒާމެކެވެ. ރުއްގަސް މަދުވުމަކީ މިއަދު ދުނިޔޭގެ ވައިފަށަލަ ނުސާފުވާން ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަން ސައިންސްވެރިން އަންނަނީ ފާހަގަކޮށް ކިތަންމެ ކުޑަ މިންވަރަކުން ވެސް ގަސް އިންދުން އިތުރުކުރަން ބާރު އަޅުމުންނެވެ.

އާ ސަރުކާރު ހުވާކުރުމާއެކު ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކާ ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތަކަށް އިތުރު ހިތްވަރެއް ލިބިގެން ދިޔައެވެ. މިސަރުކަރަކީ ތިމާވެށި ހިމާޔަތް ކުރުމަށް ކުރާ މަސައްކަތާއި، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތުގައި މުޅި ދެކުނު އޭޝިޔާގައި ވެސް ލީޑު ރޯލު ކުޅޭނެ ގައުމަކަށް ވާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ވައުދުވެވަޑައިގެންނެވިއެވެ.

ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރައީސް ސޯލިހު ވަނީ ވައިނުސާފުވުން ހުއްޓުވުމަށް ދެމެހެއްޓެނިވި ފިޔަވަޅުތަކެއް އަޅާނެ ކަމަށް ވިދާޅުވެ ޓުވީޓެއް ވެސް މިއަދު ކުރައްވާފައެވެ.

ނަމަވެސް ވެރިކަމުގައި ހުންނަވާ ސަރުކާރާއި ރައީސްގެ ފަރާތުން ރުއް ނަގައި ބޭރުކުރުން ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ކުރެވޭ ތަނެއް ނުފެނެއެވެ. އާންމުންގެ ޚިޔާލު ހޯދުމަށް އެންވަޔަރޮމެންޓް މިނިސްޓަރ ވަނީ ދާދި ފަހުން މަޝްވަރާގެ ފޯރަމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި ހާޒިރުވި ހުރިހާ އެންމެން ވަނީ ރުއް ނެގުން ހުއްޓުވުމަށް ސަރުކާރަށް ގޮވާލާފައެވެ.

ބައިނަލްއަގުވާމީ ތިމާވެށީގެ ދުވަހާއި ގުޅިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ތިމާވެއްޓާ ބެހޭ ޕްރޮޖެކްޓް ކޯޑިނޭޓަރ، ޝާޒިޔާ އަލީ
"އައްޑޫލައިވް" އަށް ވިދާޅުވީ، ވައި ނުސާފުވުން ހުއްޓުވަން ފަރުދީ ޒިންމާ އަދާ ކުރުމުގެ އިތުރުން ގައުމީ ފެންވަރުގައި ދިވެހި ސަރުކާރުން ކުރަން ޖެހޭ މަސައްކަތް ވެސް ނުހަނު ގިނަ އަދި ބޮޑު ކަމަށެވެ.

"ރާއްޖެފަދަ ނާޒުކު ތިމާވެއްޓެއްލިބިފައިވާ ގައުމަކުން، ޕޮލިއުޝަން ކުޑަކުރުމަށްޓަކައި ފަރުދީ ފެންވަރެއްގައި ކުރާކަންކަމުގެ އިތުރުން ގައުމީ ފެންވަރެއްގައި ވަރަށް ގިނަ ކަންތައްތަކެއް ކުރަން އެބަޖެހޭ. ޕޮލިސީތަކަށް ބަދަލުތަކެއްގެނެސް ތިމާވެއްޓަށް ނުރަނގަޅު އަސަރު ފޯރާކަންކަން ހުއްޓުވަން ޖެހޭ. މިގޮތުން، ފަޅުތައް ހިއްކައިގެން ތަރައްގީކުރާ ރިސޯޓުތަކަށް ގެންދިއުމަށްޓަކައި ރަށްރަށުން ގިނަ އަދަދަކަށް ނަގަމުންދާ ރުއްގަސް ނެގުން ހުއްޓުވުމާއި، ހާމަކޮށް ކުނި އެންދުންނޫން ގޮތަކަށް ރައްކާތެރިގޮތުގައި ކުނިނަންތާލެވޭނެގޮތްތައް ގާއިމުކުރުމާއި، އެއްގަމުގައި ދުއްވާ އެއްޗެއްސަށް ހާއްސަ ހަރުދަނާ ނިޒާމެއް ގާއިމުކޮށް، ރާއްޖެއަށް އެތެރެކުރާ އުޅަދުފަހަރު މަދުކޮށް އަދި އެތަކެތިން ބޭރުކުރާ ވިހަގޭސް މަދުކުރެވޭނެ ގޮތްތައް ހޯދަންޖެހޭ. ރަށްރަށުގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް ޕްލޭން ކުރާއިރު ހެދިފައިހުންނަގަސްތައް ޕްލޭންތަކުގައި ހިމެނޭގޮތައް ޕްލޭންކުރުމަކީ ވެސް ޕޮލިއުޝަން ކުޑަކުރުމަށް ވަރަށް މުހިއްމުކަމެއް." ޝާޒިޔާ އަލީ، ސީނިއަރ ކޯޑިނެޓަރ، ކްލައިމެޓް ގަވަނެންސް ޕްރޮޖެކްޓް، ޓްރާންސްޕޭރެންސީ މޯލްޑިވްސް

ފާހަގަކުރަމުން ދާ ތިމާވެށީގެ ދުވަސް ހެޔޮ ގޮތުގައި ފާހަގަކުރުމަށް، އަދި މި އަހަރުގެ ޝިއާރާ އެއްގޮތަށް އަމަލީ ގޮތުން މަސައްކަތް ކުރުމަށް މިއަދު ދިވެހި ސަރުކާރަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ، އަދި އެޅޭނެ އެންމެ މުހިންމު ފިޔަވަޅަކީ ރިސޯޓުތައް ފެހިކޮށް ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ ވަގުތީ މަންފާއެއް ހޯދުމުގެ ބަދަލުގައި ދިވެހި ޖަޒީރާ ރަށްތަކާއި ދިވެހި ރައްޔިތުންނަށް ލިބިފައިވާ ގުދުރަތީ ނިއުމަތް ކަމަށްވާ ރުއްގަސް ނެގުން ހުއްޓުވުމެވެ.

ތިމާވެށީގެ ނާޒުކުކަމާއި މޫސުމީ ބަދަލުތަކުގެ ނަތީޖާގެ އަސަރު އެންމެ ބޮޑަށް ކުރާ ގައުމަކަށް ދިވެހި ރާއްޖެ ވެފައިވާއިރު މި ނާޒުކު ކަމުން އަރައިގަތުމަށް ދިވެހި ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަކީ ދިވެހި ރައްޔިތުންނާއި ކުރިއަށް އޮތް ތަނުގައި މިގައުމުގައި ދިރިއުޅޭނެ ރައްޔިތުންގެ ހައްގުގައި ކުރަން ޖެހިފައި އޮތް މުހިންމު ކަމެކެވެ.