Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ރިހާނާ: ދުނިޔޭގެ އެންމެ މުއްސަނދި އަންހެން މިއުޒިޝަން!

މުއިޒިކީ ދާއިރާގައި ހަރަކާތްތެރިވާ އަންހެން ފަންނާނުންގެ ތެރެއިން ދުނިޔޭގެ އެންމެ މުއްސަނދި މިއުޒިޝަންގެ ލަޤަބު މަޝްހޫރު ލަވަކިޔުންތެރިޔާ ރިހާނާ ހޯދައިފިއެވެ.

އުމުރުން އެންމެ 31 އަހަރުގެ މުއްސަނދި ލަވަކިޔުންތެރިއާ ރިހާނާ ނުވަތަ އަސްލު ނަމުންނަމަ ރޮބީން ރިހާނާ ފެންޓީގެ، މިލްކިއްޔާތުގެ އަގު 600 މިލިއަން ޑޮލަރަށްވުރެން އިތުރުކަމަށް މަޝްހޫރު ފޯބްސް މަޖައްލާއިން ބުނެއެވެ. އެންމެ މުއްސަނދި އަންހެން މިއުޒިޝަންގެ ޝަރަފު ރިހާނާ ހޯދާފައިވަނީ މަޝްހޫރު އެތައް ބައެއް ފަހަތަށް ޖައްސާލުމަށްފަހުއެވެ. އޭގެ ތެރޭގައި މެޑޯނާ، ޑިއޯން އަދި ބިޔޯންސޭ ހިމެނެއެވެ. ރިހާނާއަކި ލަވަކިޔުމުގެ ދާއިރާއިން އެތަކެއް ކާމިޔާބީއެއް ހާސިލްކޮށްފައިވާ ތަރިއެކެވެ. އެގޮތުން އާންމުންގެ ތެރޭގައި އޭނާގެ ލަވަތަކުގެ ތެރެއިން އެންމެ މަޝްހޫރުވެފައިވާ ލަވަތައް ނުވަތަ އެންމެ ގިނަ ހިޓްސް ލިބިފައިވާ ލަވަތަކުގެ ތެރޭގައި "އަމްބްރެއްލާ" ، "ޑަޔަމަންޑްސް" އަދި " ވަޓްސް މައި ނޭމް" މި ލަވަތައް ހިމެނެއެވެ.

ލަވަލިޔުމުގެ އިތުރަށް ރިހާނާއަށް އާމްދަނީ ލިބޭ މައިގަނޑު ވަޞީލަތަކީ އޭނާގެ ވިޔަފާރިތަކެކެވެ. އޭނާގެ އާމްދަނީގެ އެންމެ ބޮޑުބައެއް ޚިއްސާކުރަނީ މަޝްހޫރު ލުއިވިއްޓޮންއާއެކު ހަދާފައިވާ ޕާޓްނަރޝިޕްގެ ދަށުންނެވެ.

ރިހާނާގެ ވިޔަފާރިތަކުގެ ތެރެއިން، މިދިޔަ އަހަރު ލޯންޗުކުރި ލޯންޖަރީ ބްރޭންޑެއްކަމަށްވާ ސެވޭޖް އެކްސް ފެންޓީއާއި 2017 ވަނަ އަހަރު ލޯންޗުކުރި ކޮސްމެޓިކްސް ބްރޭންޑެއްކަމަށްވާ ފެންޓީ ބިއުޓީ ހިމެނެއެވެ. މަޝްހޫރު މަޖައްލާއެއްކަމަށްވާ ފޯބްސްއިން ބުނާގޮތުންނަމަ، ރިހާނާގެ ފެންޓީ ބިއުޓީ ކޮސްމެޓިކް ވިޔަފާރިއިންވެސް ފުރަތަމަ ފަނަރަ މަސްދުވަހު ތެރޭގައި، ގާތްގަނޑަކަށް 570 މިލިއަން ޑޮލަރުގެ އާމްދަނީއެއް އޭނާއަށް ލިބިފައިވާކަމަށެވެ.

މިދިޔަ މަހު ރިހާނާވަނީ ލުއިވިއްޓޮންއާ ގުޅިގެން އޭނާގެ ފުރަތަމަ އޮރިޖިނަލް ފެޝަން ބްރޭންޑެއްކަމަށްވާ، "ފެންޓީ"ގެ ނަމުގައި އޭނާގެ އަމިއްލަ ފެޝަން ބްރޭންޑެއް ލޯންޗުކޮށްފައެވެ. މި ލޯންޗުކުރިކުރުމާއެކު، ރިހާނާއަކީ ކަޅު ނަސްލުގެ މީހުންގެ ތެރެއިން އޭނާގެ އޮރިޖިނަލް ފެޝަން ބްްރޭންޑެއް ތައާރަފްކުރި ފުރަތަމަ އަންހެން މީހާއެވެ.