Last Updated: April 26, 18:07
Friday, April 26, 2024
ކުޅިވަރު

ކޮޕަ އެމެރިކާގައި ކުޅުމުގެ ފުރުސަތު ނޭމާ އަށް ގެއްލިއްޖެ

އަނިޔާގެ ސަބަބުން ކޮޕަ އެމެރިކާގައި ކުޅުމުގެ ފުރުސަތު ބްރެޒިލްގެ ހުނަރުވެރި ފޯވާޑް ނޭމާ އަށް ގެއްލިއްޖެއެވެ.

ނޭމާގެ ފަޔަށް އަނިޔާވެފައިވަނީ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރޭ ކުޅުނު އެކުވެރިކަމުގެ މެޗުގައި 2-0 އިން ގަތަރުގެ މައްޗަށް ބްރެޒިލް އިން ކުރި ހޯދި މެޗުގައެވެ.

ބްރެޒިލްގެ ގައުމީ ޓީމުން ނެރުނު ބަޔާނެއްގައި ބުނީ އަނިޔާވެފައިވަނީ ނޭމާގެ ފައިގެ ކުޑަހުޅަށް ކަމަށާއި، އެ އަނިޔާގެ ސަބަބުން މުބާރާތުގައި ކުޅުމުގެ ފުރުސަތު ނޭމާ އަށް ގެއްލިފައިވާ ކަމަށެވެ.

ފްރާންސްގެ ޕީއެސްޖީ އަށް ކުޅެމުން އަންނަ ނޭމާ އަށް މިފަހަކަށް އައިސް ވަނީ އަނިޔާގެ ގިނަ މައްސަލަތަކަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން މިދިޔަ ޖެނުއަރީ މަހު ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއަކާ ގުޅިގެން ނޭމާ ވަނީ އޭޕްރީލް މަހުގެ ނިޔަލަށް ކުޅުމާ ދުރުގައި ހުންނަން ޖެހިފައެވެ.

ނޭމާ އަށް ހަމަ މިފަދަ އަނިޔާއެއް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ވެސް ލިބުނުއިރު، އެ އަނިޔާއާ ގުޅިގެން ނޭމާ އަށް އެފަހަރު ވަނީ ސީޒަނުގެ ބާކީ ބައިގައި ކުޅެވޭ ގޮތް ވެސް ނުވެފައެވެ.

ނޭމާއާ ނުލައި ބްރެޒިލް އިން ކޮޕަ އެމެރިކާގައި ކުޅެން ޖެހިފައިވާއިރު، ބްރެޒިލް އަށް އެންމެފަހުން މި މުބާރާތް ކާމިޔާބު ކުރެވުނީ 2007 ވަނަ އަހަރުއެވެ.

މި މަހުގެ 14 އިން ޖުލައި ހަތްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ކޮޕަ އެމެރިކާ އޮންނާނީ ބްރެޒިލްގައެވެ. ބްރެޒިލް ހިމެނެނީ ގްރޫޕް އޭގައި ކަމަށްވާއިރު މި ގްރޫޕްގައި ދެން ހިމެނެނީ ބޮލީވިއާ އާއި ވެނެޒުއެލާގެ އިތުރުން ޕެރޫއެވެ.